ރާއްޖޭން ބޭރުން ރާއްޖެ އަށް އަންނަ މީހުން، މީހުން ދިރުއުޅޭ ގެތަކުގައި ކަރަންޓީނުވުން މަނާކޮށްފިއެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ އަމިއްލަ ކުންފުނިތަކަށް ރާއްޖޭން ބޭރުން އަން މުވައްޒަފުން ކަރަންޓީނު ކުރެވޭ ގޮތަށް ލުއި ދީފައިވާ ކަމަށެވެ.

ނަމަވެސް އެގޮތަށް ކަރަންޓީނު ކުރެވޭނީ ކަރަންޓީނު ފެސިލިޓީތަކުގައި ކަމަށާއި އެ ފެސިލިޓީތައް ހުންނަންވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަދީފައިވާ ތަންތަނުގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ. އަދި މީހުން ދިރިއުޅޭ ގެއެއްގައި ކަރަންޓީނެއް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މަބުރޫކު އިތުރަށް ވިދާޅުވީ، އަމިއްލަ ފަރާތުން ހަމަޖައްސާ ވަކި ކަރަންޓީނު ފެސިލިޓީއެއްގައި އެ ފަރާތްތަކަށް ތިބެވޭ ގޮތް ހެދިދާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް ކަރަންޓީނު ވުމަށް އެޗްޕީއޭއިން ވަކި މިންގަނޑެއް ކަނޑައަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މީހުން ދިރުއުޅޭ ގޭގޭގައި މަސައްކަތްކުރާ ޑޮމެސްޓިކް ވޯކާސް، ކެއާ ވޯކާސް ނުވަތަ ޓީޗަރުން ފަދަ ބޭފުޅުން ރާއްޖޭން ބޭރުން އައުމަށްފަހު ކަރަންޓީނުވުމަށް ވަކި މިންގަނޑެއްގައި އެޗްޕީއޭ އިން ކަނޑައަޅާނެ،" މަބްރޫކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ އެެއްވެސް ފަރާތެއް މީހުން ދިރިއުޅޭ ގޭގޭގައި ކަރަންޓީނުވުން މަނާވާނެ ކަމަށާއި އެޗްޕީއޭ އިން ކަނޑައަޅާ ވަކި ކަރަންޓީން ފެސިލިޓީތަކެއްގައި އެފަރާތްތައް ކަރަންޓީނު ވުމަށް ބޭނުން ކުރެވޭނެ ކަމަށެވެ.