އިންޑިއާގެ 80 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި، އެގައުމުގެ ރައީސާ ދުރޫޕަދީ މުރުމޫއަށާއި އިންޑިޔާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ނަރެންދުރަ މޯދީއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ރައީސް ވަނީ އިންޑިޔާގެ ލީޑަރުންނާއި ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފައެވެ.

ރައީސާ މުރުމޫއަށް ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޑިއާގެ ދިމިގުރާތީ ބަދަހިކަމާއި އިޖުތިމާއީ އަދި އިގުތިސޯދީގޮތުން ހޯދާފައިވާ ކުރިއެރުންތަކަކީ، މުހިއްމު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ސުލްހަޔާއި ހަމަޖެހުމާއި ތަނަވަސްކަން ގާއިމުކުރުމުގައި އިންޑިއާއިން އަދާކުރާ މުހިންމު ދައުރު ވެސް، އެމަނިކުފާނު ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބޮޑުވަޒީރު، ނަރެންދްރަ މޯދީއަށް ރައީސް ފޮނުއްވި ސިޓީފުޅުގައި، ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދެމުންގެންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ ދެމެދުގައި ގިނަ ދާއިރާތަކަކުން، އިސްތިރާޖީ ގޮތުން ގުޅުން ބަދަހިކޮށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ސިޓީފުޅުތައް ނިންމަވާލައްވަމުން، ރައީސް ވަނީ އިންޑިއާގެ ރައީސާ އާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އިންޑިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.