ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް މިވަނީ ދީފައެވެ. ނަމަވެސް މާސްކް އެޅުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އަދިވެސް އޮތީ މަޖުބޫރުކޮށްފަ އެވެ. އެއީ ބަލިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ ފަސޭހަ އެއް ކަމަށްވުމާއެކުވެސް މެއެވެ. ނަމަވެސް ލުއިތަކާއެކު ބައެއް މީހުން މިވަނީ މާސްކް މަތިން ހަނދާން ނެތިފައެވެ. ރަށްފުށުގައި މި މަންޒަރު ގިނައިން ފެނުނު ނަމަވެސް ކޮވިޑުގެ ހާއްޔަކަށްވެފައި އޮތް މާލޭގެ މަގުތަކުންވެސް ފެނިގެންދަނީ މި މަންޒަރެވެ. މާސްކް ނާޅައި އުޅޭ މީހުން ބައިވަރެވެ. މާސްކެއް އޮތަސް ގިނަ މީހުން އެ އަޅާފައިވަނީ ދަތްދޮޅީގައެވެ. ނުވަތަ އޮންނަނީ ކަރުގައި އެލުވާލައިފައެވެ. މާސްކް އަޅަން ޖެހޭ ގޮތަށް އަޅަނީ މަދު މީހެކެވެ.
މާސްކް އެޅުމަށް ސިއްހީ މާހިރުން ކެނޑިނޭޅި އަންނަނީ ނަސޭހަތްތެރިވަމުންނެވެ. މާސްކް ނާޅައި އުޅޭ މީހުން "ހަމަބިމަށް" ތިރިކުރުމަށް ފުލުހުންނާއި ސިފައިންގެ ފައުޖުތައް މާލޭގެ މަގުތަކަށް ރުކުރުވާލެވިފައި ތިބޭއިރު، މާސްކް ނާޅައި އުޅޭ އެންމެންނަށް ފިޔަވަޅު އެޅުމަކީ ވާނެ ކަމެއް ނޫނެވެ. ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާކުރިޔަސް އެއީވެސް ހައްލެއް ނޫނެވެ. ނަސޭހަތް ދިނުމަށް ފަހު ފޮނުވާލުމަކީވެސް ހައްލެއް ނޫނެވެ. އޮތީ ހަމަ އެންމެ ހައްލެކެވެ. ފަރުދީ ޒިންމާ ނަގައި ސިއްހީ މާހިރުން އެކުރާ އާދޭހުގެ އަޑު އެހުމެވެ.
މާސްކް އެޅުމަށް ހިތްވަރު ދިނުމުގެ ގޮތުން ފުލުހުންވެސް މިވަނީ ވަރަށް ތަފާތު ކަމެއް ކޮށްފައެވެ. ފުލުހުންގެ ރަސްމީ ޓުވީޓާ އެކައުންޓުން ފުލުހުން ވަނީ މާސްކް ނާޅައި އުޅެވޭނެ ތަންތަނާއި ގަޑިތައް ހިމެނޭ ލިސްޓެއް އާންމުކޮށްފައެވެ. ނަމަވެސް އެ ލިސްޓުގެ އެންމެ ހާއްސަ ކަމަކީ އެ ލިސްޓު އޮތީ ހުސްކޮށް ކަމެވެ.
އެ ލިސްޓުން ފުލުހުން ދޭން ބޭނުންވާ މެސެޖަކީ މާސްކް ނާޅައި އެއްވެސް ތާކަށް ނުދެވޭނެ ކަމެވެ. މާސްކް އެޅުމަކީ މަޖުބޫރު ކަމެއް ކަމެވެ. ފުލުހުން އެ ޓުވީޓުގައި ވަނީ ބަލި ކޮންޓްރޯލް ކުރުމަށް އެންމެންވެސް މާސްކް އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފަ އެވެ. ފުލުހުން އާންމު ކުރި އެ ލިސްޓުގެ ހަގީގީ މާނަ ކޮންމެވެސް ވަރަކަށް އޮޅުން އެރި ނަމަވެސް އޭގައި އެ ދީފައި އެވާ މެސެޖަކީ އެންމެންގެ ރައްކަލަކަށް ފުލުހުން ދީފައިވާ މެސެޖެކެވެ.
މާސްކް ނާޅައި އުޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދީފައިވަނީ ހަމަ އެކަނި ކަސްރަތަށް ނުކުންނަ ވަގުތުތަކުގައެވެ. އެހެންކަމުން ކޮވިޑުން ރައްކާތެރިވުމަށް މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި ގިނަގިނައިން ސައިބޯނި ނުވަތަ ސެނެޓައިޒާ ލައިގެން އަތް ދޮވުމަކީ މުހިންމު ކަމެކެވެ.
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް