ޕެނަލްޓީގައި އިންގްލެންޑް ބަލިކޮށް، އިޓަލީން ޔޫރަޕުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ވެމްބްލީގެ ފޯރިގަދަ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމު 1-1 އިން އެއްވަރުވެފައި އޮވެގެންނެވެ. ނަތީޖާ ނެރުމަށް އިތުރު 30 މިނެޓުގެ ކުޅުމަށް ދާން ޖެހިފައިވާ އިރު، އެ ވަގުތުވެސް ހަމަވީ 1-1 އިން ނަތީޖާ އެއްވަރުވެފައި އޮވެގެންނެވެ. ނަތީޖާ ނެރެން ޖަހަން ޖެހުނީ ޕެނަލްޓީއެވެ.

އިޓަލީން 53 އަހަރަށްފަހު ޔޫރަޕުގެ ރަސްކަމަށް އައީ އެތަކެއް އަހަރުތަކެއްގެ ތަކުލީފުތަކަށް ފަހުގައެވެ. އެގައުމުގެ ފުޓުބޯޅައިގެ ކަޅު ދުވަސްތަކެއް ކަނޑައްތު ކޮށްފައެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށްވެސް އިޓަލީ ކޮލިފައިވެފައި ނުވާއިރު، މިއަހަރުގެ މުބާރާތަށް އިޓަލީ ނުކުތީ އެ މާޔޫސީ ހަނދާންތައް ފޮހެލައި، ގައުމަށް އަލުން ހިނިތުންވުން ގެނެސްދިނުމަށެވެ. މުބާރާތަށް ނުކުތްއިރު އިޓަލީއަކީ ފޭވަރިޓެއް ނޫން ނަމަވެސް އެޓީމުން ކުޅުނު ފުރަތަމަ މެޗާއެކުވެސް އެތައް ބައެއްގެ ލޯބި ހޯދިއެވެ. ރޮބާޓޯ މަންޗީނީއާއެކު އިޓަލީ މުބާރާތަށް ނުކުތީ ސަމާސާއަކަށް ނޫންކަން އެޓީމުން ސާބިތު ކޮށްދިނެވެ. އެ ފޯމު ދަމަހައްޓައި އިޓަލީން މިރޭ އުފުލައިލީ ގައުމީ ރޫހުގެ ތަށްޓެކެވެ.

2000 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ފައިނަލުން އިޓަލީ ބަލިވެފައިވީ ނަމަވެސް މިރޭގެ އުފާވެރިކަމާއެކު އެ ހިތްދަތި ހަނދާންތައް ނެތިގެންދާނެކަން ޔަގީނެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ދެބާރު ކަމަށްވާ އިންގްލެންޑާއި އިޓަލީ މިރޭ ނުކުތީ ޔޫރޯ ތާރީހުގެ 16 ވަނަ ފައިނަލަށެވެ. އިންގްލެންޑުން މިރޭ ނުކުތީ އެގައުމުގެ ތާރީހުގައި ފުރަތަމަ ޔޫރޯ ފައިނަލަށެވެ. ޔޫރޯގެ ފައިނަލަށް އިންގްލެންޑުން އައީ ބޮޑު މުބާރާތެއްގެ ފައިނަލަށް 55 އަހަރު އިންތިޒާރު ކުރުމަށްފަހުއެވެ. އެޓީމުން 1966 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ނަމަވެސް އޭގެ ފަހުން ފުޓުބޯޅައިގައި މާ ބޮޑު ކާމިޔާބީއެއް އަދި ހޯދިފައެއް ނުވެއެވެ. މިރޭގެ ފައިނަލަކީ އެ ތާރީހު ބަދަލުކޮށް، އިންގްލެންޑަށް ފުރަތަމަ ޔޫރޯ ހޯދަން ލިބުނު ރަނުގެ ފުރުސަތެވެ. އެ ފުރުސަތު އަމިއްލަ ގައުމުގައި ގެއްލިގެން ދިޔުމާއެކު އެކަމާ މުޅި ގައުމު ރޯނެކަން ޔަގީނެވެ. އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ވިލިއަމްގެ އާއިލާއިންވެސް ވެމްބްލީގައި ތިބި އިރު، މިއީ ގައުމުގެ ތާރީހުގައިވެސް ފުޓުބޯޅައިގެ ހިތްދަތި ދުވަހަކަށް ވާނެއެވެ.

1933 ވަނަ އަހަރު އެ ދެ ގައުމު ފުރަތަމަ މެޗެއް ކުޅެފައިވާ އިރު، އޭގެ ފަހުން ޖުމުލަ 27 ފަހަރަކު އިންގްލެންޑާއި އިޓަލީ ކުރިމަތިލައިފައިވެއެވެ. ތާރީހަށް ބަލާއިރު، ހަނި ތަފާތަކުން ކުރި ހޯދަނީ އިޓަލީންނެވެ. އިންގްލެންޑްގެ މައްޗަށް އިޓަލީން ވަނީ 10 ފަހަރަށް ކުރި ހޯދައިފައެވެ. އިންގްލެންޑަށް އިޓަލީގެ މައްޗަށް ކުރި ހޯދިފައިވަނީ އަށް ފަހަރުއެވެ. އެ ކުރިމަތިލުންތައް ފެނުނީ ފޯރިގަދަ، ޝައުގުވެރި ކުރިމަތިލުންތަކުގެ ގޮތުގައެވެ. މިރޭގެ ފައިނަލް މެޗު ޔަގީނުންވެސް ފޯރިގަދަވާނެ ކަމަށް މާ ކުރިންވެސް އޮތީ ބެލެވިފައެވެ.

މެޗު އިންގްލެންޑުން ފެށީ ގައުމީ ރޫހުގައެވެ. މެޗުގެ އެއްވަނަ މިނެޓުގެ 57 ވަނަ ސިކުންތުގައި ލޫކް ޝޯ ޖެހި ގޯލާއެކު އިންގްލެންޑުން ލީޑު ނަގައި، ވެމްބްލީ ކައްކުވައިލިއެވެ. ޔޫރޯ ތާރީހުގައިވެސް ޖެހި އެންމެ އަވަސް ގޯލެވެ. އެޓީމަށް އުންމީދީ ފެށުމެކެވެ. މުބާރާތުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޝޯ ގޯލު ޖެހީ އަނެއް އަރިމަތިން ކެވިން ޓްރިޕިއާ ނަގައިދިން ހިތްގައިމު ހުރަހަކުންނެވެ. އިންގްލެންޑުގެ ރީތި އެޓޭކެކެވެ. ދެޓީމަށްވެސް މެޗަށް ވަނުމަށް ކުޑަ ވަގުތުކޮޅެއް ނަގައިފައިވާ އިރު، ފަހު ކޮޅުގައި އިޓަލީން ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުނުއިރު އިންގްލެންޑުން ޑިފެންސް ކުރީ ފަހަތުގައި މަޑުކޮށްލައިގެންނެވެ.

ފުރަތަމަ ހާފުގައި އިޓަލީގެ އެންމެ ރަނގަޅު ފުރުސަތު ތަނަވަސްކުރީ ފެޑަރީކޯ ޗިއޭސާގެ މޮޅު ކުޅުމަކުންނެވެ. މެދުތެރެއިން ފިޒިކަލް ކުޅުމެއްގައި އިންގްލެންޑްގެ ޑެކްލަން ރައިސް ބީޓުކޮށް، ޗިއޭސާ ދުރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އޭގެ ފަހުން އިމޯބިލޭ ޖެހި ހަމަލާ ބްލޮކްވެގެން ދިޔައިރު، މާކޯ ވެރާޓީ ދުރުން ފޮނުވާލި ހަމަލާ ދިޔައީ މަޑުމަޑުން ގޯލްކީޕަރު ޖޯޑަން ޕިކްފޯޑު އަތަށެވެ.

ނަތީޖާ އަނބުރައިލުމަށް ނުކުތް އިޓަލީއަށް ދެވަނަ ހާފުގައި ކުރަން ޖެހުނު މަސައްކަތް ބޮޑެވެ. ވެމްބްލީގެ ހޫނުގައި އިޓަލީއަށް އިންގްލެންޑް ގޯލު ފޫއަޅުވާލަން ޖެހިފައިވާ އިރު، ހާފުގެ ކުރީކޮޅުގައި ލޮރެންޒޯ އިންސީނިއާ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އިންގްލެންޑުން ބެލީ ޑިފެންސް ކުރުމަށެވެ. އިޓަލީން ކުރިއަށް ޖެހި ގޯލަކަށް ބުރަކޮށް މަސައްކަތް ކުރިއެވެ. އިންސީނިއާގެ އިތުރު ހަމަލާއެއްވެސް ޕިކްފޯޑް މަތަކުރި އިރު، އޭގެ އިރުކޮޅެއްފަހުން ޗިއޭސީ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއްވެސް މަތަކޮށް ބޭރުކޮށްލީ ޕިކްފޯޑެވެ. ފައިނަލާ ހަމައަށް ޕިކްފޯޑް ދިޔައިރުވެސް ކޮޅަށް ވަދެފައި ވަނީ އެންމެ ގޯލެކެވެ.

ހިތްވަރާއެކު ކުޅެމުންދިޔަ އިޓަލީން އެޓޭކަކަށްފަހު އެޓޭކެއް އުފައްދައި، ވެމްބްލީ ސިއްސުވާލީ މެޗުގެ 67 މިނެޓުގައެވެ. ކޯނަރެއްގެ ތެރެއިން ވެރާޓީ ބޮލުން ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް މަތަކުރުމާއެކު ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ނުކުތުމުން ޕެނަލްޓީ އޭރިއާ ތެރެއިން ގޯލުގެ ތެރެއަށް ފޮނުވާލީ އިޓަލީގެ ޑިފެންޑަރު ބޮނޫޗީއެވެ. މެޗު ފޯރިގަދަވިއެވެ. އެތައް ހާސް އިންގްލެންޑް ސަޕޯޓަރުންނަކަށް މާޔޫސީ ގޯލެކެވެ.

އެ ގޯލަށްފަހުވެސް ބޮޑަށް އެޓޭކް ކުރަން ވިސްނީ އިޓަލީންނެވެ. އިޓަލީން އިންގްލެންޑްގެ ޑިފެންސަށް އުނދަގޫތައް ކުރިމަތިކުރުވާފައިވާ އިރު، އިޓަލީއަށް މާޔޫސްކަން ކުރިމަތިވީ އެޓީމަށް އެންމެ ރަނގަޅަށް ކުޅެމުން ދިޔަ ޗިއޭސާ މެޗުގެ 80 ވަނަ މިނެޓުގައި އަނިޔާގެ ސަބަބުން ދަނޑުން ބާލަން ޖެހުމުންނެވެ. އޭގެ ފަހުން މެޗުގައި މަދު ހަމަލާއެއް ފެނިފައިވާ އިރު، އިތުރު 30 މިނެޓަށް މެޗު ދިޔައީ 1-1 އިން އެއްވަރު ވެގެންނެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ދާދި ހަމަހަމަ ކުޅުމެއް ދެޓީމުންވެސް ފެނިގެން ގޮސްފައިވާ އިރު، ހާފުގެ ކުރީކޮޅުގައި އިންގްލެންޑުން ނުރައްކާވެސް ކުރިއެވެ. ސްޓާލިންގެ ފުރުސަތު ކިއޭލީނީ ބްލޮކް ކޮށްލި އިރު، ފިލިޕްސް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އަނެއްކޮޅުން ބާނަޑެސްކީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާ މަތަކުރީ އިންގްލެންޑްގެ ގޯލްކީޕަރު ޕިކްފޯޑެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގައިވެސް ބޮޑަށް ނުރައްކާކޮށް ފެނުނީ އިންގްލެންޑެވެ. ހާއްސަކޮށް ޖެކް ގްރީލިޝް ކުޅުމަށް ނުކުމެ އޭނާ ވަނީ އިޓަލީގެ ޑިފެންސަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތި ކުރުވައިފައެވެ. ދެޓީމުގެވެސް ހަމަހަމަ ކުޅުމެއް ފަހުކޮޅުގައި ފެނިގެން ގޮސްފައިވާ އިރު، މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީންނެވެ.

ދެޓީމުންވެސް ފުރަތަމަ ޖެހި ޕެނަލްޓީ ވެއްދި ނަމަވެސް އިޓަލީން ދެވަނަ ޕެނަލްޓީ ޖަހަން ގޮސް ބެލޮޓީ ޖެހި ޕެނަލްޓީ އިންގްލެންޑް ގޯލްކީޕަރު ޕިކްފޯޑު މަތަކުރިއެވެ. އިންގްލެންޑްގެ ދެވަނަ ޕެނަލްޓީ މެގުއާ ވައްދާލައި، އިންގްލެންޑަށް އުންމީދު އާކޮށްދިނެވެ. އިޓަލީގެ ތިންވަނަ ޕެނަލްޓީ ބޮނޫޗީ ކާމިޔާބުކުރި ނަމަވެސް އިންގްލެންޑް ފޯވަޑް ރަޝްފޯޑު ޖެހި ޕެނަލްޓީ ވީ ނާކާމިޔާބެވެ. އަނެއްކާވެސް އިޓަލީއަށް ފުރުސަތު ފަހިވިއެވެ. އަދި އިޓަލީއަށް އުންމީދު އާވީ ބާނަޑޭސްކީގެ ޕެނަލްޓީ ކާމިޔާބުވެ، އިންގްލެންޑްގެ ސާންޗޯ ޖެހި ޕެނަލްޓީ ނާކާމިޔާބު ކޮށްލުމެވެ. އެހެންނަމަވެސް ޖޯޖީނިއޯގެ ޕެނަލްޓީ ނާކާމިޔާބުވެ އަނެއްކާވެސް އެއްވަރުވިއެވެ. އެއައަށްފަހު އިންގްލެންޑުގެ ސަކާ ޖެހި ޕެނަލްޓީ ޑޮނަރޫމާ މަތަކުރުމާއެކު އިޓަލީއަށް ޗެމްޕިއަންކަން ޔަގީންވިއެވެ.