މަރާލުމަށްފަހު ފޮށްޓަކަށް ލައި ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ރާއްޖެ ގެނެސް، މިއަދު ވަޅުލައިފިއެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މީހުން ދިރި ނޫޅޭ ސަރަހައްދުގެ މޫދު ތެރެއިން ފެނުނު އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާގެ ޓްރިވެންޑުރަމަށް ފޮނުވާލާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
ފުލުހުން ވަނީ މަރާލާފައި އޮއްވައި ފެނުނު ކުޑަކުއްޖާގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށް ބުނެފައެވެ. ޕޯސްޓްމޯޓަމްގެ ނަތީޖާ މިހާރު ލިބިފައިވާއިރު، ރިޕޯޓްގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ކުއްޖާގެ ޖަނާޒާ ކުރިއަށް ގެންގޮސްފައިވަނީ މިރޭ މަޣްރިބު ނަމާދަށް ފަހު އާސަހަރާގައެވެ. އަދި ޖަނާޒާއަށްފަހު އެކުއްޖާ މިހާރު ވަނީ ވަޅުލައިފައެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން، އެ ކުއްޖާއަކީ ރަހީނު ކޮށްގެން ގެންގުޅުނު ކުއްޖެކެވެ. އެކަމުގެ ރިޕޯޓު އާއިލާގެ ފަރާތުން ހުށަހަޅާފައި ވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. ކުއްޖާގެ ހަށިގަނޑު ފެނުނީ ޖެހިގެން އައި ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.
މި މައްސަލައިގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
އޭގެ ތޭރެއިން 17 އަހަރުގެ ފިރިހެން ކުއްޖާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް ވަނީ އިތުރު ކޮށްފައެވެ. އެގޮތުން ފުރަތަމަ ބަނަދަށް ޖެހި 15 ދުވަސް ހަމަވުމުން އަނެއްކާ އިތުރު 13 ދުވަސް ބަންދަށް ވަނީ ޖަހާފައެވެ. އަދި 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެ މީހުންނަށް ކުރަނީ ގަސްދުގައި މީހަކު މެރިކަމުގެ ތުހުމަތާއި ޖިންސީ ގޯނާގެ ތުހުމަތާއި މީހަކު ރަހީނު ކުރި ކަމުގެ ތުހުމަތުގެ އިތުރުން މާރާމާރީ ހިންގި ކަމުގެ ތުހުމަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު