ޑެންމާކު ހިތްވަރު ގަދައެވެ. ފުޓުބޯޅައަށް ލޯބިކުރާ އެންމެންގެ ހިތުން ޖާގަ ހޯދައިފިއެވެ. ޔޫރޯ 2020ގެ ކޮންމެ މެޗެއް ވެސް ހާއްސަކުރީ އެޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަނަށެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޑެންމާކުން ހިތްވަރުކުރިއެވެ.
ޑެންމާކުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުމާއެކު އެޓީމަށް ވަނީ އުނދަގޫ ހާލަތެއް ކުރިމަތިވެފައެވެ. އެ މެޗުގައި ފިންލެންޑް އަތުން ބަލިވި އިރު، ޖެހިގެން އައި މެޗުގައި ބެލްޖިއަމް އަތުން ވެސް ބަލިވިއެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ނުކުތްއިރު ބޮޑު ތަފާތަކުން މޮޅުވުން ނޫން ގޮތެއް ޑެންމާކަކަށް ނެތެވެ. އެ މެޗުގެ ކުރިން ލިބުނު އެންމެ ބޮޑު ހިތްވަރަކަށްވީ ހޮސްޕިޓަލުގައި އޮތުމަށްފަހު އެރިކްސަން ގެއަށް ދިއުމުގެ ކުރިން ޓީމާ ބައްދަލުވެލުމެވެ. ހިތަށް އައިސީޑީއެއް ލެއްވުމަށް ކުރި ސާޖަރީއަކަށްފަހު އެރިކްސަން ހޮސްޕިޓަލުން ދޫކޮށްލުމާއެކު އެރިކްސަން ވަނީ ހެލްސިންގޯއަށް ގޮސް، ޑެންމާކު ޓީމާ ބައްދަލުކޮށްފައެވެ.
އެ ބައްދަލުވުމަށްފަހު ޑެންމާކުން ގްރޫޕް ސްޓޭޖު ފަހު މެޗުގައި ރަޝިއާއާ ދެކޮޅަށް ނުކުތީ އެރިކްސަންއަށްޓަކައި މޮޅަކަށެވެ. އެ މެޗަށް ނުކުމެ ޑެންމާކުން ލިޔެލީ ފަހުގެ ތާރީހެއްގައި ފުޓުބޯޅައިގެ އެންމެ ރީތި ޖާދުވީ ވާހަކައެވެ. ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގައި އެޓީމަށް ދިމާވި އުނދަގޫ ހާލަތު ބަދަލުކޮށް، އަމިއްލަ ސަޕޯޓަރުން ކުރިމަތީ ހޯދި މޮޅާއެކު ގަދަ 16 ޔަގީން ކުރި މަންޒަރު ބަލަން ތިބި ހުރިހާ އެންމެންގެ ގައިން ހީބިހި ނަގައިގެން ދިޔަ ކަހަލައެވެ. ގްރޫޕް ސްޓޭޖު ފުރަތަމަ ދެ މެޗުން ބަލިވެފައި އޮތް ޑެންމާކު، ތިންވަނަ މެޗަށް ނުކުމެ، 4-1 އިން ރަޝިއާ ބަލިކޮށް، ގަދަ 16 އަށް ދިޔައީ ހީ ނުކުރާ ފަދަ ގޮތަކަށެވެ. އެ ޖޯޝާއި ހިތްވަރު ޑެންމާކަށް ގެނެސްދިނީ އެރިކްސަނެވެ.
ގަދަ 16 ގައި ޑެންމާކުން ވަނީ މޮޅު ކުޅުމަކާއެކު 4-0ގެ ނަތީޖާއަކުން ވޭލްސް ބަލިކޮށްފައެވެ. އަދި ޑެންމާކުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ކުއާޓާ ފައިނަލުގައި 2-1ގެ ނަތީޖާއަކުން ޗެކް ރިޕަބްލިކް ބަލިކޮށްފައެވެ. އެއީ 1992 ވަނަ އަހަރަށްފަހު އެޓީމު ސެމީއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ސެމީގެ މެޗަށް ނުކުތުމުގެ ކުރިން މެޗު ފޭވަރިޓުންގެ ގޮތުގައި އޮތީ އިނގިރޭސީންނެވެ. ނަމަވެސް ޑެންމާކުން އެއްގޮތަކަށް ވެސް ދޫނުދޭނެކަން އެނގުނެވެ. ރޭގެ މެޗުގައި އިނގިރޭސީންނަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ. އެ މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ޑެންމާކުންނެވެ. މިކެލް ޑެމްސްގާޑް ޖެހި އެ ލަނޑަކީ މި މުބާރާތުގައި އިންގްލެންޑް ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.
މެޗުގައި އިންގްލެންޑަށް ނަތީޖާ ހަމަހަމަކުރެވުނީ ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑެންމާކުގެ ކެޕްޓަން ސިމޮން ކިއާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މެޗުގެ ދެވަނަ ހާފު ނިމުނު އިރުވެސް 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތަށް ދާން ޖެހުނެވެ.
ހުރިހާ ކަމެއް ބަދަލުވެގެންދިޔަ ވަގުތުކޮޅަކީ މެޗުގެ 102 ވަނަ މިނެޓުގައި އިންގްލެންޑަށް ރެފްރީ ދިން ޕެނަލްޓީއެވެ. އިންގްލެންޑަށް އެ ޕެނަލްޓީ ދީފައިވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ރަހީމް ސްޓާލިންއަށް ޑެންމާކުގެ ޖޯކިމް މޭލާ ފައުލްކުރީ ކަމަށް ބެލުމަށްފަހުއެވެ. އެ ޕެނަލްޓީ ދިނުމަށްފަހު ވީއޭއާރުން އެއީ ފައުލެއްތޯ ވެސް ކަށަވަރު ކުރިއެވެ. ވީއޭއާރުން ރެފްރީގެ ނިންމުން ބަދަލުވެފައެއް ނުވެއެވެ.
މޭލާގެ ފަޔާއި ސްޓާލިންގެ ފަޔާ ކުޑަ ކޮންޓެކްޓެއް ވެއެވެ. ނަމަވެސް އެއީ އެފަދަ މެޗެއްގައި، ހާއްސަކޮށް އިތުރު ވަގުތުގައި ދޭން ޖެހޭ ވަރުގެ ޕެނަލްޓީއެއް ނޫނެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ސްޓާލިން ވެއްޓުނީ މާ ފަސޭހައިންނެވެ.
ގިނަ ފުޓުބޯޅަ އެނަލިސްޓުން ވެސް ދެކޭ ގޮތުގައި އެއީ ޕެނަލްޓީއެއް ނޫނެވެ. އެއީ ވީއޭއާރުން ނިންމި ގޯސް ނިންމުމެކެވެ. އަދި މެޗުގައި ވީއޭއާރުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ގިނަ އެނަލިސްޓުން ފާހަގަކުރެއެވެ.
"އެއީ ޕެނަލްޓީއެއް ނޫން. އެފަދަ ހާލަތެއްގައި މޮނީޓަރުން ޗެކްކުރުމަށް ރެފްރީ ދާން ޖެހޭނެ. އެފަދަ ދަނޑިވަޅެއްގައި އެއީ ޕެނަލްޓީއެއްތޯ ހުރިހާ ގޮތަކުން ރެފްރީ ޔަގީންކުރަންވާނެ،" އިންގްލެންޑަށް ދިން ޕެނަލްޓީއާ ގުޅޭގޮތުން އާސެނަލްގެ ލެޖެންޑަރީ ކޯޗު އާސެން ވެންގާ ބުންޏެވެ.
މެޗަށްފަހު އެ ޕެނަލްޓީއާ ގުޅޭގޮތުން ސްޓާލިން ބުނެފައިވާ ގޮތުގައި މޭލާ، އޭނާގެ ފައިގައި އަޅުވައި ވައްޓާލީއެވެ. އެއީ ޔަގީނުން ވެސް ޕެނަލްޓީއެއް ކަމަށް ސްޓާލިން ބުނެފައިވެއެވެ.
ޕެނަލްޓީ ދިނުމުގެ ކުރިންނާއި ޕެނަލްޓީގެ ވަގުތުކޮޅު ވެސް ރެފްރީއަށް ނުފެނުނު ކަންތައްތަކެއް ފާހަގަވިއެވެ. ޕެނަލްޓީ ދިނުމުގެ ކުރިން ރެފްރީއަށް ކުޅުން ހުއްޓާލެވެން ވެސް އޮތެވެ.
އިންގްލެންޑަށް ޕެނަލްޓީ ދިނުމުގެ ކުރިން އަދި ސްޓާލިންއަށް ބޯޅަ ލިބުމުގެ ކުރިން ވެސް ދަނޑުމަތީގައި ދެ ބޯޅަ އޮތެވެ. އެއީ އިންގްލެންޑަށް ލަނޑު ޖެހުމަށް އެޑްވާންޓޭޖް ލިބުމުގެ ކުރިންނެވެ. އާންމުކޮށް އެފަދަ ހާލަތްތަކުގައި ރެފްރީން މެޗު ހުއްޓުވާލި ނަމަވެސް، ރޭގެ މެޗުގައި ކުރިމަތިން ބޯޅަ ފެނުނު ނަމަވެސް، މެޗު ހުއްޓުމަކަށް ގެނެސްފައެއް ނުވެއެވެ.
ދެވަނަ ކަމަކީ ހެރީ ކޭން ޕެނަލްޓީ ފޮނުވާލި ވަގުތު ކުޅިބަލަން ހުރި މީހަކު ޑެންމާކުގެ ކީޕަރު ކެސްޕާ ޝްމައިކަލްގެ ލޮލަށް ލޭޒަރު އެޅުވުމެވެ. އެކަމުގައި ރެފްރީއަށް މާބޮޑު ކަމެއް ނުކުރެވުނު ނަމަވެސް، އެއީ ފުޓުބޯޅައަށް ލޯބިކުރާ މީހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. ފިނޑި އަމަލެކެވެ. އެއީ ޑެންމާކަށް ދޭން ޖެހޭ އިހުތިރާމު ނުދިނުމެވެ.
ހުރިހާ އުނދަގޫތަކާއެކު ވެސް ޑެންމާކުގެ ކީޕަރު ޝްމައިކަލް، ޕެނަލްޓީ މަތަކުރި ނަމަވެސް، ރީބައުންސް ބޯޅައިން ލަނޑު ޖަހައި އިންގްލެންޑަށް ފައިނަލުގެ ޖާގަ ކަށަވަރުކޮށްދިނީ އެޓީމުގެ ކެޕްޓަން ހެރީ ކޭންއެވެ. ޑެންމާކުން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހިތްވަރުކުރިއެވެ. ނަމަވެސް އިންގްލެންޑުން ވަރުގަދައަށް ޑިފެންސް ކުރުމުން ޑެންމާކަށް ވަނީ ނަތީޖާ ހަމަހަމަކުރެވޭ ގޮތް ނުވެފައެވެ.
ފައިނަލުގައި އިންގްލެންޑް ނުކުންނަން ޖެހޭނީ ޑެންމާކަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ އިޓަލީއާ ދެކޮޅަށެވެ. އިޓަލީގެ ކޮންމެ ޑިޕާޓްމަންޓެއް ވެސް އެހާ ވަރުގަދައެވެ. އިންގްލެންޑަށް "އިޓްސް ކަމިން ހޯމް" ޝިއާރު ކާމިޔާބު ކުރެވޭނީ ފައިނަލުގައި ކުޅުން ރަނގަޅުކޮށްގެންނެވެ. އިންގްލެންޑުން ފުރަތަމަ ފަހަރަށް ޔޫރޯ ހޯދުމަށް އިޓަލީ ކައިރީ ބުރަ މަސައްކަތެއް ކުރަން ޖެހޭނެއެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020