އަންޒަމާނުއްސުރެ ބޭރު މީހުންނަށް ހީކުރެވިފައި ވަނީ ތާވައްކާއްޓަކީ ދިވެހިރާއްޖޭގައި ހެދޭ އެއްޗެއް ކަމަށެވެ. މިއީ މަޝްހޫރު ސައިންޓިސްޓުންނަށް ވެސް އޮޅުންއަރާފައިވާ ކަމެކެވެ. މި އޮޅުމުގެ ސަބަބުން އޭގެ ނަމަކަށް ވެސް ދީފައިވަނީ ރާއްޖެއަށް ނިސްބަތްކޮށްފައި "ލޮޑޮއިސިއާ މޯލްޑިވިކާ"އެވެ. މިނަން މިގޮތަށް ދީފައިވަނީ ތާވައްކާށީގެ އަސްލު ވަޠަން ކަމުގައިވާ ސޭޝެލްސަގައި 1770 ގައި މީހުން ވަޒަންވެރި ވުމުގެ ކުރިންނެވެ. އެހެންވެ އެއީ ސޭޝެލްސްގައި ހެދޭ އެއްޗެއްކަން އެނގުމުގެ ކުރިންނެވެ.
ސައިންޓިސްޓުން މިހެން ތާވައްކާއްޓަށް ނަންދީފައި އޮތަސް އެއީ ރައްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް އިރަކު ހެދުނު އެއްޗެއް ނޫނެވެ. ހަޤީޤަތުގައި ތާވަށްކާށި ހެދެނީ އިންޑިއާ ކަނޑުގެ ޖަޒީރާ ޤައުމެއް ކަމަށްވާ ސޭޝެލްސްގައެވެ. ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ދަނޑުވެރިކަމުގެ ގޮތުން އެ ކާށި ހައްދައެއް ނުއުޅެއެވެ. ހައްދާފައި ހުރީ، ވަރަށް މަދުން، ސައިންސަށް ހައްދާ ބަގީޗާތަކުގައި، މިސާލަކަށް ސްރީ ލަންކާގެ ޕެރަދެނިޔާ ގާރޑަންގައެވެ. ތާވައްކާށި، މި ނަން ދިވެހީން ބޭނުން ކުރާތާ އެތަކެއް ސަތޭކަ އަހަރުވެއްޖެއެވެ. އޭގެ ނާށިން އިހުޒަމާނުގައި ދިވެހިބޭސް ހަދައި އުޅުނެވެ. އެންމެ ގިނައިން ބޭނުންކުރީ ޖިންސީ ބާރު ގަދަކުރުމަށެވެ. ކުރީން އާއްމު އެއްޗަކަށް ވިޔަސް މިހާރު އެއީ ތަދު އެއްޗެކެވެ. މި ޒަމާނުގައި ތާވައްކާށީގެ ސިފަ ދެކެފައި އެ ވަކިކުރަން ދަންނަ މީހުން ދިވެހީންގެ ތެރޭގައި މަދެވެ.
1985 ގައި ރަޝިއާގެ ލިޔުންތެރިއެއް ކަމަށްވާ ނިކޮލައި އޮސިޕޮވް ބުނުއްވާފައި ވާ ގޮތުން އިހު ޒަމާނުގައި ކޮށް އުޅުނު ތާވައްކާށީގެ ވިޔަފާރިއަކީ ވަރަށް އަޖާއިބުކުރަނިވި ގޮތަކަށް ކުރި މުއާމަލާތެކެވެ. ވިއްކާ މީހާއަށް އޭނާ އެވިއްކަނީ ކިހިނެއް ލިބޭ ކޮން އެއްޗެއްކަން ނޭނގެއެވެ. ގަންނަ މީހާއަށް އޭނާ އެ ގަންނަނީ އަސްލު ކޮން އެއްޗެއްކަމެއްވެސް ނޭނގެއެވެ. އެ ވިޔަފާރީގެ އެންމެ މުހިންމު ކަސްޓަމަރުންނަކީ އިންޑިއާގެ ރަސްރަސްކަލުންނެވެ.
އިންޑިއާގެ ރާޖާއިން ތާވައްކާށި ބައްލަވައިގަންނަވަނީ ދެ ބޭނުމެއްގައެވެ. އެއް ބޭނުމަކީ ފިރިހެން ބޭހެއްގެ ގޮތުގައެވެ. އަނެއް ބޭނުމަކީ ވިހަލުމުގެ ނުރައްކަލުން ސަލާމަތް ވުމުގެ ގޮތުންނެވެ. އެ ރާޖާއިން އަބަދުވެސް ތިއްބަވަނީ އެ ބޭފުޅުންގެ ފަރިއްކޮޅަށް މީހަކު ޒަހަރު ލައިފާނެ ކަމަށް ބިރުފުޅުންނެވެ. އެ ދުވަސްވަރު ގިނަ ބަޔަކު ހީކުރަނީ ތާވައްކާށީގެ ނާށީގައި ހުންނަ ޖާދުވީ ބާރަކުން ޒަހަރުން ރައްކާތެރި ވެވޭ ކަމަށެވެ. އެހެން ކަމުން ބައެއް ރާޖާއިން އަބަދު ވެސް ފަރިއްކުޅުއްވަނީ އެ ނާށިން ހަދާފައި ހުންނަ ތަށީގައެވެ. ޒަހަރުން ރައްކާތެރިވާ ކަމަށް ބުނާ ކުށްހީ ފެތުރުމުގައި ދިވެހި ރާއްޖޭގެ ރަދުންގެ އަތްޕުޅެއް އޮވެދާނެ ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ.
މިގޮތަށް ތުހުމަތު ކުރަނީ ސަބަބެއް ނެތިއެއް ނޫނެވެ. ރާއްޖެއަށް ލަގުވާ ހުރިހާ ތާވައްކާއްޓަކީ ޤާނޫނީ ގޮތުން ރަދުންގެ މިލްކެވެ. ބޭރަށް އެ ވިއްކައިގެން ލިބޭ މަންފާއެއް ލިބެނީ އެ މަނިއްޕުޅަށެވެ. ވީމާ އޭގެ ބާޒާރު ފުޅާވުމަކީ ރަދުންގެ މަސްލަހަތު އެކުލެވޭ ކަމެކެވެ.
ތާވައްކާއްޓާ ގުޅިގެން ބައެއް އޮޅުންތައް އަރާފައި ވެއެވެ. އެގޮތުން ވަރަށް ގިނަ ދިވެހީންނަށް ހީވެފައި އޮންނަނީ ތާވައް ކާއްޓަކީ ދެކުނު އޭޝިއާގައި ވަރަށް ގިނައިން ހެދޭ ޕަލްމީރާ ކަމަށެވެ. އެއީ ރާއްޖޭގައި ވެސް މަދުމަދުން ހައްދާފައިވާ އެއްޗެކެވެ. އެހެންވެ ބައެއް މީހުން ތާވައްކާށި ރާއްޖޭގައި ހެދުނު ކަމަށް ކިޔައި އުޅެއެވެ. ހަޤީޤަތުގައި ތާވައްކާށި ރާއްޖޭގައި އެއްވެސް އިރަކު ނުހެދެއެވެ. ގަހާ ބެހޭ ސައިންސްވެރިން ބުނާގޮތުން ސޭޝެލްސް އިން ބޭރު އެއްވެސް ޤައުމެއްގައި ތާވައްކާށި ހެދިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިނެތެވެ. މިފަހުން ބައެއް ދިވެހީން ތާވައްކާއްޓަކީ ޑޫމް (އަރަބި ބަހުން ދޫމް) ފްރުޓްކަމަށް ވެސް ހީކުރިއެވެ. މިހާރު މި އޮޅުންތައް ވަނީ ސާފުކުރެވިފައެވެ.
ތާވައްކާށި ހެދޭ ސޭޝެލްސް އަކީ 18 ވަނަ ޤަރުނާ ޖެހެންދެން ފަޅުރަށެކެވެ. އާއްމުކޮށް މީހުން ގޮސް ވެސް އުޅުނު ތަނެއްނޫނެވެ. ވީމާ އެރަށުން ތާވައްކާށި ބޭރުވާން އޭރު އޮތީ ވަރަށް ހަނި މަގެކެވެ. އެއީ އަތިރިމަތީގައި ހުންނަ ރުކަކުން ބިމަށް ވެއްޓޭ ކާއްޓެއް ފަހުން މޫދަށް ފުރޮޅާލައިގެން އޮޔާ ގޮސްގެންނެވެ. އޮޔާދާނީ ރުއްފަޅަން ފަށައި ލުއި ވެފައިވާ ކާއްޓެކެވެ. ހަރު ކާށި ބަރުކަމުން ދާނީ އަޑިއަށެވެ. ފެން މައްޗަށް އަރާ ކާށި އޮޔާއެކު ވަރަށް ދުރަށް ދަތުރު ކުރެއެވެ. ހިކިފަސް ތަނަކަށް އެންމެ ގިނައިން ލައްވާލަނީ ދިވެހިރާއްޖެއަށެވެ.
ތާވައްކާށި އެހާ ދިގު ދަތުރެއް ކޮށްފައި އަންނައިރު ރުއް ފަޅަން ފެށި ލޯވަޅުން ހުންނާނީ ލޮނު ވަދެފައެވެ. ފަޅަން ފެށި ރުއް އޮންނާނީ މަރުވެފައެވެ. ރާއްޖެއަށް ލައްގާ ތާވައް ކާށިން ރުއް ހެދިފައި ނުވަނީ މިހެންވެގެންނެވެ.
ބައެއް ދިވެހީން ބުނާގޮތުން އިހުގެ ދިވެހީން ސޭޝެލްސްއަށް ގޮސް ވަގުރުކު އަޅައިގެން ތާވައް ކާށި ގެނެސް އެ ބޭރުކޮށް ހެދިއެވެ. މިއީ ނުވާނެ ކަމެކޭ ނުބުނެވޭނެއެވެ. އެހެނީ ސޭޝެލްސް އޮންނަނީ ރާއްޖެއިން މާބޮޑު އުނދަގުލަކާއި ނުލައި ދަތުރުކުރެވޭ ހިސާބުގައި 1300 މޭލު ދުރުގައެވެ. އެހެނަސް މިކަމަށް ބާރު ލިބޭ އެއްވެސް ކިތާބީ ހެއްކެއް ތާރީޚުން ފެންނާކަށެއް ނެތެވެ. އަދި ކުރީ ޒަމާނުއްސުރެ ކިޔަމުން އަންނަ ފޯކްލޯރ ވާހަކައަކުން ވެސް މިފަދަ ހެއްކެއް ފެންނާކަށް ނެތެވެ.
ތާވައް ރުކަކީ އާއްމުކޮށް 25 ން 35 މީޓަރުގެ ދިގުމިނަށް ހެދޭ އެއްޗެކެވެ. އޭގެ ފަންތައް ހުންނަނީ އަތުން ވިހޭ ފަންކާއެއްގެ ސިފަށެވެ. އޭގެ ދިގު މިނުގައި 8 މީޓަރު އަދި ފުޅާމިނުގައި 4.5 މީޓަރު ހުރެއެވެ. އަދި މެދުގައި 4 މީޓަރުގެ ފަންތޮއްޓެއް ހުރެއެވެ.
ތާވައްރުކުގެ އަންހެން ރުކާއި ފިރިހެން ރުއް ހުންނަނީ ވަކިންނެވެ. ފިރިހެން ރުކުގައި 1 މީޓަރު ދިގު މާގަނޑެއް އަޅައެވެ. މާގަނޑުގައި 10 ވަރަކަށް އަހަރުވަންދެން މާ އަޅައަޅާ ހުރެއެވެ.
ތާވައްކާއްޓަކީ ހުރިހާ ބާވަތެއްގެ މޭވާގެތެރެއިން ޤުދުރަތީ ގޮތުން ހެދޭ އެންމެ ބޮޑު މޭވާއެވެ. (އެއަށް ވުރެ ބޮޑު ކަރައާއި ބަރަބޮލަކީ މުޑުވައްކޮށްގެން ދަނޑުގައި ހައްދާ އެއްޗެއްސެވެ.) ތާވައްކާށި 42 ކިލޯއާ ހަމައަށް ބަރުވެއެވެ. ކާށީގެ އެއްފަރާތުން އަނެއްފަރާތަށް ދޮޅު ފޫޓު ވަރު ހުރެއެވެ. ކާށި އޮންނަނީ ފަތާކޮށް، މެދުން ދެ ބައިވެފައެވެ. ކޮންމެ ބައެއްގައި އޮށެއް އޮންނާނެއެވެ. ބައެއް ކާށީގައި ދެ އޮށަށްވުރެ ގިނައިން ހުރެއެވެ. އެ އޮށަކީ މިހާތަނަށް ސައިންސަށް ހޯދިފައިވާ އެންމެ ބޮޑު އޮށެވެ.
ރާއްޖޭގައި ދާދި ފަހަކާ ޖެހެންދެން ދިވެހި ބޭހުގައި ތާވައްކާށި ބޭނުންކޮށް ހެދިއެވެ. އެންމެ ގިނައިން ބޭނުންކުރީ ހުވަނދުބޭސް ހަދާށެވެ. އެކަމުގައި ބޭނުން ކުރީ އެ ކާށީގެ ނާށި އާދައިގެ ކާށިފެނުގައި ގާނައިގެންނެވެ. އިންޑިއާގެ ރަސްކަލުންގެ ބޭނުމަށް ތާވަށްކާށިން ބޭސް ހެދި ވާހަކަ އިސްވެ ބަޔާން ކުރެވިފައި އެވަނީއެވެ.
ތާވައްކާއްޓަކީ ނަސްލު ނެތި ހިނގައިދާނެ ކަމުގެ ބިރު ކުރިމަތި ވެފައިވާ އެއްޗެކެވެ. މިހާރު އެ ހެދިފައިވަނީ ސޭޝެލްސްގެ ޖަޒީރާތަކުން އެންމެ ދެ ރަށުގައެވެ. އެ ޤައުމުން ތާވައްކާށި ޙިމާޔަތްކުރަން ވަރަށް މަސައްކަތް ކުރެއެވެ. އެގޮތުން ތާވައްކާށި އެކްސްޕޯރޓް ކުރުން ވަނީ މަނާކޮށްފައެވެ. މީގެ އެއް އިސްތިސްނާއަކީ ސައިންސްގެ ބޭނުމަށް ދުނިޔޭގެ ޔުނިވަރސިޓީތަކަށް ދޭ ސާމްޕަލްތަކެވެ. އަނެއް އިސްތިސްނާއަކީ ބޭރު ޤައުމުތަކުގެ ފުރަމާނަ މެހެމާނުންނަށް ވެދުމަށް އެރުވުމެވެ. މީގެ ދަށުން ރާއްޖޭގެ ރައީސް އަށް ވެސް ތާވައްކާއްޓެއް ވެދުމަކަށް އެރުވުނެވެ. ބާކީ ކާށި ސޭޝެލްސްގައި ބޭނުންކުރަނީ ރުއް އާލާކުރުމަށެވެ.
ސޭޝެލްސްއިން ތާވައްކާށި އާލާކުރުމަށް ކުރާ މި މަސައްކަތް ކާމިޔާބު ވުމަކީ ދިވެހީންގެ ވެސް އެދުމެކެވެ. އެހެނީ އެއީ ދިވެހީންގެ ތާރީޚާ ގުޅި ލާމެހިފައިވާ އެއްޗެކެވެ. އޭގެ ނަން ވެސް ކީފައި ވަނީ ރާއްޖެއަށް ނިސްބަތްކޮށެވެ.
***************
އެޑިޓަރުގެ ނޯޓު: ޑރ. ޢަބްދުﷲ ވަހީދުއަކީ މެޑިކަލް ސަރޖަންއެކެވެ. ދިވެހި ރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމުގެ މަސައްކަތާއި ރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ވެސް ވަރަށް ކުރީއްސުރެ ކުރައްވައި، އިލްމީ ލިޔުއްވުންތައް ލިޔުއްވާފައިވެއެވެ. ދިވެހި ބަސް ދިރާސާ ކުރެއްވުމުގެ ދާއިރާގައި ވެސް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. ޑރ. ވަހީދުއަކީ ދައުލަތުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ހިމެނެއެވެ. ޑރ. ވަހީދަކީ ދިވެހި ބަހާއި ސިއްހީ ދާއިރާއާއި ތާރީހާއި ސަގާފަތުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާ ބޭފުޅެކެވެ.