ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ހައެއްގައި ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވައިލި، އިންކުއެރީ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައިވާއިރު އެ ރިޕޯޓުގައި އިސްލާހު ކުރަން ބުނެފައިވާ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔަތެއްގައި އެ ރިޕޯޓް ރައީސް ސޯލިހަށް އަރުވާފައިވަނީ 241 ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އަރިހުގައި މަޖިލީހުގެ އަމީން އާއްމު އައިމިނަތު ނިއުޝާވެސް އިންނެވި އެވެ.
ރައީސް އޮފީހުން ބުނީ، އެ ރިޕޯޓް އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެކުލަވައިލައްވައި ހުށައެޅުއްވުމުން ރައީސް ވަނީ މަރުހަބާ ވިދާޅުވެފައި ކަމަށެވެ. އަދި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ވަރަށް ބުރަ އަދި މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން މި ރިޕޯޓު އެކުލަވައިލެއްވުމުގައި ކޮށްދެއްވި ބުރަ މަސައްކަތަށްޓަކައި އެ ކޮމިޓީގެ އެންމެހައި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުން ބުނީ، ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވައި، އެކަންކަމުގައި އިސްލާހުކުރަން ހުރި ކަންކަން އިސްލާހު ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި ކަމަށާއި އަދި އެ ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ގައުމީ ސަލާމަތާ ގުޅުން ހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ ފަރާތުން ވަނީ މި ރިޕޯޓު އެކުލަވާލުމުގައި ސަރުކާރުގެ ފަރާތުން ލިބުނު އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައި ކަމަށާއި ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް ޓަކައި ބޭނުންވި ކަންކަން ފަހިކޮށްދިނުމަށް ޓަކައި ސަރުކާރުގެ އެންމެހައި މުއައްސަސާތަކުންވެސް ދެއްވި އެއްބާރުލުން ފާހަގަކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމުގައި ކޮމެޓީގެ ބޭފުޅުން ވިދާޅުވި ކަމަށާއި މި ރިޕޯޓަކީ އިންކުއަރީއެއް ކަމަށާއި ތަހުގީގީ ސިފަތައް ނުހިމެނޭނޭހެން މި އިންކުއަރީ ކުރިޔަށް ގެންދިއުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާފައިވާކަމަށް މުގައްރިރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ތައްޔާރު ކުރި އިންކުއަރީ ރިޕޯޓް އެމަޖިލީހުން ފާސްކުރީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެރޭ ވަރަށް ދަން ވެފައި ވަނިކޮށެވެ.
އެ ރިޕޯޓް ފާސްކުރީ އެރޭގެ ޖަލްސާއަށް ވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 58 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ވޯޓު ނުދެއްވެވުނީ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާތީ، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ އަށް އެކަންޏެވެ.
އެ ރިޕޯޓުގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގިނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.
ހާއްސަކޮށް ރައީސް ނަޝީދުގެ ސެކިއުރިޓީއާ ބެހޭ ކަންތައްތަކާއި، އެ ހަމަލާއާ ބެހޭ ގޮތުން ހިނގައިދިޔަ މުހިއްމު ކަންތައްތައް ފާހަގަކޮށް ހިމަނާފައި ވެއެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައްވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު