ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ބަނދަރު ފުން ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 53 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި، އަދި ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި 4,582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ކުރާނެއެވެ.

މި މަޝްރޫއުއަކީ 48.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.