Close
ޚަބަރު

ވަޒީފާ އަދާކުރާ ރަށާ ކައިރިއަށް ރިސޯޓް މުވައްޒަފުންގެ އާއިލާ ގެންދަން ހައުސިން ސްކީމްތަކެއް ފަށަނީ

2

އުފަން ރަށާ ދުރުގައި ވަޒީފާ އަދާކުރާ ރިސޯޓް މުވައްޒަފުންގެ އާއިލާ, އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ރިސޯޓެއް ކައިރީގައި އޮންނަ ރަށަކަށް ގެންދަން ހައުސިން ސްކީމުތަކެއް ފަށަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސަރުކާރުން ވަނީ ރިސޯޓް މުވައްޒަފުން ރިސޯޓުގައި ވަޒީފާ އަދާ ކުރުމަށްފަހު ޑިއުޓީ ގަޑި ނިމުމުން ރަށަށް ދެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފައެވެ. ނަމަވެސް އުފަން ރަށާ ދުރުގައި ވަޒީފާ އަދާކުރާ ރިސޯޓް މުވައްޒަފުންނަށް ނައިޓަށް ނުދެވޭ މައްސަލައިގައި ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މައުސޫމް ވިދާޅުވީ, ވަޒީފާ އަދާކުރާ ރަށް ކައިރީގައި ހުންނަ ރަށުގައި އާއިލާ އުޅޭނަމަ, އެރަށަކަށް ނައިޓަށް ދެވުނު ނަމަވެސް ކައިރީގައި ހުންނަ ރަށުގައި އާއިލާ ނޫޅޭ ނަމަ, އެކަމަށްވެސް މޮޑެލްއެއް ތައާރަފު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަލަށް ރިސޯޓް ހަދަން ހުޅުވާލާ ރަށްރަށުގައި ސްޓާފުންގެ އެކޮމަޑޭޝަން އެ ރަށުގައި ހެދުމުގެ ބަދަލުގައި ކައިރި ރަށެއްގައި އެކޮމަޑޭޝަން ހެދުމުގެ ފުރުސަތުވެސް މިހާރު ދީފައިވާނެ ކަމަށް ވިދާޅުވިއެވެ. އެހެން ހެދި ނަމަވެސް, ރިސޯޓުގައި މުވައްޒަފުން އަރާމު ކޮށްލަން ތަންތަން ހުންނަންވާނެ ކަމަށް ވިދާޅުވިއެވެ.

"މިހާރު ރިސޯޓް ޑިވެލޮޕާސްއަށް ފުރުސަތު މި ދިނީ ކޮންމެހެން ރިސޯޓުގައި އޮތް ކުޑަ ބިންކޮޅުގައި އެކޮމޮޑޭޝަން ނުހަދާށޭ. ކައިރި ރަށެއްގައި ހެދިދާނެއޭ. ކައުންސިލާ ވާހަކަ ދައްކައިގެން އެތަންތަން ހަދާނެ. އަޅުގަނޑުމެންވެސް ވަކިން މަސައްކަތް ކުރަން ކައުންސިލްތަކާ ވާހަކަ ދައްކައިގެން ރިސޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހައުސިން ސްކީމްސް ތައާރަފުކުރަން. އެކި ކަހަލަ ޑިވެލޮޕްމަންޓް ސްކީމުގެ ތެރެއިން. ގަތުމަށާއި ކުއްޔަށް އުޅުމަށާ," މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ, އެ ސްކީމާ ގުޅިގެން ޕްލޭނިން މިނިސްޓްރީއާއެކު މަޝްވަރާތަކެއްކޮށް, ކޮންސެޕްޓުގެ ވިސްނުންތަކާ އެއްޗެހި އެކުލަވާލާފައިވާ ކަމަށެވެ. އަދި އެފަދަ ސްކީމެއް ފަށާއިރު, ހައުސިން ސްކީމް ދޭ ރަށުގައި ރަނގަޅު ފެންވަރުގެ ސިއްހީ ނިޒާމާއި ސްކޫލު ހުންނަންވާނެ ކަމަށް ވިދާޅުވިއެވެ.

"ރިސޯޓުގައި މަސައްކަތްކުރާ ކުދިން ރިސޯޓުގަ އަބަދު ހުންނަންޏާ ދުވަހަކުވެސް އޮފްގެ ފީލިންއެއް ނުލިބޭނެ. އެ އިހުސާސެއް ނުވާނެ. އަބަދުވެސް އޮން ކޯލްގަ ހުންނާނީ. ވަޒީފާ ނިންމާލާފައި ރަށުން ބޭރަށް ދިޔައީމަ އަސްލު ވަޒީފާއާ ދުރަށް ޖެހިލެވުނުކަމުގެ ފީލިންއެއް އަންނާނެ," މިނިސްޓަރު ވިދާޅުވިއެވެ.

އުސޫލު މިހާރު އޮންނަ ގޮތުން, ރިސޯޓް ހަދާ ރަށެއްގައި އެ ތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެކޮމަޑޭޝަން ހަމަޖައްސަން ޖެހެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟