އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެއަށް ދޭ 48.50 ބިލިއަން ރުޕީސް (506.58 މިލިއަން ޑޮލަރު)، ގާތްގަނޑަކަށް 7.7 ބިލިއަން ދިވެހި ރުފިޔާގެ ކްރެޑިޓް ލައިނަށް އަމަލުކުރަން ފަށާފައިވާ ކަމަށް ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ބުނެފިއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފެސިލިޓީގެ ދަށުން ރާއްޖޭގައި ހިންގާ ތަރައްގީގެ ވަކިވަކި މަޝްރޫއުތަކަށް ފައިސާ ދޫކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަގު މިހާރު ވަނީ ފަހިވެފައެވެ.
ރިޒާވް ބޭންކް އޮފް އިންޑިއާއާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވާ ގޮތުގައި، މި ކްރެޑިޓް ލައިންގެ ދަށުން ފައިސާ ދޫކުރާނީ މަދުވެގެން 5 ބިލިއަން ރުޕީސްގެ އަގުހުރި ވަކިވަކި މަޝްރޫއުތަކަށެވެ. މި އެއްބަސްވުމުގެ ދަށުން ފައިސާ ހަމަޖައްސާ ކޮންޓްރެކްޓްތަކަށް ބޭނުންވާ މުދަލާއި، މަސައްކަތްތަކާއި، ހިދުމަތްތަކުގެ އަގުގެ މަދުވެގެން 75 އިންސައްތަ ފޯރުކޮށްދޭން ޖެހޭނީ އިންޑިއާގެ ވިޔަފާރިވެރިންނެވެ. ބާކީ 25 އިންސައްތަ އިންޑިއާއިން ބޭރުން ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ ބޭންކުން ބުނެފައިވެއެވެ. މި ޝަރުތުގެ ސަބަބުން އިންޑިއާގެ މުދަލާއި ހިދުމަތްތަކަށް އޮންނަ ޑިމާންޑު އިތުރުވެގެންދާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން، އެކްސްޕޯޓުކުރުމުގައި އޭޖެންސީ ކޮމިޝަން ދިނުމަށް މި ކްރެޑިޓް ލައިންގެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށް އާރްބީއައި އިން ވަނީ އަންގާފައެވެ. ނަމަވެސް، އެކްސްޕޯޓަރުންނަށް އެ މީހުންގެ އަމިއްލަ ފައިސާއިން ނުވަތަ އެކްސްޗޭންޖް އާނާސް ފޮރިން ކަރަންސީ އެކައުންޓްގައި ހުރި ފައިސާއިން އެފަދަ ކޮމިޝަންތައް ދެވިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އާރްބީއައިގެ ސާކިއުލާގައިވާ ގޮތުން، މި ފެސިލިޓީގެ ދަށުން ފައިސާ ދޫކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ ކޮންޓްރެކްޓް ނިމޭނެ ކަމަށް ކަނޑައަޅާފައިވާ ތާރީހުން ފެށިގެން 48 މަސްދުވަހުގެ ނިޔަލަށެވެ. މި މުއާމަލާތްތަކުގައި ބޭނުންކުރާ އެކްސްޗޭންޖް ރޭޓަކީ 1 ޑޮލަރަށް 95.7400 އިންޑިއާ ރުޕީސްއެވެ.
ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް ފައިސާ ހަމަޖެއްސުމަށްޓަކައި އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) މެދުވެރިކޮށް ރާއްޖެއަށް ކްރެޑިޓް ލައިނެއް ދިނުމަށް އިންޑިއާއިން އެއްބަސްވެފައިވަނީ 25 ޖުލައި 2025 ގައެވެ. އެއީ އެ އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ހަމަޖައްސަވައިދެއްވައި، އިންޑިއާއާއި ރާއްޖެއިން ސޮއިކުރި ކްރެޑިޓް ލައިނެކެވެ.
ރާއްޖޭގެ ބަޖެޓު ސަޕޯޓަށް އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ނެގި 150 މިލިއަން ޑޮލަރު މި ސަރުކާރުން މިހާރު ވަނީ އެއްކޮށް ދައްކައި ހަލާސްކޮށްފައެވެ. އޭގެ ތެރެއިން އެންމެ ފަހު 50 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ދައްކާފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް