ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި، ވ. މައިޝާ އަހުމަދު ޝާންގެ މައްޗަށް ކުރި ދައުވާ ކުރިއަށް ނުގެންދަން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، އެ މައްސަލަ އަލުން ބަލަން ކުރިމިނަލް ކޯޓުގެ މައްޗަށް ތަހުވީލު ކޮށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މިމައްސަލައަކީ އަށެއް އޮކްޓޫބަރު 2017 ވަނަ ދުވަހު ގދ. ތިނަދޫ/ ކޭވަކުގޭގެ ތިންނަންބަރު ކޮޓަރީގައި، 16 އަހަރުގެ ކުޑަ ކުއްޖަކު ގޮވައިގެން ހުރެ އަހުމަދު ޝާން ހިންގި އަމަލަކާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން އޭނާގެ މައްޗަށް ކުރި ދައުވާއެކެވެ.

މި މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު އެ ދައުވާއަށް އިންކާރު ކޮށް ދައުވާގައި ބުނެފައިވާ ކަންތައްތައް ސާބިތުވާ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނުވާ ކަމަށާއި، ދައުވާގައި ފުރިހަމަ ވާން ޖެހޭ ރުކުންތައް ފުރިހަމަ ވެފައި ނުވާ ކަމަށް ފާހަގަކޮށް ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް އެ ދައުވާއަކީ މަދަނީ މިންގަނޑުން ކުރިޔަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އަހުމަދު ޝާންގެ ފަރާތުން ކޯޓުގައި އެދުނެވެ.

މި މައްސަލަ ބަލައި ކުރިމިނަލް ކޯޓުން އިއްވި ހުކުމްގައި ވަނީ، މަދަނީ މިންގަނޑުން އެ ދައުވާ ކުރިއަށް ގެންދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޝާންގެ މައްޗަށް ދައުލަތުން ދައުވާ ކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ ދައުވާ ފޯމް ބާތިލު ކުރާ ކަމަށެވެ.

ނަމަވެސް ކުރިމިނަލް ކޯޓުން އެ މައްސަލަ ނިންމާފައިވާ ގޮތް ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު ކަމަށް ބުނެ ދައުލަތުގެ ފަރަތުން އެ ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އިސްތިއުނާފުގެ މައްސަލަ ބަލައި ހައިކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުން ވަނީ، އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކޮށްފައެވެ.

އެއަށްފަހު އެ ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަަމަށް ކަނޑައަޅައި އެ މައްސަލަ ކުރިއަށް ގެންދިއުމަށް، ކުރިމިނަލް ކޯޓަށް ތަހުވީލު ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.