ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ޑެލްޓާ ވޭރިއަންޓް ފެތުރެމުން ދާއިރު، ވެކްސިން ނުޖަހާ މީހުން ވެކްސިން ޖަހަން މިއީ އެންމެ ރަނގަޅު ވަގުތުކަމުގައި ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.
އެމެރިކާއަށް ބަލާއިރު އެގައުމުގައި މިހާރު ފެތުރެމުންދާ ކޮވިޑްގެ ދެބައިކުޅަ އެއްބައި ކޭސްތަކަކީ ޑެލްޓާ ވޭރިއަންޓުގެ ކޭސްތައް ކަމަށް ވިދާޅުވެ ވެކްސިން ނުޖަހާ މީހުން ވެކްސިން ޖެހުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އަންގާރަ ދުވަހު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އެގައުމުގައި ދެމުން އަންނަ ވެކްސިންގެ ރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވައިލައްވައި، މިހާތަނަށް ނިސްބަތުން ބަލީގައި ބޮޑުވަރުވެ އެނދުމަތި ކުރެވި އަދި މަރުވެފައިވަނީ ވެކްސިން ނުޖަހާ މީހުން ކަން ބައިޑެންވަނީ ފާހަގަކުރައްވާފައެވެ.
އެމެރިކާގެ މެޑިކަލް އެފެއާޒުގެ ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރު ޖޯން ގްރެބެންސްޓައިން ފާހަގަކުރައްވާފައި ވާގޮތުގައި ޑެލްޓާ ވޭރިއަންޓަކީ މާ ނުރައްކާތެރި އަދި ގަދައަށް ބަލި ފަތުރާ ވައިރަހެކެވެ. ''މިކަމުން ބޮޑަށް ނުރައްކާވަނީ، ވެކްސިން ނުޖަހާ މީހުން ހޯދައިގަންނަން ވައިރަހަށް ފަސޭހަ ވެ ވައިރަސް އެރުމުގެ ފުރުސަތު ވެސް ބޮޑުކޮށްދޭތީ'' އޭނާ އިތުރަށް ފާހަގަކުރެއްވިއެވެ.
އެމެރިކާގައި ބަލިޖެހޭ މީހުންގެ އަދަދު އިތުރު ވެ، ވެކްސިނުން ރައްކާތެރިކަން ކަށަވަރު ކޮށްދޭ މިންވަރާމެދު އާއްމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދެގޮތަކަށް ދިރާސާތައް ކުރެވެމުންދެއެވެ.
ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ބެލުމަށްޓަކައި ވެކްސިން ޖަހާފައިވާ މީހުންގެ ތެރެއިން ބަލި ޖެހިފައިވާ މީހުންގެ ސާމްޕަލްތައް ޓެސްޓު ކުރެވެއެވެ. މިފަދަ އެތައް ލެބޯޓަރީ ޓެސްޓުތަކަކުން ވަނީ ކޮވިޑުގެ ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް ވެކްސިން މަސައްކަތް ކުރާ ކަމަށް ދައްކާފައެވެ. އަދި ވައިރަހުގެ ބާރު ހަށިގަނޑުގައި ދަށްކޮށް ބަލީގައި ބޮޑުވަރުވެގެންދިއުމުންނާއި އެނދުމަތި ކުރަން ޖެހޭ މީހުންގެ އަދަދު ކުޑަކޮށްދޭ ކަމަށް ހޯދުންތަކުން ދެއްކި ނަމަވެސް މި ދިރާސާތައް އަދި ވަނީ ތަހުލީލީ މަރުހަލާގައެވެ.
މީގެ އިތުރުން ޑެލްޓާ ވޭރިއަންޓު ހަލުވިކަމާއެކު ފެތުރޭ ގައުމުތަކުގައި ވެކްސިނާ ގުޅިގެން ބަލިފެތުރުމަށް އަންނަ ބަދަލުތައް ދިރާސާ ކުރެވެއެވެ.
އިނގިރޭސިވިލާތަށް ބަލާއިރު އެގައުމުގައި މިހާރު ފެތުރެމުންދާ ކޮވިޑުގެ 100 ޕަސެންޓު ކޭސްތަކުގެ ފަހަތުގައި ވަނީ ޑެލްޓާ ވޭރިއަންޓު ކަން ފާހަގަކޮށްލެވެއެވެ. އެގައުމުގެ 68 ޕަސެންޓް މީހުން ވެކްސިންގެ އެއް ޑޯޒު ފުރިހަމަކޮށްފައިވަނިކޮށް ބާރު މިނުގައި ކޮވިޑު ފެތުރެމުންދާ ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމުގައި ސިއްހީ މާހިރުން ފާހަގަކުރެއެވެ.
އިނގެރޭސި ވިލާތުގައި ކޮވިޑްޖެހިގެން އެނދުމަތި ކުރަން ޖެހޭ މީހުންގެ އަދަދު އިތުރު ވެފައި ވީނަމަވެސް، މިދިޔަ ޖެނުއަރީމަހު އެގައުމުގެ ކޮވިޑުގެ ހާލަތު ހުރި މިންވަރާ ގާތަށްވެސް މި ފަހުން ކަންކަން ގޮސްފައެއް ނުވެއެވެ.
އިސްރާއީލަށް ބަލާއިރު އެގައުމަކީ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދީ އެކަން ފުރިހަމަ ކުރި ގައުމެއް ކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެގައުމުގައިވެސް އަންނަނީ ޑެލްޓާ ވޭރިއަންޓު ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގައުމުން އާއްމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި ބަލި ޖެހުނު މީހުންގެ ތެރެއިން ވެކްސިން ޖެހި މީހުންނަށް ބަލީގައި ބޮޑުވަރު ނުވާކަން ވަނީ ފާހަގަ ވެފައެވެ.
މިމައުލޫމާތުތަކަށް ބަލާއިރު ވެކްސިންގެ މުހިއްމުކަން ހާމަވާ ކަމަށް ޖޯޖްޓައުން ޔުނިވަސިޓީގެ އިންފެކްޝަސް ޑިސީސަސްގެ ޕްރޮފެސަރު ޑރ. ޖެސީ ވަނީ ފާހަގަކުރައްވައިފައެވެ.
ފައިޒާއިން ވަނީ ވެކްސިންގެ ސަބަބުން ޑެލްޓާ ވޭރިއަންޓުގެ ބާރު ދަށްކޮށްދޭ ކަމަށް މިދިޔަ މަހު އާއްމުކުރި ރިޕޯޓެއްގައި ބުނެފައެވެ. އަދި ވަރަށް ފަހުން ޕަބްލިކް ހެލްތު އިންގްލެންޑުން އާއްމު ކުރި ރިޕޯޓެއްގައިވެސް ވަނީ ފައިޒާ ވެކްސިން ދެ ޑޯޒުގެ ސަބަބުން އެނދުމަތިކުރުމުންނާއި ޑެލްޓާ ވޭރިއަންޓުން ބޮޑުވަރުވުމުން ދުރުކޮށްދޭ ކަމަށް ބުނެފަ އެވެ.
ވެކްސިންގެ މައިގަނޑު މަސައްކަތަކީ ބަލިން ބޮޑުވަރުވެގެން ދިއުމުން ރައްކާތެރިކޮށްދިނުމެވެ. މިހާތަނަށް ހޯދުނު ދިރާސާތަކުން މިމަގުސަދު ހާސިލުވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.
ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ ސަބަބުން ބަލިފެތުރުން ކުޑަކޮށްދޭ ކަމަށް ސީދާ ޔަގީންކުރެވިފައި ނުވި ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ މީހެއްގެ ހަށިގަނޑުގައި ވައިރަސް އަށް ސަލާމަތުން ގިނަ ދުވަހު އުޅުމުގެ ފުރުސަތު ކުޑަ ވެއެވެ. އެހެންކަމުން ވެކްސިން ޖަހާފައިވާ މީހެއްގެ ގައިން އަނެކާއަށް ވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށް ބެލެވިދާނެ ކަމުގައި ބައެއް ދިރާސާތަކުގައި ފާހަގަ ކުރެއެވެ.
ސިއްހަތު
ސިއްހަތު
ސިއްހަތު
ސިއްހަތު