މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހެޅުމުން، އެ އިލްތިމާސް ދިރާސާކޮށް އަމަލު ކުރުމަށް ފެންނަ ގޮތުގެ ލަފާދިނުމަށް އެކުލަވާލާފައިވާ ކްލެމެންސީ ބޯޑުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ރެކޯޑު އަދަދަކަށް މައްސަލަތައް ނިންމައިފިއެވެ.

ކްލެމެންސީ ބޯޑުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ބޯޑުން ވަނީ 429 މައްސަލައެއް ނިންމައިފައެވެ. މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި މިހާ ގިނަ އަދަދަކަށް މައްސަލަތައް ނިންމި ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ 11 އަހަރު އެވްރެޖުކޮށް ނިންމި މައްސަލަތަކާ ބަލާއިރު މިއީ 250 ޕަސެންޓް އިތުރުވުމެކެވެ.

ކްލެމެންސީ ބޯޑުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރާއި ވޭތުވެދިޔަ ދެ އަހަރު އެ ބޯޑުން ބާއްވަން އެޖެންޑާ ކުރި އެއްވެސް ޖަލްސާއެއް ކޯރަމް ހަމަނުވެގެން ކެންސަލް ކުރަން ޖެހިފައެއްނުވެއެވެ.

އެގާރަ މެންބަރުންގެ މައްޗަށް އެކުލެވޭ ކްލެމެންސީ ބޯޑަކީ މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ބޯޑެކެވެ.

އެ ބޯޑުގައި ހިމެނެނީ ގާނޫނީ ދާއިރާ އިން މީހަކާއި ތައުލީމީ ދާއިރާގެ މީހަކާއި އިޖުތިމާއީ ދާއިރާގެ މީހަކާއި ސިއްހީ ދާއިރާގެ މީހަކާއި ދީނީ އިލްމުގެ މީހަކާއި މަދަނީ ޖަމިއްޔާގެ މީހެއްގެ އިތުރުން ޕެރޯލް ބޯޑުގެ މެންބަރެކެވެ. ކްލެމެންސީ ބޯޑު ހަރަކާތްތެރިވާނީ އެޓާނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުންނެވެ. ބޯޑުގެ ރައީސަކީ އެޓާނީ ޖެނަރަލްއެވެ.