Close
ޚަބަރު

އެލްޖީއޭއަށް އައްޔަންކުރަން މަޖިލީހަށް ފޮނުވި ފަސް ބޭފުޅުންގެ ނަން ލާމަރުކަޒީ ކޮމިޓީއަށް

އިބްރާހިމް ޒަކީ

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުން އައްޔަން ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ފަސް ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެކަމަށްޓަކައި ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވެވީ މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާއެވެ. އެ ސިޓީފުޅު މަޖިލީހަށް އިއްވެވުމުން، ރިޔާސަތުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެ ފަސް ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުއްވާ ކަމަށެވެ.

އެ ފަސް ބޭފުޅުންގެ ތެރެގައި ހިމެނިވަޑައިގަންނަވަނީ، ޖެންޑާ އީކުއަލިޓީ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ދެ އަންހެން ބޭފުޅުން ކަމަށްވާ މ. ލިލީސް/ އަޒްހާ ޒަމީރު އާއި ދަފްތަރު 2864/ އައިމިނަތު އަލީގެ އިތުރުން ގަވާނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގ. ހިމާލިޔާގެ/ ފާތުމަތު ނިއުމާ އާއި މަދަނީ ޖަމިއްޔާގެ މެމްބަރުންގެ ގޮތުގައި ހ. ރައިޒިން ސަން/ ފާތުމަތު ޒީނާ އަލީ އަދި ބ. ކެންދޫ/ ޝާޒީބިން، އައިޝަތު ޝީޒާ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ)ގެ (2)ގައި ބުނެފައި ވަނީ، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ ހިންގާނީ، ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑަކުން ކަމަށެވެ.

އޭގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ، ގާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުގެ ގޮތުގައި ހޯމް މިނިސްޓަރާއި ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރާ ތިން މެންބަރުން ކަމަށްވާ ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކާއި ގަވާނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެންބަރެކެވެ.

މީގެ އިތުރުން ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ މެންބަރަކާއި އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެންބަރަކާއި މާލީ ކަންކަމާ ގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފަކާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

މީގެ ތެރެއިން ކައުންސިލުތަކުން އިންތިހާބު ކުރާ މެންބަރުން މިހާރު ވަނީ އިންތިހާބުކޮށް ނިންމައިފައެވެ.