މަރާލުމަށްފަހު ފޮށްޓަކަށް ލައި ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވައި ފެނުނު ކުޑަ ކުއްޖާގެ ހަށިގަނޑު މިމަހުގެ 13 ވަނަ ދުވަހު ރާއްޖެ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މީހުން ދިރިނޫޅޭ ސަރަހައްދުގެ މޫދު ތެރެއިން ފެނުނު އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާގެ ޓްރިވެންޑުރަމަށް ފޮނުވާލާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ.
"ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދައި ނިމި، ހަށިގަނޑު ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަންނަ އަންގާރަ ދުވަހު އެ ކުއްޖާގެ ހަށިގަނޑު މާލެ ގެނެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޕޯސްޓް މޯޓަމް ހަދައި ނިމިފައިވީ ނަމަވެސް ރިޕޯޓު ލިބޭނެ ދުވަހެއް މިވަގުތު ވިދާޅުވާން ދަތި ކަމަށާއި އެކަމުގެ އިތުރު މައުލޫމާތު މިއަދުގެ ވަގުތެއްގައި ދެއްވާނެ ކަމަށް ވެސް އޮފިސަރު ވިދާޅުވި އެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން، އެ ކުއްޖާއަކީ ރަހީނު ކޮށްގެން ގެންގުޅުނު ކުއްޖެކެވެ. އެކަމުގެ ރިޕޯޓު އާއިލާގެ ފަރާތުން ހުށަހަޅާފައި ވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. ކުއްޖާގެ ހަށިގަނޑު ފެނުނީ ޖެހިގެން އައި ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.
މި މައްސަލައިގައި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
އޭގެ ތޭރެއިން 17 އަހަރުގެ ފިރިހެން ކުއްޖާގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް ވަނީ އިތުރު ކޮށްފަ އެވެ. އެގޮތުން ފުރަތަމަ ބަނަދަށް ޖެހި 15 ދުވަސް ހަމަވުމުން އަނެއްކާ އިތުރު 13 ދުވަސް ބަންދަށް ވަނީ ޖަހާފަ އެވެ. އަދި 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ މީހުންނަށް ކުރަނީ ގަސްދުގައި މީހަކު މެރިކަމުގެ ތުހުމަތާއި ޖިންސީ ގޯނާގެ ތުހުމަތާއި މީހަކު ރަހީނު ކުރި ކަމުގެ ތުހުމަތުގެ އިތުރުން މާރާމާރީ ހިންގި ކަމުގެ ތުހުމަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު