ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަލުން ޖަލަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.
ކ. މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ރައީސް ޔާމީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްފައިވަނީ މާފުށީ ޖަލުގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާތީއެވެ.
ކަރެކްޝަނަލް ސާވިސް އިން މިރޭ "ވަން" އަށް ބުނީ ރައީސް ޔާމީން މާފުށީ ޖަލަށް ބަދަލު ކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ޖަލަށް ބަދަލު ކުރުމާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ބުންޏެވެ.
މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ. މަނީ ލޯންޑާ ކޮށްގެން ރައީސް ޔާމީން ޖަލަށްލުމަށާއި ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުންވެސް ވަނީ ދަމަހައްޓައިފައެވެ.
މި މައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާވެސް ވަނީ ކޮށްފައެވެ.
މީގެ އިތުރުން ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ރުފިޔާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ކުރިއަށް ގެންދިޔަ ތަހުގީގާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހާއި މިއަދުވެސް ރައީސް ޔާމިން ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާނެ އިތުރު ތަހުގީގެއް ނޯންނާނެ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ ފުލުހުން ކުރިއަށްގެންދާ ތަހުގީގުން މިއަދު ތަނާޒުލްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު