ކޮޕާ އެމެރިކާ

ވަރުގަދަ ބްރެޒިލް ބަލިކޮށް އާޖެންޓީނާއަށް ޗެމްޕިއަންކަން، މެސީގެ ކެރިއަރުގެ އެންމެ ބޮޑު އުންމީދު ހާސިލުކޮށްފި

ވަރުގަދަ ބްރެޒިލް ބަލިކޮށް، އާޖެންޓީނާއިން ދެކުނު އެމެރިކާގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފިއެވެ.

ބްރެޒިލްގެ އަމިއްލަ ގައުމުގެ އެންމެ ތާރީހީ ސްޓޭޑިއަމް މަރަކާނާގައި މިރޭ ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ ނަތީޖާއާއެކު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ވަނީ އާޖެންޓީނާއާއެކު ފުރަތަމަ ތަށި ކާމިޔާބުކުރެވި، ކެރިއަރުގައި އެންމެ ބޮޑަށް އުންމީދުކުރި ހުވަފެން ހަގީގަތަކަށް ވެފައެވެ.

ދެކުނު އެމެރިކާ ފުޓުބޯޅައިގައި އެންމެ ވާދަވެރިވެ ދެ ގައުމު މިރޭގެ ފައިނަލަށް ނުކުމެފައިވާ އިރު، ބްރެޒިލަކީ އެންމެފަހުގެ ޗެމްޕިއަން ޓީމެވެ. އެޓީމުން މިހާތަނަށް ނުވަ ފަހަރަށް ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފައިވާ އޮތްއިރު، އަނެއްކޮޅުން އާޖެންޓީނާގެ ފައިނަލް އެންމެ ބޮޑަށް ހާއްސަ ވެފައި އޮތީ ކެޕްޓަން ލިއޮނަލް މެސީއަށެވެ.

މިހާތަނަށް 14 ފަހަރު އާޖެންޓީނާއިން މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، އެންމެފަހުން އެޓީމުން މުބާރާތް ނެގީ 1993 ވަނަ އަހަރުއެވެ. އޭގެ ފަހުން އާޖެންޓީނާއަށް ކޮޕާ އެމެރިކާއެއް ކާމިޔާބުވެފައި ނުވާ އިރު، ދުނިޔޭގެ ތާރީހުވެސް ދުށް އެންމެ ކުޅުންތެރިޔާ މެސީ ހުރީ ގައުމީ ޓީމާއެކު ކާމިޔާބީއަކަށް ފެން ބޮވައިގެންފައެވެ. މެސީއަށް މިހާތަނަށް އާޖެންޓީނާއާއެކު ބޮޑު މުބާރާތެއްގެ ތަށި ހޯދިފައި ނުވުމަކީ އޭނާގެ ކެރިއަރުގެ ކާމިޔާބީއަށް ބޮޑު ފަޅުކަމެއް ގެންނަ ކަމަކަށްވާ އިރު، މީގެ ކުރިން ގިނަ ފައިނަލްތަކެއްގައި ހިތްފަޅައިގެން ގޮސްފައިވެއެވެ.

2004 ވަނަ އަހަރާއި، 2007 ވަނަ އަހަރުގެ ފައިނަލުގައިވެސް ބްރެޒިލު އަތުން އާޖެންޓީނާ ބަލިވެފައިވާ އިރު، 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ފައިނަލުން އާޖެންޓީނާ ބަލިވީ ޗިލީ ކައިރިން ޕެނަލްޓީ ޖަހައިގެންނެވެ. އޭގެ އިތުރުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުންވެސް އާޖެންޓީނާއާއި މެސީ ހިތްދަތިކޮށް ބަލިވެފައި އޮތް Bއިރު، މިރޭ ވެގެން ދިޔައީ މެސީއަށް ގައުމީ ޓީމާއެކު ތަށްޓެއް ހޯދުމަށް މުހިއްމު ފުރުސަތަކަށެވެ. އެއީ މިރޭގެ މެޗުގެ ކުރިން އެންމެ ބާރަށް ދެކެވުނު ވާހަކަވެސް މެއެވެ.

ކުރިން ބާސެލޯނާއަށް އެކުގައި ކުޅުނު ދުނިޔޭގެ ފުޓުބޯޅައިގެ ދެ ތަރިން ކަމަށްވާ މެސީއާއި ނޭމާގެ ކުރިމަތިލުން ފެނުނީ ފޯރިގަދަ ކޮށެވެ. ކޮންމެވެސް ވަރަކަށް މެޗަށް ސަޕޯޓަރުންވެސް ވައްދާފައިވާ އިރު، މެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓްކޮށް ކުޅުނީ އާޖެންޓީނާއިންނެވެ. ރަނގަޅު ޕާސްތަކެއް ޖަހައި ހަމަލާތައް އުފައްދާފައިވާ އިރު، ނޭމާއާއި ބްރެޒިލް އެޓޭކް ހުއްޓުވުމުގައި އެޓީމު ފެނުނީ ބުރަކޮށް މަސައްކަތް ކުރިތަނެވެ.

އާޖެންޓީނާގެ އެންހޭލް ޑިމަރިއާ ޖެހި ގޯލާއެކު އާޖެންޓީނާއިން ކުރީގައި އޮވެ ހާފު ނިންމާލި އިރު، ފުރަތަމަ ހާފުގައި މެސީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ. ފުރަތަމަ ހާފުގައި މަޑު ޖެހިފައި އޮތް ބްރެޒިލުން ދެވަނަ ހާފަށް ނުކުމެ ހަމަލާތައް ވަރުގަދަ ކުރިއެވެ. ރިޗާލްސަންގެ ބާރު ހަމަލާއެއް އާޖެންޓީނާ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކޮށް ބޭރުކޮށްލި އިރު، ކައުންޓާގައި އާޖެންޓީނާ ނުރައްކާ ކުރަމުން ދިޔައެވެ. ހާއްސަކޮށް ޑިމަރިއާއާއި މެސީގެ ނުރައްކާ ފެނިގެން ދިޔައެވެ.

ބްރެޒިލުން މެޗުގެ ފަހު ކޮޅުގައި ނުރައްކާ ކޮށް ފެނުނު ނަމަވެސް އާޖެންޓީނާގެ ޑިފެންސުން ވަނީ ހަމަލާތައް އުފެއްދިޔަ ނުދީ ހިފަހައްޓައިފައެވެ. ހާއްސަކޮށް ނޭމާގެ ކުޅުން ފަހު ކޮޅުގައި ފެނުނީ ވަރަށް ދަށް ކޮށެވެ. ފަހު ވަގުތުގައި ގެބްރިއަލް ބަރުބޯސާ ޖެހި ބޯޅަ އާޖެންޓީނާ ގޯލްކީޕަރު މަތަކޮށް ބޭރުކޮށްލި އިރު، ކޯނަރުތަކުގައި ބްރެޒިލުން ނުރައްކާ ކުރިއެވެ. އަދި އާޖެންޓީނާއިން ފައުލްތައްކޮށް ބްރެޒިލް ހިފެހެއްޓި އިރު، މެޗުގެ ފަހު ކޮޅުގައި ފެނުނީ ހޫނުގަދަ މަންޒަރުތަކެކެވެ. ދެ ޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް ރުޅިވެރިކަމާއި ވާދަވެރިކަން ފެނިގެން ދިޔައެވެ.

މެޗު ނިމެން ދަނިކޮށް މެސީއަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވިތަން ފެނިގެން ދިޔައެވެ. އޭނާވެސް ފެނުނީ ވަރަށް ބޮޑަށް ވަރުބަލިވެފައި ހުރިތަނެވެ.

މިރޭގެ ކާމިޔާބީއާއެކު ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ މެސީގެ ކެރިއަރަށް ވަނީ ފުރިހަމަކަން ގެނެސްދީފައެވެ. ކްލަބު ފުޓުބޯޅައިގައި ބާސާއާއެކު ހުރިހާ ކާމިޔާބީއެއް ހޯދައި، ބެލޮންޑިއޯވެސް ރެކޯޑު ހަ ފަހަރު ހޯދައިފައިވާ މެސީއަށް މިހާތަނަށް ނުހޯދި އޮތް ކާމިޔާބީއަކީ އާޖެންޓީނާ ޖާޒީގައި ތަށްޓެއް އުފުލައި ނުލެވި އޮތުމެވެ. އެކަން ހާސިލުކުރަން މެސީ ގިނަ މަސައްކަތްތަކެއްކޮށް، ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހިފައިވެއެވެ. އެ ހިތްދަތިކަމުގައި މެސީ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަންވެސް ކުރިން ނިންމައިފައެވެ. އެ ނިންމުން އަނބުރާ ގެންގޮސް މެސީ އަލުން ގައުމީ ޓީމުގެ ބޭންޑުގައި ނުކުތީވެސް ކާމިޔާބީއެއް ހޯދުމަށް އަޒުމު ކަނޑައަޅައިގެންނެވެ. އެހެންކަމުން މިރޭގެ ތަށްޓަކީ މެސީގެ ކެރިއަރުގައި އެންމެ ގިނަ ދުވަސް ވަންދެން، އެންމެ އަސަރާއެކު އުންމީދުކުރި ތަށްޓަށް ވާނެއެވެ.