ޔޫރޯ 2020 ގެ ފައިނަލުގައި އިޓަލީއާއި އިންގްލެންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ ޔޫރޯގެ 16 ވަނަ ފައިނަލް. އިންގްލެންޑުން މިރޭ ނުކުންނާނީ އެގައުމުގެ ތާރީހުގައި ފުރަތަމަ ޔޫރޯ ފައިނަލަށް. ޔޫރޯ ފައިނަލަށް އިންގްލެންޑުން އައީ ބޮޑު މުބާރާތެއްގެ ފައިނަލަށް 55 އަހަރު އިންތިޒާރު ކުރުމަށްފަހު. އެޓީމުން 1966 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ނަމަވެސް އޭގެ ފަހުން ފުޓުބޯޅައިގައި މާ ބޮޑު ކާމިޔާބީއެއް އަދި ހޯދިފައެއް ނުވޭ. މިރޭގެ ފައިނަލަކީ އެ ތާރީހު ބަދަލުކޮށް، އިންގްލެންޑަށް ފުރަތަމަ ޔޫރޯ ހޯދަން ލިބޭނެ ފުރުސަތެއް.
އަނެއްކޮޅުން ނުކުންނަ އިޓަލީއަށް މިއީ ހަތަރުވަނަ ޔޫރޯ ފައިނަލް. އިޓަލީން 1968 ވަނަ އަހަރު އަމިއްލަ ގައުމުގައި ޔޫރޯ ހޯދި ނަމަވެސް އެޓީމުން އޭގެ ފަހުން 2000 ވަނަ އަހަރާއި، 2012 ވަނަ އަހަރު ކުޅުނު ޔޫރޯ ފައިނަލުތަކުން ވަނީ ބަލިވެފައި. އިޓަލީއަށް މިރޭގެ ފައިނަލް މުހިއްމު ވާނީ އެ ހިތްދަތި ފައިނަލްތަކުގެ ހަނދާންތައް ނައްތާލުމަށް. އިޓަލީއާއި އިންގްލެންޑުންވެސް ފައިނަލާ ހަމައަށް އައީ މެޗަކުން ބަލިނުވެ.
މިރޭގެ ފައިނަލް މެޗަށް ދެޓީމު ނުކުންނާނީ އިންގްލެންޑްގެ ހޯމް ސްޓޭޑިއަމް، ޝަރަފުވެރި ވެމްބްލީ ސްޓޭޑިއަމްގައި.
ޔޫރޯ 2020ގެ ފައިނަލަށް އިޓަލީ އާއި އިންގްލެންޑް މިރޭ ނުކުންނާނީ ތާރީހީ ހަނދާންތަކަކާ އެކުގައި. ދުނިޔޭ ފުޓުބޯޅައިގެ ގަދަ ދެ ބާރުގެ ގޮތުގައި އޮތް އިޓަލީ އާއި އިންގްލެންޑަކީ ގިނަ ފަހަރުތަކެއްގެ މަތިން ކުރިމަތިލާފައިވާ ދެ ޓީމެއް. 1933 ވަނަ އަހަރު އެ ދެ ގައުމު ފުރަތަމަ މެޗެއް ކުޅެފައިވާ އިރު، އޭގެ ފަހުން ޖުމުލަ 27 ފަހަރަކު އިންގްލެންޑާއި އިޓަލީ ކުރިމަތިލައިފައިވޭ.
ތާރީހަށް ބަލާއިރު، ހަނި ތަފާތަކުން ކުރި ހޯދަނީ އިޓަލީ. އިންގްލެންޑްގެ މައްޗަށް އިޓަލީން ވަނީ 10 ފަހަރަށް ކުރި ހޯދައިފައި. އިންގްލެންޑަށް އިޓަލީގެ މައްޗަށް ކުރި ހޯދިފައިވަނީ އަށް ފަހަރު. އެ ކުރިމަތިލުންތައް ފެނުނީ ފޯރިގަދަ، ޝައުގުވެރި ކުރިމަތިލުންތަކުގެ ގޮތުގައި. ޔަގީނުންވެސް އިޓަލީ އާއި އިންގްލެންޑުގެ ކުރިމަތިލުންތައް އާދައިގެ ގޮތަކަށް ނިމިގެން ނުދާނެ.
- ބައެއް ތާރީހީ ޔޫރޯ މެޗުތަކަށް ނަޒަރެއް
ޔޫރޯ 2012 ވަނަ އަހަރު ކުއަޓާ ފައިނަލް
އިންގްލެންޑް 0-0 އިޓަލީ (އިތުރު ވަގުތަށްފަހު)/ އިޓަލީ 4-2 އިންގްލެންޑް (ޕެނަލްޓީއަށްފަހު)
ޔޫރޯ 2012 ވަނަ އަހަރު ޔޫކްރެއިންގެ ކިއޭވްގައި ކުޅުނު ކުއާޓާ ފައިނަލް މެޗަކީ ފޯރިގަދަ މެޗެއް. 90 މިނެޓު ތެރޭގައި ގިނަ ފުރުސަތުތައް ފަހިކުރީ އިޓަލީން. ޕްރާންޑޭލީގެ ކޯޗުކަމުގައި ކުޅެމުންދިޔަ އިޓަލީގެ ޑެނިއަލް ޑި ރޮސީ އާއި އެލެސަންޑްރޯ ޑިއަމާންޓީގެ ހަމަލާތައް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާ އިރު، މެޗުގައި ބަލޮޓެލީ އާއި މޮންޓޮލީވޯ ޖެހި ބޯޅަ ބޭރަށް ދިޔައީ ހަމަ ކިރިޔާ.
ގޯލެއް ނުޖެހިގެން މަސައްކަތް ކުރަމުން ދިޔަ އިޓަލީން ޕެނަލްޓީގައި މޮޅުވީ އިންގްލެންޑްގެ އެޝްލީ ޔަންގާއި، އެޝްލީ ކޯލްގެ ޕެނަލްޓީ އިންގްލެންޑަށް ނާކާމިޔާބު ވުމުން. އެ ޕެނަލްޓީ ޝޫޓްއައުޓް މުޅި ދުނިޔެއަށް މަޝްހޫރުވެފައި ވަނީ އިޓަލީގެ މިޑްފީލްޑަރު އަންދްރޭއާ ޕިރްލޯގެ ހިތްގައިމު "ޕެނަންކާ" ޕެނަލްޓީގެ ސަބަބުން. އިންގްލެންޑް ކީޕަރު ޖޯ ހާޓު ފައި ކައިރިން ޕިރްލޯ ޗިޕް ކޮށްލި ޕެނަލްޓީއާއެކު އެތައް ބައެއްގެ ސަމާލުކަން މެޗަށް ލިބުނު.
ޔޫރޯ 1980 ވަނަ އަހަރު ގްރޫޕް ސްޓޭޖު
އިންގްލެންޑް 0-1 އިޓަލީ
މިއީ އިޓަލީ އާއި އިންގްލެންޑް ޔޫރޯ މެޗެއްގައި ވާދަކުރި ފުރަތަމަ ފަހަރު. ޓުރިންގައި ކުޅުނު އެ މެޗަށް ނުކުތްއިރު ދެޓީމުވެސް އޮތީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެއްވަރުވެފައި. ގްރޫޕުގެ އެއްވަނަ އެކަނި ފައިނަލަށް ދަތުރުކުރާ އިރު، މެޗަށް ދެޓީމުވެސް ނުކުތީ މަޖުބޫރު މޮޅަކަށް.
މެޗުގެ ހަމައެކަނި ގޯލަކީ މާކޯ ޓާޑޭލީ ޖަހައިދިން ގޯލެއް. ފަރަންސެސްކޯ ގްރަޒިއަނީގެ ހުރަސް ޓާޑޭލީ ގޯލަށް ވައްދާލައިފައިވާ އިރު، އިންގްލެންޑްގެ ރޭ ކެނެޑީ ޖެހި ބާރު ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައި. މެޗުގެ އެންމެ ހާއްސަ ކަމަކީ އިޓަލީ އާއި އިންގްލެންޑް ޔޫރޯއެއްގައި ކުޅުނު ފުރަތަމަ މެޗަށް ވުން.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020