ލ. އަތޮޅުގެ ރަށެއްގައި އަންހެނަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ލ. އަތޮޅުގެ ރަށެއްގައި އަންހެނަކު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރާ މައްސަލައެއް ދާދި ފަހުން ވަނީ ފެންމަތިވެފަ އެވެ. މި މައްސަލަ އާއި ގުޅިގެން އެ އަންހެން މީހާ ވަނީ އެ ރަށުންވެސް ބާލާފަ އެވެ.
މިކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން މިކަން ހިނގި ރަށުގެ ކައުންސިލް ނައިބު ރައީސް ވިދާޅުވީ އެ ރަށަށް ގޮސް އުޅުނު އެ އަތޮޅުގެ އެހެން ރަށެއްގެ އަންހެނަކު އެރަށު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބުމުން އެކަން ޖެންޑާ އަށް އެތައް ފަހަރަކު އެންގި ކަމަށެވެ. ނަމަވެސް އެއްވެސް ޖަވާބެއް އެ މިނިސްޓްރީން ދީފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ރަށުން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށަހެޅި ކަމަށެވެ. ނަމަވެސް މި މައްސަލަ ހުށަހެޅުއްވި ތާރީހެއް މިވަގުތު ދަންނަވަން ދަތި ކަމަށާއި ނަމަވެސް މި މައްސަލަ ގާތުން ބަލަމުން އަންނަ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ ކައުންސިލުން އެ މައްސަލަ ހުށަހެޅުމުން ފުލުހުންނާއެކު އެރަށަށް ޖެންޑާ މިނިސްޓްރީގެ ޓީމެއް ދިޔަ ކަމަށާއި، އަނިޔާ ލިބުނު ކުއްޖާގެ ބަޔާން ނެގުމަށްފަހު އާއިލާއާ އެވާހަކަތައް ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި އާއިލާގެ ބަޔާންވެސް ނަގައި އެ ކުއްޖާ މިހާރު ބެލެނިވެރިން ގާތު ރައްކާތެރިކަމާއެކު ހުރި ކަމަށެވެ. ނަމަވެސް އެ ކުއްޖާގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް ހުށަހެޅުނީ އެންމެ ކުއްޖެއްގެ މައްސަލަ. އެ ކުއްޖާގެ ކަންކަން އަޅުގަނޑުމެން މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް ވަރަށް ގާތުން ބެލިން. ކުއްޖާގެ ބަޔާނާއި އާއިލާގެ ބަޔާން ނަގައި އާއިލާއަށް ދޭން ޖެހޭ މައުލޫމާތު ދިނިން. ކުއްޖާއަށް ބޭނުންވާ ސައިކޮލޮޖިކަލް ސަޕޯޓް އަޅުގަނޑުމެން މިދަނީ ދެމުން. އެ ކުއްޖާ މިވަގުތު ހުރީ މައިންބަފައިން ކައިރީގަ ރައްކާތެރި މާހައުލެއްގަ. އެކަމަކު އެ ކުއްޖާގެ ކަންކަން އަޅުގަނޑުމެން މިހާރުވެސް ވަރަށް ގާތުން ބަލަމުން މި ދަނީ." އޭނާ ވިދާޅުވި އެވެ.
ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވި ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި ގިނަ އެ އަންހެން މީހާ ވަނީ ގިނަ އަދަދެއްގެ އަންހެން އަދި ފިރިހެން ކުދިންނަށް ފައިސާ އާއި އެހެނިހެން ތަކެތި ދީގެން ޖިންސީ އެދުން ފުއްދައި އަދި ޖިންސީ ގޯނާވެސް ކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ކަން ހިނގި ރަށުގެ ކައުންސިލުގެ ނައިބު ރައީސްއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ރަށުގެ ގިނަ ކުދިންތަކަކަށް އެ އަންހެން މީހާ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ރަށުތެރޭގައި ވާހަކަ ދެކެވޭ ކަމަށެވެ. ނަމަވެސް ރަސްމީކޮށް އެ މައްސަލަ ކައުންސިލަށް ހުށަހެޅީ އެންމެ ބެލެނެވެރިޔަކު ކަމަށާއި އެހެންކަމުން ޖެންޑާ އަށް ހުށަހެޅީ އެމައްސަލަ އެކަނި ކަމަށެވެ.
އޭނާ ވިދާޅުވީ ޖެންޑާގެ ޓީމެއް އެރަށަށް ގޮސް މި މައްސަލަ ބެލި ކަން އެނގިފައި ނުވާ ކަމަށާއި އަދި ކުއްޖާގެ ހާލަތު ޖެންޑާއިން ބަލަމުން އަންނަ ކަންވެސް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ ފުލުހުންނާއެކު މި މައްސަލަ ބެލުމަށް އެރަށަށް ދިޔަ ކަމަށާއި އެހެން ކަމުން ފުލުހުންގެ ޓީމާއި ޖެންޑާގެ ޓިމު ވަކި ކުރަން ނޭނގިދާނެ ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކޮށް އުޅޭ ކަމަށް ތުހުމަތު ކުރެވޭ އުމުރުން 23 އަހަރުގެ މި އަންހެން މީހާ އެ ރަށުން ބޭލުމަށް ރައްޔިތުން އޭނާ އެރަށުގައި ދިރިއުޅުނު ގެ ކައިރިއަށް އެއްވުުމުން ފުލުހުން ވަނީ އޭނާ އެރަށުން ބާލައިގެން ގެންގޮސްފަ އެވެ. މި އަންހެންމީހާ އަކީ ބަރަހަނާ ހާލުގައި އެއް ރަށުން އަނެއް ރަށަށްވެސް ދަތުރުކުރާ މީހެއް ކަމަށާއި އަދި އާންމުންނަށް ފެންނާނެހެން ޖިންސީ ގުޅުން ވެސް ހިންގަމުންދާ މީހެއް ކަމަށް އެ ރަށު މީހުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު