ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިން މިވަގުތު ކަރަންޓީނުގައި ތިބި މީހުން ކަރަންޓީނުން ދޫކޮށްލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާ މީހުންގެ ތެރެއިން މާލެއިން ރަށްރަށަށް ދަތުރުކޮށް މިހާރު ހޯމް ކަރަންޓީނުގައި ތިބި މީހުންނާއި އެ މީހުންނާ އެކު ދަތުރުކޮށް ކަރަންޓީނުގައި ތިބި ވެކްސިން ނުޖެހޭ އުމުރުފުރައިގެ ކުޑަކުދިން ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށެވެ.

އޭގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ޑަބްލިޔުއެޗްއޯ އިން ކޮވިޑް-19 އެމަޖެންސީ ލިސްޓިން އަށް ހުއްދަ ދީފައިވާ ވެކްސިނެއް ފުރިހަމަކޮށް ދެ ހަފުތާ ހަމަވެފައިވާ، ރާއްޖެއިން ބޭރުން އައިސް މިވަގުތު ކަރަންޓިނުގައި ތިބި މީހުންގެ ތެރެއިން ކަރަންޓީނުގައި ހަތް ދުވަސް ފުރިހަމަ ވެފައިވާ މީހުންވެސް ނެގެޓިވް ނަތީޖާއަކާ އެކު ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް އިއުލާނުގައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މިއަދުން ފެށިގެން އިތުރު ލުއިތަކެއް ދީފައިވާ އިރު، ވެކްސިން ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާ މީހުން، ނެގެޓިވް ނަތީޖާއަކާ އެކު ކަރަންޓީނު ނުވެ ދަތުރުކުރުމުގެ ހުއްދަ ވަނީ ދީފައެވެ.

އަދި އެމީހުންނާ އެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުފުރައިގެ ކުދިން، ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު ދަތުރުކުރާނަމަ ކަރަންޓީނުވާކަށް ނުޖެހޭނެއެވެ.