ޚަބަރު

ފުވައްމުލަކު އެތެރޭގެ މަގު ހެދުމުގެ މަސައްކަތުގެ 50 ޕަސެންޓް ނިންމާލައިފި

ރިފާ ހަލީލު

ޏ. ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ހިއްސާ ކުރަމުން އެމްޓީސީސީން ބުނީ، މުޅި މަޝްރޫއުގެ 50 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން، ސެޓްލެމެންޓް ޓޭންކު ހަރުކުރުމުގެ މަސައްކަތުގެ 71 ޕަސެންޓާއި އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުން ހިމެނޭ ކަމަށް އެމްޓިސީސީން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަހައްދެއްގައި ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެމްޓިސީސީއާ މި މަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ 271.3 މިލިއަން ރުފިޔާ އަށެވެ.