ޔޫރޯ 2020 ގެ ފައިނަލް މެޗުގެ ކުރިން، އިންގްލެންޑުގެ ބައެއް ސަޕޯޓަރުން ޓިކެޓް، އަދި ނެގެޓިވް ޕީސީއާރް ޓެސްޓާ ނުލައި ދަނޑަށް ވަން މައްސަލަތަކެއް ޔޫއެފާއިން ބަލަން ފަށައިފިއެވެ.
އިންގްލެންޑާއި އިޓަލީ ވެމްބަލީގައި ކުޅުނު ޔޫރޯ 2020 ގެ ފައިނަލް މެޗުގެ ކުރިން އިންގްލެންޑު ދިދަ ހިފައިގެން ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ވެމްބްލީގެ ސެކިއުރިޓީ ފުނޑާލައި، ދަނޑު ތެރެއަށް ވަންނަން މަސައްކަތް ކޮށްފައެވެ. މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޓިކެޓް ނެތި ދަނޑަށް ވަދެގަނެފައެވެ.
ސެކިއުރިޓީ ބްރީޗް ހައްލުކޮށް ފަހުން އެމީހުން ބޭރުކުރި ކަމަށް ފައިނަލް މެޗުގެ ކުރީން އިނގިރޭސި އެފްއޭއިން ބުނި ނަމަވެސް، މަންޒަރުތަކުން ފެނުނު ގޮތުގައި އިންގްލެންޑުގެ އެތައް ސަޕޯޓަރުންނެއް ވަނީ ގާޑުންނަށް ބިރު ދައްކައި، ޓިކެޓް ނެތި ދަނޑަށް ވަދެފައެވެ. އެމީހުންގެ އަމަލުތައް ފެނުނީ ވަރަށް ދަށް ފެންވަރުގެ އަދި ބިރުވެރި އަމަލުތަކެއްގެ ގޮތުގައެވެ.
"އަހަންނަށް މިއީ ގަޑިއިރަކު 9.5 ޕައުންޑް ލިބޭ މީހެއް. އައިސް ވަޅި ދިއްކޮށްފައި ދަނޑަށް ވައްދާށޭ ބުނުމުން ދަނޑަށް ވައްދަން ގޭޓު ހުޅުވިން. އެއީ ފުރާނަ ދުއްވާލަން ބޭނުން ނުވާތީ. ވަރަށް ބާރަށް އައިސް ދިމާކުރި. ބައެއް ސެކިއުރިޓީ ގާޑުންނަށް ޖިންސީ ފުރައްސާރަވެސް ކޮށްފައިވޭ. އެއީ ނާތަހުޒީބު ސަޕޯޓަރުން،" ދަނޑުގައި ސެކިއުރިޓީ ބަލަހައްޓަން ހުރި ފަރާތަކުން ޓެލެގްރާފަށް ބުނެފައިވެއެވެ.
އެފްއޭގެ ޗީފް އެގްޒެކެޓިވް މާކް ބުލިންހަމް ބުނެފައި ވަނީ "ސަޕޯޓަރުންގެ ނަމުގައި" ގަދަކަމުން ވެމްބްލީއަށް ވަންނަން މަސައްކަތް ކުރި ފަދަ ނުރައްކާތެރި ބަޔަކާ މިހާތަނަށް އޭނާގެ ސެކިއުރިޓީ ޓީމާ ދިމާވެފައި ނުވާ ކަމަށާއި، އެކަމުގެ ސަބަބުން ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ. އޭނާ އިތުރަށް ފާހަގަ ކޮށްފައިވަނީ މަސްތުގެ ހާލަތުގައި ތިބި އެތައް ބަޔަކުވެސް އެ ސަރަހައްދުން ފުލުހުންގެ އެހީގައި ހައްޔަރު ކޮށްފައިވާ ކަމަށާއި، އެއީ ޔަގީންކަމާއެކު ސަޕޯޓަރުންކަން ބުނަން ނޭނގޭ ކަމަށެވެ.
ދަނޑަށް ވަން އިޓަލީ ސަޕޯޓަރުންނަށް ޖާގަ ގެއްލުމުގެ ވާހަކަތަކެއްވެސް މެޗުގެ ފަހުން ބޮޑުވެފައިވެއެވެ. ވެމްބްލީ ތެރެއަށް ޓިކެޓް ނެތް ސަޕޯޓަރުން ވަދެފައިވާ ކަމަށް އިންގްލެންޑްގެ އެފްއޭއިން ދޮގު ކުރި ނަމަވެސް އެކަން ހިނގިކަން ބައެއް ސަޕޯޓަރުންގެ ވާހަކަތަކުން ޔަގީންވެފައިވެ އެވެ. ބީބީސީއާ ވާހަކަ ދައްކަމުން އިޓަލީ ސަޕޯޓަރެއް ކަމަށްވާ ރޮބާޓާ ކުޕަރީ އާއި އޭނާގެ ރަހުމަތްތެރިޔަކު ބުނެފައި ވަނީ މެޗު ބަލަން ޖެހުނީ ކަނަކަށް ވަދެ ތިބެ ކަމަށާއި، ގޮނޑީގައި އިށީންނަން ފުރުސަތު ނުލިބުނީ ޓިކެޓް ނެތް، ނެގެޓިވް ޓެސްޓެއް ނެތް ސަޕޯޓަރުން ގޮނޑިތައް ފުރާލުމުން ކަމަށެވެ.
"އެއީ އަހަރެންގެ ހަޔާތުގައިވެސް ފެނުނު އެންމެ ނާތަހުޒީބު އަމަލުތައް. އެތައް ބަޔަކު އެތަނަށް ކުޑަކަމުގޮސް، މަސްތުވާތަކެތި ބޭނުންކުރިތަންވެސް ފެނުނު. އެހީއަށް އެދުނު ނަމަވެސް ގާޑުންގެ ފަރާތުން އެކަން ބަލައިފައެއް ނުވޭ. ނަސީބެއް އަހަންނަށް ދަރިފުޅު ނުލައި ދެވުނުކަން. އެރޭ ސްޓޭޑިއަމްއަކީ އެއްވެސް ވަރަކަށް ރައްކާތެރިތަނެއް ނޫން،" ކުޕަރީ ބުނެފައިވެއެވެ.
މުބާރާތު ތެރެއިން ޑެންމާކާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގައި އިންގްލެންޑުގެ ބައެއް ސަޕޯޓަރުން އަމަލުތައް ހުރި ގޮތުން ޔޫއެފާއިން ވަނީ އެގައުމުގެ އެފްއޭ 30،000 ޔޫރޯއިން ވެސް ޖޫރިމަނާ ކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު