ޚަބަރު

މެންބަރު ކާނަލް ނާޒިމް ވެސް ޖޭޕީން ވަކިވެވަޑައިގެންފި

ދަނގެތީ ދާއިރާގެ މެމންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްވެސް ޖުމުހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގެންފި އެވެ.

ނާޒިމު އެކަން އާންމު ކުރެއްވީ، ޖޭޕީން ވަކިވެވަޑައިގަތުމަށް އެދިވަޑައިގެން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފޮނުއްވި ސިޓީ އާއްމުކުރައްވައި ކުރެއްވި ޓުވީޓަކުންނެވެ.

ޕާޓީން ވަކިވެވަޑައިގެންނެވި ކަމަށް ވިދާޅުވެ ކާނަލް ނާޒިމް، ގާސިމް އިބްރާހިމަށް ފޮނުއްވި އެ ސިޓީގައި ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީއެއް އުފައްދަވައި ދިވެހި ގައުމާއި، ރައްޔިތުންނަށް މިހާރަށްވުރެން ފުޅާ ދާއިރާއެއްގައި ހިދުމަތް ކުރެއްވުމަށް ގަސްތު ކުރައްވާތީ މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީގެ މެންބަރުކަމުން ވަކިވެވަޑައިގެންނެވި ވާހަކަ ދަންނަވާ ކަމަށެވެ.

"މި ފުރުސަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ޕާޓީގެ މެންބަރުން އަޅުގަނޑަށް ދެއްވި އެއްބާރުލުން ފާހަކޮށް އިހުލާސްތެރި ކަމާއެކު ޝުކުރު ދަންނަވަން،" ކަމަށްވެސް ނާޒިމްގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނާޒިމު އިސްތިއުފާ ދެއްވިއިރު، އޭނާއާއަކު އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގައި މަސައްކަތް ކުރައްވާ، ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ ރިޔާޒު ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.

ޖޭޕީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރިޔާޒް އިއްޔެ ފޮނުއްވި ސިޓީގައިވެސް ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީއެއް އުފައްދައިގެން ދިވެހި ގައުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ނިންމާފައިވާތީ އެ ޕާޓީގެ މެންބަރުކަމުން ވަކިވާ ކަމަށެވެ.

"މި ފުރުސަތުގައި މަނިކުފާނާއި ޖުމްހޫރީ ޕާޓީގެ އެންމެހައި މެންބަރުންގެ ފަރާތުން އަޅުގަނޑަށް ވެވަޑައިގެންނެވި އެންމެހައި އެހީތެރިކަމާއި އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ،" ކަމަށް ރިޔާޒުގެ ސިޓީގައިވެސް ވިދާޅުވެފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު "ވަން" އަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަމާބެހޭ މައުލޫމާތު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނު ކުރައްވާނެ ކަމަށެވެ. އަދި ނާޒިމް އުފައްދާ ސިޔާސީ ޕާޓީގެ ފަރާތުން ރައްޔިތުން ބަލައިގަންނަ ރައްޔިތުންގެ ތާއީދު އޮތް ކެންޑިޑޭޓަކު އެ ޕާޓީން އިންތިހާބަށް ނެރޭނެ ކަމަށްވެސް ވިދާޅުވިއެވެ.