ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި ޑެންމާކު ބަލިކޮށް، އިންގްލެންޑުން އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރޯގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިރޭ އިންގްލެންޑްގެ ހޯމް، ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު އިންގްލެންޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 އިން އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ. މިއީ އިންގްލެންޑަށް ތާރީހީ ނަތީޖާއެކެވެ. އެގައުމުން ބޮޑު މުބާރާތެއްގެ ފައިނަލަށްވެސް ގޮސްފައި މިވަނީ 55 އަހަރު ފަހުންނެވެ.
މިއީ އިންގްލެންޑުން ޔޫރޯގެ ސެމީ ފައިނަލް މެޗަކަށް ނުކުތް ތިންވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން ކުޅުނު ސެމީ ފައިނަލް ދެ މެޗުންވެސް ވަނީ ބަލިވެ، ކުރިމަތިވީ ބަދު ނަސީބެވެ. އިންގްލެންޑުން މީގެ ކުރިން ޔޫރޯގެ ފައިނަލަށް ދަތުރުކޮށްފައި ނުވުމާއެކު، މިރޭގެ މެޗަށް ނުކުތީ ތާރީހު ބަދަލު ކުރުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިފަހަރު މިއީ "އިޓްސް ކަމިން ހޯމް" ގެ ޝިއާރު ކާމިޔާބު ވާނެ ފަހަރެވެ. "ފުޓްބޯލް އިސް ކަމިން ހޯމް" އެގައުމުން ބޭނުންކުރަމުންދަނީ ތާރީހުން ހިތްވަރު ހޯދުމަށެވެ. އެގައުމުން 1966 ވަނަ އަހަރު ވޯލްޑް ކަޕް ހޯދައި ފުޓުބޯޅަ "ހޯމް"އަށް ގެންދިޔަ ފަހުން އަދި ކާމިޔާބީއެއް ނުހޯދި އޮތް އޮތުމަށް ނިމުން ގެންނަން ކުރަމުން އަންނަ މަސައްކަތަށް މިރޭ ވީ ބޮޑު ޓެސްޓަކަށެވެ.
އަނެއްކޮޅުން ނުކުތް ޑެންމާކުވެސް ވަނީ މީގެ ކުރިން ތިން ފަހަރަށް ޔޫރޯގެ ސެމީ ފައިނަލުގައި ކުޅެފައެވެ. އެޓީމުން 1992 ވަނަ އަހަރު ކުޅުނު ސެމީ ފައިނަލުން މޮޅުވެ، އެފަހަރު މުބާރާތުގެ ޗެމްޕިއަންކަން ނެގި ނަމަވެސް ދެން ކުޅެފައިވާ ދެ ސެމީ ފައިނަލުންވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ފުރަތަމަ މެޗުގައި ޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަންއަށް ދިމާވި ހާދިސާއިން ހިތްވަރު ހޯދައި ޑެންމާކުން 29 އަހަރަށްފަހު ފުރަތަމަ ސެމީއަށް މިރޭ ނުކުތީ ހިތްވަރާއެކުގައެވެ.
އެންމެފަހުން އިންގްލެންޑާއި ޑެންމާކު ޔޫރޯގައި ކުޅުނީ 1992 ވަނަ އަހަރު މުބާރާތުގެ ގްރޫޕް ސްޓޭޖުގައެވެ. އެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި އިންގްލެންޑުން ކުރިއަށް ޖެހި ޑެންމާކަށް ޕްރެޝަރު ކޮށްލި ނަމަވެސް އެޓީމަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މޭސަން މައުންޓްގެ ހަމަލާއެއް ޑެންމާކު ޑިފެންޑަރު ބްލޮކްކޮށް ބޭރުކޮށްލި އިރު، ރަހީމް ސްޓާލިން މަޑުމަޑުން ފޮނުވާލި ހަމަލާ ފަސޭހަކަމާއެކު އަތަށް ނެގީ ޑެންމާކުގެ ގޯލްކީޕަރު ކެސްޕާ ޝޫމައިކަލްއެވެ. ފުރަތަމަ ހާފުގެ ކުރީކޮޅުގައި އަނެއްކޮޅަށްވެސް ނުރައްކާ ބޮޑެއް ނޫނެވެ. ޕިއޭ އެމީލް ހޮއިބިއާ ފޮނުވާލި ހަމަލާއާއި މާޓިން ބްރެއިތު ވެއިޓް ފޮނުވާލި ހަމަލާގައިވެސް މާ ބޮޑު ބާރެއް ނެތި ދިޔައީ އިންގްލެންޑް ގޯލްކީޕަރު ޖޯޑަން ޕިކްފޯޑުގެ އަތަށެވެ.
މެޗު ކުއްލިއަކަށް ހުޅުވިގެން ދިޔައީ 30 ވަނަ މިނެޓުގައި ޑެންމާކުގެ ޑެމްސްގާޑު ޖަހައިދިން ހިތްގައިމު ގޯލުންނެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން އިންގްލެންޑް ކުޅުންތެރިންގެ ފާރު މަތިން ސީދާ ގޯލުގެ ކަނަށް އަމާޒުކޮށްލައި ޑެމްސްގާޑި ވެމްބްލީ ހައިރާން ކޮށްލިއެވެ. އިންގްލެންޑުގެ އުންމީދީ ސަޕޯޓަރުން އަޑު މަޑުވެ، މާޔޫސް ކޮށްލިއެވެ. އެހެންނަމަވެސް އެ މާޔޫސްކަމުގައި ގިނައިރުތަކެއް ނުވިއެވެ. އިންގްލެންޑުން ކުރިއަށް ޖެހި އުފައްދަން ފެށި ހަމަލާތަކާއެކު ހިތްވަރު އާކުރިއެވެ.
ރަހީމް ސްޓާލިންގެ ނުރައްކާތެރި ހަމަލާއެއް ޝޫމައިކަލް ދިފާއުކުރި ނަމަވެސް މެޗުގެ 39 ވަނަ މިނެޓުގައި ސަކާ ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ދިފާއުކުރަން އުޅުމުގެ ތެރޭގައި ޑެންމާކުގެ ކެޕްޓަން ކިއޭ އަތުން ބައިކޮޅަށް ވަން ގޯލާއެކު އިންގްލެންޑުން ނަތީޖާ ހަމަހަމަ ކުރިއެވެ. ވެމްބްލީއަށް މިރޭ ވައްދާފައިވާ 65،000 ސަޕޯޓަރުންގެ އަޑުން މުޅި ސްޓޭޑިއަމް ގުގުމާލައި، އިންގްލެންޑުން މުޅި ދަނޑު ކައްކުވައިލިއެވެ.
ނަތީޖާ ހަމަހަމަ ވެފައި އޮވެ، ދެޓީމުން މެޗުގެ ދެވަނަ ހާފަށް ނުކުމެފައިވާ އިރު، ހާފުގެ ކުރީކޮޅުގައިވެސް ފެނުނީ ހަމަލާއަކަށްފަހު ހަމަލާއެކެވެ. ފުރުސަތަކަށްފަހު ފުރުސަތެކެވެ. ޑެންމާކުން ހާފުގެ ކުރީކޮޅުގައި ހީވީ ދެންމެ ދެންމެ ލީޑު ނަގައިފާނެހެނެވެ. މޭލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ޑޮލްބާގް ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ހުޝިޔާރުކަމާއެކު މަތަކޮށްފައިވާ އިރު، އޭގެ އިރުކޮޅެއް ފަހުން ޑޮލްބާގަށް ލިބުނު ފުރުސަތުވެސް ދިޔައީ ބޭކާރު ވެގެންނެވެ.
އަނެއްކޮޅުން އިންގްލެންޑުގެ ނުރައްކާ ވަކި ކުޑައެއް ނޫނެވެ. ކޯނަރަކަށް ކުރިއަށް ޖެހި ހެރީ މެގުއާ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާ ޝޫމައިކަލް މަތަކޮށް ބޭރުކޮށްލީ ފުލް ސްޓުރެޗް ޑައިވްއެއްގައެވެ. އޭގެ ފަހުން މައުންޓަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ސިދާ ޝޫމައިކަލް އަތަށެވެ. އަދި ސްޓާލިން ރަނގަޅު ހިސާބެއްގައި އޮވެ ފޮނުވާލި ހަމަލާ ޑެންމާކު ޑިފެންސް ލައިނުން ބްލޮކްކުރިއެވެ.
މެޗުގެ ފަހު 10 ވަރަކަށް މިނެޓުގައި އިންގްލެންޑުން ޑެންމާކު އޭރިއާ ތެރެއަށް ގިނަ ހުރަސްތަކެއް ޖަހައި، ގޯލަކަށް ބުރަކޮށް މަސައްކަތް ކުރިއެވެ. ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދައި، ޑެންމާކު ފަހަތަށް ޖައްސާލައި އިންގްލެންޑުން އެޓީމުގެ ޑޮމިނޭޝަން ދައްކާލި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މެޗު ދިޔައީ އިތުރު ވަގުތަށެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފު އިންގްލެންޑުން ފެށީ ފުލް ގިޔަރުގައެވެ. ކޭންގެ ނުރައްކާތެރި ހަމަލާއެއް ޝޫމައިކަލް ސޭވްކޮށް ބޭރުކޮށްލި އިރު، އޭރިއާ ބޭރުން ގްރީލިޝް ފޮނުވާލި ބާރު ހަމަލާވެސް ޑެންމާކުގެ ކީޕަރު ޝްމައިކަލް ވަނީ މަތަކޮށްފައެވެ. ޝޫމައިކަލް ފޫއަޅުވާލަން އިންގްލެންޑުން ކުރަމުން ދިޔަ މަސައްކަތް އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކާމިޔާބުކުރީ ރެފްރީ ދިން "ކޮންޓްރަވާޝަލް" ޕެނަލްޓީއަކުންނެވެ.
ޑެންމާކު އޭރިއާ ތެރެއިން ވެސްޓްގާޑް، ރަހީމް ސްޓާލިންނަށް ފައުލް ކުރި ކަމަށް ނިންމައި ރެފްރީ ދިން ޕެނަލްޓީއާ މެދު ޑެންމާކުން ވަރަށް ބޮޑަށް ޝަކުވާ ކުރި ނަމަވެސް ވީއޭއާރު ބަލައި، ރެފްރީ އެ ނިންމުމުގައި ދެމި ހުރިއެވެ. ކޭންގެ ޕެނަލްޓީ ޝޫމައިކަލް މަތަކުރި ނަމަވެސް ރީބައުންސްގައި ކޭން އޭނާ މުބާރާތުގައި ޖެހި ހަތަރުވަނަ ގޯލު ކާމިޔާބުކޮށް ވެމްބްލީގެ ސަޕޯޓަރުން ހެއްވާލިއެވެ. އިތުރު ވަގުތު ނިމެން ދަނިކޮށް ބްރައިތުވެއިޓްގެ ނުރައްކާތެރި ހަމަލާއެއް ޕިކްފޯޑު ސޭވް ކޮށްފައިވާ އިރު، އިންގްލެންޑުން ބޮޑަށް ބެލީ ކައުންޓާގައި ނުރައްކާ ކުރުމަށް އެކަންޏެވެ. ރަހީމް ސްޓާލިންއަށް ކައުންޓާ އެޓޭކުގައި ލިބުނު ފުރުސަތުތައް ފާހަގަވި އިރު، މެޗު ނިމިނިމި އޮއްވައި އޭނާ ޖެހި ބޯޅަވެސް މަތަކުރީ ޝޫމައިކަލްއެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފުގައި ޑެންމާކު ހިފަހައްޓައި އިންގްލެންޑުން ފުރަތަމަ ފަހަރަށް ޔޫރޯ ފައިނަލުން ޖާގަ ހޯދިއެވެ. މިއީ 1966 ވަނަ އަހަރަށްފަހު އިންގްލެންޑުން ބޮޑު މުބާރާތެއްގެ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެ އަހަރު ވޯލްޑް ކަޕް ފައިނަލުގައި ކުޅެ އިންގްލެންޑުން ތަށި ހޯދި ފަހުން އެޓީމަށް އަދި ބޮޑު މުބާރާތެއްގައި ފައިނަލުން ޖާގަ ލިބިފައެއް ނުވެއެވެ. އިންގްލެންޑުން ޔޫރޯ ފައިނަލުގައި ނުކުންނާނީ އިޓަލީއާ ދެކޮޅަށެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020