މިރޭ އިންގްލެންޑާ ދެކޮޅަށް ޑެންމާކު ކުޅޭ މެޗު އެންމެ ހާއްސަވާނެ އެއް ކުޅުންތެރިޔަކީ ލެސްޓާ ސިޓީއަށް ކުޅެމުން އަންނަ ކެސްޕާ ޝޫމައިކަލްއެވެ. މިފަހަރުގެ ޔޫރޯއަށް ކެސްޕާ ދިޔައީ ލެސްޓާ ސިޓީއާއެކު އިންގްލެންޑްގެ އެފްއޭ ކަޕް ކާމިޔާބު ކުރުމަށްފަހުއެވެ. އޭނާ އިންގްލެންޑުގައި 16 އަހަރުގެ ކްލަބު ކެރިއަރެއް ދަމަހައްޓައިފައިވާ އިރު، މިހާތަނަށް އިނގިރޭސި ގިނަ ކްލަބުތަކަކަށް ކުޅެފައިވެއެވެ. އެންމެ ގިނަ ދުވަސް ވަންދެން ލެސްޓާ ސިޓީއަށް ކުޅެފައިވާ އިރު، އެ ކްލަބުގެ ޖާޒީގައި ކެސްޕާ ވަނީ 377 މެޗު ކުޅެދީފައެވެ. އިންގްލެންޑުގައި އެހާ ދުވަސް ހޭދަކުރި ނަމަވެސް މިރޭގެ މެޗަށް އިންގްލެންޑަށް އެއްވެސް އަގަލެއް ނެތްކަން އޭނާ ވަނީ ޕްރި މެޗު ޕްރެސްގައި ދައްކައިލައިފައެވެ.
ޕްރެސްގައި އިނގިރޭސި ނޫސްވެރިއަކު ކެސްޕާ ގާތުގައި އެހީ "އިޓްސް ކަމިން ހޯމް" ހުއްޓުވަން ކުރެވޭނީ ކޮން ކަމެއްތޯއެވެ. އިންގްލެންޑުން ބޮޑެތި މުބާރާތްތަކަށް ދާއިރު އާންމުކޮށް މިހާރު ބޭނުންކުރާ ސްލޮގަން ކަމަށްވާ "ފުޓްބޯލް އިސް ކަމިން ހޯމް" ޕްރޮމޯޓު ކުރުމަށް މީޑިއާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، އެ ވާހަކައާ ގުޅިގެން ކެސްޕާ ދިނީ ޖަޒުބާތީ ޖަވާބެކެވެ. ކެސްޕާ ކޮށްލީ ޒާތެއްގެ ސުވާލެކެވެ.
"އިނގިރޭސިންނަށް ތަށްޓެއް ކާމިޔާބު ކުރެވުނުތަ؟، ދުވަހަކުވެސް ތިބުނާ ތަށްޓެއް ހޯމްއަށް ގެންދެވިފައިވޭތަ؟،" ލެސްޓާ ކީޕަރު ކެސްޕާ ސުވާލެއް ކޮށްލިއެވެ.
އިނގިރޭސި ނޫސްވެރިޔާ ކެސްޕާ ޝްމައިކަލް ގާތުގައި ބުނަނީ 1966 ވަަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އިނގިރޭސިން އަމިއްލަ ފަސްގަނޑުގައި ކުޅެގެން ކާމިޔާބުކުރި ކަމަށެވެ. އެ ވާހަކައާ ގުޅިގެން ކެސްޕާ ބުނީ އެއީ ވޯލްޑް ކަޕް ކަމަށާއި އިންގްލެންޑަށް އަދި ޔޫރޯއެއް ކާމިޔާބު ކުރެވިފައިނުވާ ކަމަށެވެ.
"އަހަރެމެން މިވަގުތު އިންގްލެންޑް ހުއްޓުވާނެ ގޮތަކަށް ވުރެ މި ވިސްނަނީ ޑެންމާކް މޮޅުވާނެ ގޮތެއް ހޯދަން. އަހަރެމެން ބޭނުންވަނީ ޑެންމާކަށް ކާމިޔާބެއް ހޯދަން. ހަގީގަތަށް ބުނަންޏާ އިނގިރޭސި ޓީމާ މެދު އެހާ ވަރަށް ނުވިސްނަން،" ކެސްޕާ ބުނެފައިވެއެވެ.
ޑެންމާކުން މަސައްކަތް ކުރަމުންދަނީ ތާރީހު އިޔާދަ ކުރުމަށެވެ. މިރޭ އެޓީމު ނުކުންނާނީ 1992 ވަނަ އަހަރަށްފަހު ފުރަތަމަ ޔޫރޯ ސެމީ ފައިނަލަށެވެ. އެ އަހަރަކީ ޑެންމާކުގެ ފުޓުބޯޅަ ތާރީހުގައިވެސް އެންމެ ކާމިޔާބު "ރަން" އަހަރެވެ. 1992 ވަނަ އަހަރު މުބާރާތް ޑެންމާކުން ކާމިޔާބުކުރީ ގިނަ ބަޔަކު ހައިރާން ކޮށްލައިފައެވެ. އެ ކާމިޔާބީގައި ހިމެނުނު އެކަކަކީ މިހާރުގެ ގޯލްކީޕަރު ކެސްޕާ ޝޫމައިކަލްގެ ބައްޕަ، ޕީޓާ ޝޫމައިކަލްއެވެ.
ޕީޓާ ޝޫމައިކަލްއަކީ އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑެކެވެ. އަދި ޕްރިމިއާ ލީގުގެ ތާރީހުވެސް ދުށް އެންމެ މޮޅު އެއް ގޯލްކީޕަރެވެ. އޭރު ޕީޓާ ޝޫމައިކަލްއަކީ ޑެންމާކު ޓީމުން އިންގްލެންޑްގެ ވަރުގަދަ ލީގުގައި ކުޅެމުން ދިޔަ ހަމައެކަނި ކުޅުންތެރިޔާއެވެ. ކެސްޕާގެ އަމާޒަކަށްވާނީ ބައްޕަގެ ހަނދާނަށް މިފަހަރުގެ ފައިނަލް ކުޅުންކަން ޔަގީނެވެ.
"ކެސްޕާއާއި ޑެންމާކުގެ ކުޅުންތެރިން ދަނީ އަހަރެން ހައިރާން ކުރަމުން، އަހަރެން ވަރަށް އުފާވޭ ޑެންމާކު މީހަކަށްވީތީ. މިއީ ފަހުރުވެރި ވަގުތެއް. ސެމީ ފައިނަލަށް ދިޔުމަކީ ވަރަށްވެސް އުފާވެރިކަމެއް. ފިންލޭންޑް މެޗުގައި ދިމާވި ކަންތަކުން އުންމީދެއް ހޯދައި ޑެންމާކުން ސެމީއާ ހަމައަށް ދިޔުމަކީ ފަހުރުވެރިވާ ކަމެއް. މިއީ އެމޯޝަނަލްވެސް ކަމެއް، އުންމީދު އެބައޮތް،" ކެސްޕާގެ ބައްޕަ، ޕީޓާ ޝޫމައިކަލް ކުއާޓާއަށްފަހު ބީން ސްޕޯޓްސްގެ ސްޓޫޑިއޯގައި އިނދެ ބުނެފައިވެއެވެ.
މިއަދު ޑެންމާކަށް ކާމިޔާބީއަށް އެދި ޝޫމައިކަލް ޕޯސްޓް ކޮށްފައިވާ ފޮޓޯއަކީވެސް ކެސްޕާއާއެކު ފްލައިޓެއްގެ ތެރޭގައި އިނދެ ނަގައިފައިވާ ފޮޓޯއެކެވެ. ޑެންމާކާއި އިންގްލެންޑް ވެމްބްލީއަށް ނުކުންނާނީ މިރޭ 12:00 ގައެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020