ހައިކޯޓު

ޔުމްނާގެ ފިރިމީހާ ބަންދުކުރަން 4 އަހަރު ކުރީން ނެރުނު އަމުރު ގާނޫނާ ހިލާފު: ހައިކޯޓު

އިބްރާހިމް ޒަކީ

މިހާރުގެ ހެރިޓޭޖް މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ޓެރަރިޒަމްގެ އަމަލެއް ކުރައްވަން އުޅުއްވި ކަމުގެ ތުހުމަތުގައި މީގެ ހަތަރު އަހަރުކުރިން ހައްޔަރުކުރުމުން، އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ކަނޑައަޅައި ހައިކޯޓުން އެ އަމުރު ބާތިލު ކޮށްފިއެވެ.

އެ ކޯޓު އަމުރު 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލަ ބަލައި ހައިކޯޓުން ބުރާސްފަތި ދުވަހު އިއްވި ހުކުމްގައި ވަނީ، 22 މާޗް 2018 އިން ފެށިހެން ނަދީމު ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން ނެރުނު އަމުރަކީ ބާތިލް އަމުރެއްކަން މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރާ ކަމަށެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް ކަންތައްތަކެއް ހިންގަން އުޅުނު ކަމަށް ތުހުމަތުކޮށް، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ކުށުގައި ނަދީމު ހައްޔަރު ކުރީ، ޔާމީންގެ ވެރިކަމުގައި ނެރުނު މަޝްހޫރު އެކެއް ފެބްރުއަރީގެ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

އެއަަށްފަހު ޝަރީއަތް ނިމެންދެން 22 މާޗް 2018 އިން ފެށިގެން އޭނާ ބަންދު ކުރަން ކުރިމިނަލް ކޯޓުން އަމުރު ކުރިއެވެ.

އެއަށްފަހު އޭނާ ބަންދުން ދޫކޮށްލީ 2018 ގެ ރިޔާއީ އިންތިހާބު ނިމި ރައީސް ޔާމީންގެ ސަރުކާރަށް ނާކާމިޔާބު ވުމަށްފަހު، އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކުރަން، ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮއްވައި ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން ނަދީމު ބަންދު ކުރަން އެދުމުގެ ބާރެއް އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރަން އުޅުނު ކަމުގެ ތުހުމަތުގައި، ނަދީމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވެސް ހައްޔަރުކޮށް ޖަލުގައި ބަންދު ކުރިއެވެ.

ނަމަވެސް ވެރިކަން ބަދަލު ވުމަށްފަހު، އެބޭފުޅުންގެ މައްޗަށް ކުރި އަމުރު ހައި ކޯޓުން ބާތިލު ކުރިއެވެ.