ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި އިންގްލެންޑާއި ޑެންމާކު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިއީ އިންގްލެންޑުން ޔޫރޯގެ ސެމީ ފައިނަލް މެޗެއްގައި ވާދަކުރާ ތިންވަނަ ފަހަރު. މީގެ ކުރިން އެޓީމުން ކުޅުނު ސެމީ ފައިނަލް ދެ މެޗުންވެސް ވަނީ ބަލިވެފައި. އިންގްލެންޑުން މީގެ ކުރިން ޔޫރޯގެ ފައިނަލަށް ދަތުރުކޮށްފައެއް ނުވޭ. އަނެއްކޮޅުން ނުކުންނަ ޑެންމާކުވެސް ވަނީ މީގެ ކުރިން ތިން ފަހަރަށް ސެމީ ފައިނަލުގައި ކުޅެފައި. އެޓީމުން 1992 ވަނަ އަހަރު ކުޅުނު ސެމީ ފައިނަލުން މޮޅުވެ، އެފަހަރު މުބާރާތުގެ ޗެމްޕިއަންކަން ނެގި ނަމަވެސް ދެން ކުޅެފައިވާ ދެ ސެމީ ފައިނަލުންވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ.
އެކިއެކި މުބާރާތްތަކާއި އެކުވެރިކަމުގެ މެޗުތަކުގައި އިންގްލެންޑާއި ޑެންމާކު މިހާތަނަށް 23 ފަހަރު ވާދަކޮށްފައިވޭ. އޭގެ ތެރެއިން 13 މެޗެއް އިންގްލެންޑުން ކާމިޔާބު ކޮށްފައިވާ އިރު، ޑެންމާކުން ވަނީ ފަސް މެޗަކުން މޮޅުވެފައި. އަނެއް ފަސް މެޗު ނިމުނީ އެއްވަރުވެގެން. އެންމެފަހުން އިންގްލެންޑާއި ޑެންމާކު ޔޫރޯގައި ކުޅުނީ 1992 ވަނަ އަހަރު މުބާރާތުގެ ގްރޫޕް ސްޓޭޖުގައި. އެ މެޗު ނިމުނީ އެއްވަރު ވެގެން.
މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ އިންގްލެންޑުގެ ހޯމް ދަނޑު، ވެމްބްލީގައި.
- ޑެންމާކު
ޑެންމާކުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުމާއެކު އެޓީމަށް ވަނީ އުނދަގޫ ހާލަތެއް ކަނޑައްތު ކުރަން ޖެހިފައި. އެރިކްސަންގެ ހިތަށް އައިސީޑީއެއް ލައްވައި، މިހާރު ރިކަވާވަމުން އަންނަ އިރު، އޭނާއަށްޓަކައި ކުޅެ، ޑެންމާކުން ގްރޫޕް ސްޓޭޖުން ސަލާމަތްވީ އާދަޔާ ހިލާފު ހިތްވަރަކާއެކު. އެ ހާދިސާގެ ސަބަބުން ޑެންމާކުގެ ޓީމަށް އެކުވެރިކަމުގެ އާ ރޫހެއް އައިސްފައިވޭ. އަދި މުޅި ދުނިޔޭގެ އެތައް ބައެއްގެ ލޯބިވެސް ޑެންމާކަށް ލިބުނު. ޑެންމާކު އެކީ މިހާރު އެދެމުންދަނީ އެރިކްސަން އަށްޓަކައި މުބާރާތް ހޯދުމަށް.
- އިންގްލެންޑް
އަބަދުވެސް ތަރިން ގިނަ ޓީމެއްގެ ގޮތުގައި އިންގްލެންޑް ފާހަގަވެފައި އޮންނަ ނަމަވެސް، އެޓީމަށް ކާމިޔާބީ ނުހޯދި އޮތުމަކީ ޓީމަށް ކޮންމެ ފަހަރަކުވެސް ކުރިމަތިވާ އެންމެ ބޮޑު ޕްރެޝަރު. މިފަހަރުގެ މުބާރާތުގެ ކުރިން އިންގްލެންޑަށް ޕްރެޝަރު ބޮޑުވި ނަމަވެސް މިހާރު ވަނީ ފޯމު ރަނގަޅުކޮށް އެތައް ބައެއްގެ އިތުބާރު ހޯދައިފައި. އިންގްލެންޑްގެ ކުޅުން މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން އަންނަ އިރު، އެގައުމުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިފަހަރު މިއީ "އިޓްސް ކަމިން ހޯމް" ގެ ޝިއާރު ކާމިޔާބު ވާނެ ފަހަރު. "ފުޓްބޯލް އިސް ކަމިން ހޯމް" އެގައުމުން ބޭނުންކުރަމުންދަނީ ތާރީހުން ހިތްވަރު ހޯދުމަށް. އެންމެފަހުން ކުޅުނު ވޯލްޑް ކަޕްގެ ސެމީގައިވެސް އިންގްލެންޑް ކުޅެފައިވާ އިރު، ކޯޗު ސައުތުގޭޓާއި ޓީމުން ތަށްޓެއް ހޯދާނެ ކަމަށް ގަބޫލުކުރާ މީހުން ގިނަ. މިއީ އިންގްލެންޑުން ފުރަތަމަ ޔޫރޯ ފައިނަލަކަށް ދާނެ އަހަރު ކަމަށް ސަޕޯޓަރުން ގަބޫލުކުރޭ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020