ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާއި އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސޮއިކުރަން ފަށާފައިވާއިރު މިއަދު 118 މީހުން ސޮއިކުރާނެ އެވެ.
ފެލެޓް ލިބުނު މީހުންނާއި އެކު މިއަދު ހެނދުނު 9:45 ގައި ސޮއި ކުރަން ފަށާފައިވާއިރު އެންމެ ފުރަތަމަ ސޮއި ކުރުމަށް ހަމަޖެހިފައިވާ 118 މީހުންގެ ލިސްޓެއް އެޗްޑީސީން ވަނީ އާންމު ކޮށްފަ އެވެ.
އެންމެ ފުރަތަމަ ސޮއިކުރުމަށް ހަމަޖެހިފައިވަނީ، އެއްބަސްވުން ތައްޔާރު ކުރުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތު ފުރިހަމަކޮށް އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތްތަކާ އެކު ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި ސޮއި ކުރުމުގެ ކަންތައްތައް ފަސޭހަކޮށް ކުރިއަށް ގެންދިއުމުގެ ގޮތުން ލިސްޓުގައިވާ ގޮތަށް އެފަރާތްތަކަށް ކަނޑައެޅިފައިވާ ވަގުތަށް ހާޒިރުވުމަށް ސަމާލުކަން ދިނުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.
- އެއްބަސްވުމުގައި ސޮއިކުރާ ފަރާތާއި އެކު އިތުރު ހެކިވެރިޔަކު ގެންދިއުން އަދި އެ ފަރާތްތަކުގެ އައިޑީކާޑުގެ ކޮޕީއެއް ގެންދިއުން
- ވެރިފަރާތުން ސޮއި ކުރުމަށް އެހެން މީހަކު ހަމަޖައްސާފައިވާނަމަ އެ ފަރާތާ އެކު ހެކިވެރިއެއް ގެންދިއުން
- ދެލި ނުފޭދޭ ގަލަމެއް އަދި އިނގިލީގެ ނިޝާން ޖެހުމަށް އިންކް ޕެޑެއް ގެންދިއުން
- ސޮއި ކުރުމަށް ހަމަޖެހިފައިވާ ހޯލަށް ވަދަވޭނީ ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތާއި ހެކިވެރިޔާއަށް އެކަނި
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފޭސްގައި އިމާރާތް ކޮށްފައިވާ 6,720 ފުލެޓަށް ހޮވިފައިވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖައްސާފަ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދާނީ ހުރަވީ ސްކޫލުގެ ހޯލްގައި ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އެއްބަސްވުމުގައި ސޮއިކުރަން ފެށި ނަމަވެސް ފްލެޓުތަކަށް ބޭނުންވާ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އަދި ނިމިފައި ނުވާ ކަމަށާއި އެހެންކަމުން އެއްބަސްވުމުގެ ދަށުން ފްލެޓަށް ފައިސާ ދައްކަން ފަށާ މުއްދަތު އަދި "ގްރޭސް ޕީރިއަޑް" ގެ ތިން މަސް ގުނަން ފެށޭނީ ފުލެޓަށް ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދެވުމުން ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ކަރަންޓުގެ މަސައްކަތް އެއްކޮށް ނުނިމެނީސް ޓަވަރުތަކުގެ ލިފްޓް ބޭނުން ކުރުމަކީ އެންމެ ރައްކާތެރިކަމަކަށް ނުވާނެތީ، ފުލެޓު ބޭނުންކުރުން ހުޅުވާލެވޭނީ ޓަވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެވުމުން ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު