ދެކުނު އެމެރިކާގެ އެންމެ ފޯރިގަދަ މުބާރާތް، ކޮޕާ އެމެރިކާގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ރޭ އުރުގުއާއީ ބަލިކޮށް، ކޮލަމްބިއާ އިން ފައިނަލަށް ދަތުރުކޮށްފިއެވެ.
ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ކޮލަމްބިއާ އިން ފައިނަލް ޔަގީންކުރީ އުރުގުއާއީގެ މައްޗަށް 1-0ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މެޗުގައި ދެ ރަތް ކާޑު ފެނިގެން ގޮސްފައިވާއިރު، މެޗަށްފަހު ކުޅުންތެރިންނާއި ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުންތަކެއްވެސް ހިނގިއެވެ.
މެޗަށްފަހު ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން އުރުގުއާއީ ފޯވަޑް ޑާވިން ނުނޭޒާއި ކޮލަމްބިއާ ސަޕޯޓަރުންނާ ދެމެދުވެސް ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، ސަޕޯޓަރަކު ނުނޭޒް ގައިގައި ޖަހާ މަންޒަރުވެސް ފެނިގެން ގޮސްފައިވެއެވެ. އަދި ނުނޭޒް ބައެއް ސަޕޯޓަރުންނަށް ހަމަލާ ދިންތަންވެސް ވީޑިއޯތަކުން ފެނިގެން ގޮސްފައިވެއެވެ.
އުރުގުއާއީ ފޯވަޑް ނުނޭޒް މެޗުގައި ގިނަ ހަމަލާތަކެއް ބޭކާރު ކޮށްލިތަން ފެނިގެން ދިޔައިރު، ހަމައެކަނި ގޯލު ޖެހީ ފުރަތަމަ ހާފުގައި ކްރިސްޓަލް ޕެލެސްގެ މިޑްފީލްޑަރު ޖެފަސޮން ލާމާއެވެ. އެ ގޯލު އޭނާ ޖެހީ ހަމޭސް ރޮޑްރިގޭޒްގެ ކޯނަރެއްގައެވެ.
ހާފު ނިމުމުގެ ކުރިން ކޮލަމްބިއާގެ ޑެނިއަލް މުނޯޒަށް ރަތް ކާޑު ދައްކާފައިވާ އިރު، ދެވަނަ ހާފުގައި އުރުގުއާއީ ވަނީ ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފައެވެ. ލުއިސް ޝުއަރޭޒްގެ ހަމަލާއެއް ދަނޑިއަށް އަމާޒުވެފައިވާ އިރު، ފަހުކޮޅުގައި ކޮލަމްބިއާ އިން އިތުރު ގޯލެއް ޖެހުމާ ގާތަށް ޖެހިލިއެވެ. ނަމަވެސް މަތެއަސް އުރިބޭއަށް ލިބުނު އެ ދެ ފުރުސަތުވެސް އޭނާ އަތުންވީ ބޭކާރެވެ.
ސަޕޯޓަރުންގެ ހަމަނުޖެހުން ފުރަތަމަ ފެށުނީ އުރުގުއާއީ ކުޅުންތެރިންގެ އާއިލާތައް ތިބި ހިސާބުންނެވެ. އެ ނުތަނަވަސްކަމުގެ ތެރެއިން އުރުގުއާއީގެ ވަރޭލާއަށް ވަނީ ރަތް ކާޑުވެސް ކުޅުމުން ބޭރުން ދައްކައިފައެވެ،
ކޮލަމްބިއާ އިން އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ކުޅޭ ފައިނަލުގައި ނުކުންނާނީ ހޯމަ ދުވަހު ފަތިހުއެވެ. އެ މެޗުގެ ކުރިން ތިންވަނަ ހޮވާ މެޗުގައި ކެނެޑާއާއި އުރުގުއާއީ ވާދަކުރާނީ އާދީއްތަ ދުވަހުގެ ރޭގައެވެ.
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ
ކޮޕާ އެމެރިކާ