ހެރީ ކޭން ޕެނަލްޓީ ޖެހި ވަގުތު ޑެންމާކު ގޯލްކީޕަރު ކެސްޕާ ޝޫމައިކަލް މޫނަށް ލޭޒަރެއް އެޅުވި މައްސަލައިގެ އިތުރުން ޑެންމާކުން ގައުމީ ސަލާމު ކިޔަމުންދިޔަ ވަގުތު އަޑުބާރުކޮށް ހަޅޭލަވައި، ގައުމީ ސަލާމަށް އިހުތިރާމް ކުޑަކުރި މައްސަލައިގައި އިންގްލެންޑަށް ފިޔަވަޅު އަޅަން ޔޫއެފާއިން ތައްޔާރު ވެއްޖެއެވެ.
ރޭ އިންގްލެންޑްގެ އަމިއްލަ ހޯމް ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލް މެޗުގައި އެޓީމުން ޑެންމާކު ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ގާތްގަނޑަކަށް 65،000 ސަޕޯޓަރުން ރޭގެ މެޗަށް ވައްދާފައިވާ އިރު، އޭގެ ތެރެއިން 60،000 އެއްހާ ސަޕޯޓަރުންނަކީ އިންގްލެންޑްގެ ސަޕޯޓަރުންނެވެ. މެޗުން މޮޅުވުމަށް އިންގްލެންޑް ޖެހި ގޯލަކީ ރެފްރީ ދިން "ކޮންޓްރަވާޝަލް" ޕެނަލްޓީއަކުން އެޓީމު އިތުރު ވަގުތުގެ ތެރޭގައި ޖެހި ގޯލެކެވެ.
ރަހީމް ސްޓާލިންއަށް ޑެންމާކު ޑިފެންޑަރުން އޭރިއާ ތެރެއިން ފައުލް ކުރި ކަމަށް ނިންމައި ރެފްރީ ދިން ޕެނަލްޓީ ފޮނުވާލަން ހެރީ ކޭން ހުއްޓިގެން ހުރި ވަގުތު އިންގްލެންޑް ސަޕޯޓަރަކު ޑެންމާކު ގޯލްކީޕަރު މޫނަށް ލޭޒަރެއް އެޅުވި މަންޒަރު ކެމެރާއަށްވެސް ވަނީ ފާހަގަކުރެވިފައެވެ.
ރޭގެ މެޗުގެ ތެރެއިން އިންގްލެންޑުގެ ބައެއް ސަޕޯޓަރުން ސްޓޭޑިއަމް އެތެރޭގައި ބަޑި ބޭހުގެ ބޭނުން ކުރި ކަމަށްވެސް ޔޫއެފާއިން ފާހަގަކޮށްފައިވާ އިރު، އެ މައްސަލަވެސް ބަލަމުން އަންނަ ކަމަށް ޔޫއެފާއިން ބުނެފައިވެއެވެ.
"އިންގްލެންޑުގެ ތިން މައްސަލައެއް ދަނީ ބަލަމުން. އެ މައްސަލަތައް ބަލަމުން ގެންދާނީ ޔޫއެފާ ކޮންޓްރޯލް، އެތިކްސް، ޑިސިޕްލިނަރީ ބޯޑުން. އެ މައްސަލަތަކުގައި އަންގަން ޖެހޭ އެންގުންތައް އެފްއޭއާ ހިއްސާކުރަމުން ދާނަން،" ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ރޭގެ މެޗުން މޮޅުވެ، އިންގްލެންޑުން 1966 ވަނަ އަހަރަށްފަހު ބޮޑު މުބާރާތެއްގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކޮށްފައިވާ އިރު، ދެން އޮތީ އިންގްލެންޑުން ޔޫރޯގެ ފައިނަލުގައި ކުޅޭ ފުރަތަމަ މެޗުވެސް މެއެވެ. 1966 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުގައި ކުޅެ އިންގްލެންޑުން ތަށި ހޯދި ފަހުން އެޓީމަށް އަދި ބޮޑު މުބާރާތެއްގައި ފައިނަލުން ޖާގަ ލިބިފައެއް ނުވެއެވެ. އިންގްލެންޑުން ޔޫރޯ ފައިނަލުގައި ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020