އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ފޯނުން މިއަދު ގުޅުއްވައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ސްޓްރެޓީޖިކް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ފޯނު ކޯލުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ އިންޑިއާއާއި އެމެރިކާއާ ދެމެދު އޮންނަ ކޮމްޕްރިހެންސިވް ގްލޯބަލް ސްޓްރެޓީޖިކް ޕާޓްނާޝިޕް އެކި ދާއިރާތަކުން އިތުރަށް ފުޅާކުރުމަށެވެ.

އިންޑިއާ ސަރުކާރުގެ ރަސްމީ ބަޔާންތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވިޔަފާރިއާއި، ދިފާއީ ދާއިރާއާއި، އާ ޓެކްނޮލޮޖީގެ އިތުރުން ހަކަތައިގެ ރައްކާތެރިކަމާއި މުހިންމު މައުދަންތަކުގެ ރޮނގުން ގުޅުން ބަދަހިކުރުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ. މީގެ އިތުރުން، ވެންސްގެ ދެކަނބަލުންނަށް ދަރިކަލަކު ލިބިވަޑައިގަތުމާ ގުޅިގެން މޯދީ ވަނީ އެ އާއިލާއަށް ތަހުނިޔާ ވިދާޅުވެފައެވެ.

މި ފޯނު ކޯލު ކުރިއަށްދިޔައިރު، އިންޑިއާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ބޮޑު އެއްބަސްވުމެއް އެކުލަވައިލުމުގެ އެންމެ ފަހުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ކޯލާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަޝިޔާގެ ތެލާއި ގޭސް ގަންނަ ގައުމުތަކުން ނަގާ ޓެކްސް ބޮޑުކުރުމަށް އެމެރިކާގެ ސެނެޓުން ފާސްކުރި ބިލާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ބެލެވެއެވެ. ނަމަވެސް، ދެ ގައުމުގެ ރަސްމީ އެއްވެސް ފަރާތަކުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.