ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތައް އަނބުރާލަން ކަމަށް ޕީޕީއެމުން ބުނެފިއެވެ.

ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރުމާ ގުޅޭ ގޮތުން ޕީޕީއެމުން ރޭ ނެރުނު ބަޔާނެއެއްގައި ބުނީ، މިމަހުގެ ނުވަ ވަނަ ދުވަހާއި 11 ވަނަ ދުވަހު ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ މީގެ ކުރިން ފުލުހަށް ހާޒިރުކޮށް، ބަޔާން ނަގައި އެންމެހައި ބަޔާންތަކުގައި ސޮއި ކުރައްވައި ތަހުގީގު މުޅިން ނިމިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް ޕީޕީއެމުން ބުނީ، ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުން ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު އޮތް ވަރު ހާމަވާ ކަމަށެވެ.

"އަދި މައްސަލަ ކުރިއަށް ގެންދާ ގޮތާއިމެދު ރައީސް ޔާމީން ގެ ފަރާތްޕުޅުން އެކަން ސާފުކޮށްދިނުމަށް އެދި ސުވާލު ކުރުމުންވެސް އެކަމަށް އިޖާބަ ދިނުމެއް ނެތި މަޖުބޫރުން ތަހުގީގު ނިމިފައިވާ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ކުރަމުން ގެންދާ މަސައްކަތަކީ، ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެގެންދާ ކަމެކެވެ." ޕީޕީއެމްގެ ބަޔާނުގައި ބުންޏެވެ.

ޕީޕީއެމުން ބުނީ، ރައީސް ޔާމީންގެ މައްސަލައިގެ ތަހުގީގެއް އަލުން ފަށާފައި މިވަނީ ސަރުކާރާއި މެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުންތައް އިތުރުވެ، ރައްޔިތުންގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވަމުންދާ މިދަނޑިވަޅުގައި، ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލުމުގެ ބޭނުމުގައި ކަމަށެވެ.

ޕީޕީއެމުން ވަނީ ފުލުހުންގެ މުއައްސަސާއިން ސިޔާސީ ނުފޫޒުތަކަށް ތަބާވުމެއް ނެތި، ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް، ގާނޫނީ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ކުރެއްވުމަށް ގޮވާލައިފައެވެ.