ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ހައެއްގައި ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވައިލި، އިންކުއެރީ ރިޕޯޓު، އުއްތަމަ ފަނޑިޔާރު އަހްމަދު މުއަތަސިމް އަދުނާނަށް އަރުވައި ތިން ބާރުގެ ވެރިންނަށް އެ ރިޕޯޓް ރައްދުކޮށްފި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ހިންގާފައިވާ ޕާލިމަންޓަރީ އިންކުއަރީގެ މަސައްކަތް ނިންމި ގޮތުގެ ރިޕޯޓް އުއްތަމަ ފަނޑިޔާރަށް އަރުވާފައިވަނީ އިއްޔެ ހަވީރު އެވެ.

އޭގެ ކުރިން އެ ރިޕޯޓް އެންމެ ފުރަތަމަ އަރުވާފައިވަނީ ވެރިކަން ހިންގުމުގެ ބާރުގެ ވެރިޔާ އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާ، ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އަދި އޭގެ ފަހުން ގާނޫނު ހަދާ ބާރުގެ ވެރިޔާ އަދި މަޖިލީހުގެ ރައީސް މުަހައްމަދު ނަޝީދަށް ވަނީ ރިޕޯޓް އަރުވާފަ އެވެ.

މަހެއްހައި ދުވަހުގެ މަސައްކަތުން ނިންމާލި އެ ރިޕޯޓުން އާންމު ކޮށްފައިވަނީ 271 ސޮފުހާ އެވެ. އާންމުކުރި އެ ރިޕޯޓުން ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބެލެވޭ ބައިތައް އުނިކުރި ނަމަވެސް އެ ބައިތައް ވަނީ އާންމުވެފަ އެވެ. އަދި ތިން ބާރުގެ ވެރީންނަށް ރިޕޯޓު އަރުވާފައިވަނީ އެއްވެސް އެއްޗެއް އުނިކުރުމެއް ނެތި ހުރިހާ ލިޔެކިޔުންތަކަކާ އެކު ކަމަށް 241 ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.