ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ މަސައްކަތުގެ 84 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 46،600 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 253 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 410 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 64 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 2500 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ޖުމުލަ 38.2 މިލިއަން ރުފިިޔާގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.