މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލަކީ އިތުރަށް ނަފުރަތު އުފައްދާ ބިލަކަށް ވެގެން ނުވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގުރާމުގައި ރޭ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ނަފުރަތުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ވަނުމަކީ ބައިނަލްއަގުވާމީ ގޮތުން އެއްބަސްވެފައިވާ މުއާހަދާތަކުންވެސް ލާޒިމުކުރާ ކަމެއް ކަމަށެވެ.

"އެކަން ކޮންމެވެސް ގޮތަކަށް ދާންޖެހޭ. ދުނިޔޭގެ މިނިވަން ޑިމޮކްޓެރިކް އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގައުމުތަކުގައި އެކަންކަން އޮންނަ ގޮތަށް އެކަން ގެންނަންޖެހޭ" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ނަފުރަތުގެ ބިލު މަޖިލީހަށް ވައްދައި، އެ ބިލަށް އިސްލާހުތައް ގެންނަމުންދާ އިރު އަދާލަތު ޕާޓީއާވެސް އިސްލާމިކް މިނިސްޓްރީއާވެސް އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށެވެ.

"އަދި ހާއްސަކޮށް ދީނީ ބައިތަކެއް މީގެ ތެރޭގައި ހިމެނިގެންވާތީވެ އަދާލަތު ޕާޓީ މީގެ ތެރޭގައި އޮވެ، އަދާލަތު ޕާޓީގެ އިސްލާމިކް މިނިސްޓްރީވެސް ހުރެ ނުވަތަ ތަމްސީލު ކުރާ ފަރާތެއްވެސް ހުރެ، އެ ހުރިހާ ކަންކަމެއް ހުރި އިރުގައި އަޅުގަނޑުމެންނާ މަޝްވަރާނުވެ އެކަން ހިނގާ ދިޔުން އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ ފުރަތަމަވެސް ހެދި ގޯހެއް." އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ، ނަފުރަތުގެ ބިލަކީ އިތުރަށް ނަފުރަތު އުފައްދާ ބިލަކަށް ވެގެން ނުވާނެ ކަމަށާއި އެ ބިލަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.

"ނަފްރަތުގެ ބިލުގެ އަސްލަށް ދެކޮޅު ހަދައިގެން ނުވާނެއޭ. އެ ބިލު އެކުލެވިގެންވާ ގޮތަށް ބަލާ އިރުގައި ނަފުރަތު އުފެއްދުން ހުއްޓާލުމަށް އަޅުގަނޑުމެން ފާސްކުރާ ގާނޫނު ނުވަތަ ބިލުން އިތުރަށް ނަފުރަތު އުފެދޭ ގޮތް މެދުވެރިވެއްޖެ ނަމަ އަޅުގަނޑު ހިތުން މި ބިލުގެ މަގުސަދުވެސް އޮޅިގެންދާނެ" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ނަފުރަތުގެ ބިލު ފާސްވެގެން އަންނާނީ، ރައްޔިތުން ބޭނުންވާ ފަދަ ބަދަލުތަކަކާ އެކުގައި ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ނަފުރަތުގެ ބިލާ ދެކޮޅަށް ގިނަ ބަޔަކު ވާހަކަ ދައްކަމުންދާ އިރު، އެ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، ފާޅުގައި މުރުތައްދު ނުވާ މުސްލިމަކަށް ކާފަރެކޭ ނުކިޔޭ ގޮތަށް ހިމަނައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ބިލު ވަނީ ފާސްކޮށްފައެވެ.

ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާއަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ މި ބިލުގައި، އާއްމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅަން ހުށަހަޅާފައި ވަނިކޮށް، އެއަށް ކޮމިޓީން ވަނީ އިސްލާހު ގެނެސްފައެވެ.

ކޮމިޓީން ގެނައި އިސްލާހުގައި ވަނީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި، އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއް ކަމަށް ނުވަތަ އެފަދަ މާނައިގައި އާންމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައިފައެވެ.

އިސްލާމީ އަގީދާއާ ގުޅުވައިގެން މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ކުށެއް ކަަމަށް ކަނޑައަޅަން ހިމަނާފައިވާ މާއްދާއަށްވެސް ކޮމިޓީން ވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން ގެނައި އިސްލާހުގައި މިހާރު ބުނަނީ، މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްތުގައި ފާޅުނުކުރާހާ ހިނދަކު ނުވަތަ ގަސްތުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިނދަކު، އާންމު ތަނެއްގައި އެމީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދު ވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތު ކުރުން ނުވަތަ ސިފަކުރުން ނުވަތަ އެފަދައިން ތުހުމަތު ކުރުމުގައި ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ކުށެއްް ކަމަށެވެ.

އާއްމުތަނެއްގައި ވަކި މިހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުުމުގެ އިތުރުން މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި އެފަދަ އަމަލަކަށް ހިތްވަރުދީ ބައިވެރިވުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާ މާއްދާއަށް ބަދަލު ގެނެސް ކޮމިޓީން ގެނައި އިސްލާހުގައި މިހާރު ވަނީ، ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއް ކަމަށް ނުވަތަ އެފަދަ މާނައިގައި އާންމު ތަނެއްގައި، ސިފަކުރުން ނުވަތަ ތުހުމަތު ކުރުމާއެކު އެމީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމަކީ ކުށެއް ކަމަށެވެ.

މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމަކީ ކުށެއް ކަމަށް ބިލުގައި ހުށަހަޅާފައިވާ އިރު، މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ނުވަތަ ސިޔާސީ ވިސްނުމަށް ނުވަތަ ދީނަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުން ނުވަތަ އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން ގޮވާލުން ނުވަތަ އެމީހަކާމެދު ތަފާތު ކުރުމަށް ގޮވާލުން އެއީ ކުށެއް ކަމައް ކަނޑައަޅަން ކޮމިޓީން ވަނީ އިސްލާހުކޮށްފައެވެ.

އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއްް ކަމުގެ ތުހުމަތު ކުރުމާއި މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުމަށް ބިލުގައި ހިމަނާފައިވާ ދެ މާއްދާ ކޮމިޓީން ވަނީ އުނިކޮށްފައެވެ.

ގާނޫނުގެ 124 ވަނަ މާއްދާގެ ފަހަތަށް (ނ)ގެ ގޮތުގައި އަކުރެއް އިތުރުކުރުމަށްވެސް ކޮމިޓީން ވަނީ ބިލުގައި ހިމަނައިފައެވެ.

އެ މާއްދާގައި ބުނަނީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ އިދިކޮޅު މީހެއް ކަމަށް ބިލުގައި ބުނެފައި އެވަނީ، މި ޤާނޫނުގެ 617 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ކުށް ކުރާ މީހާއަށް ކަމަށެވެ.

އެ މާއްދާގައި ކުށް ކަމަށް ކަނޑަައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ މުއާސަލާތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި ދީނީ ތަގުރީރު ކުރުމާއި އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި ބެހުމާއި ވިއްކުމާއި އުފެއްދުމާއި ރާއްޖޭގައި އޮރިޔާން ކާޑު އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ރާއްޖެއަށް ގެނައުމެވެ.

މީގެ އިތުރުން އަޅުކަންކުރަން ގެންގުޅޭ ބުދު ރާއްޖޭގައި އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ރާއްޖެއަށް ގެނައުމާއި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތް ގޮތަށް އަމަލުކުރުމަކީވެސް ކުށް ކަމަށް ކަނޑައަޅާފައިވެއެވެ.

ނަފްރަތުގެ ބިލު މިހާރު އޮތް ގޮތާ ދެކޮޅު ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްއާއި ޖުމްހޫރީ ޕާޓީންވެސް ވަނީ އެބިލާ ދެކޮޅު ކަމަށް ބުނެފައެވެ.