ޔޫރޯ 2020ގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްޕެއިން ބަލިކޮށް، އިޓަލީން ފައިނަލަށް ދަތުރުކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ވެމްބްލީގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މެޗު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި އިޓަލީ މެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މި ދެޓީމުން 2008 ވަނަ އަހަރު ޔޫރޯ ކުއާޓާ ފައިނަލުގައި ކުޅުނު މެޗުވެސް ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވި އިރު، 0-0 އިން މެޗު އެއްވަރުވުމުން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. އެ މެޗުގައި ސްޕެއިންގެ ގޯލްކީޕަރު އީކާ ކަސިލަސް ދެ ޕެނަލްޓީ ސޭވްކޮށް ސްޕެއިން މޮޅުކޮށްދިން އިރު، މިރޭ އިޓަލީ ގޯލްކީޕަރު ޑޮނަރޫމާ ވަނީ މުހިއްމު ޕެނަލްޓީ ސޭވްއެއް ކޮށްފައެވެ.
ސްޕެއިންއާއި އިޓަލީގެ ކުރިމަތިލުންތަކަކީ އަބަދުވެސް ފޯރިގަދަ ކުރިމަތިލުންތަކެކެވެ. ތަރީހީ ދެ ވާދަވެރިން މިރޭގެ ސެމީ ފައިނަލަށް ނުކުތީ އެތަކެއް ބަދަލު ހިފުމަކަށެވެ. އެތައް ގޮތަކުން ކަންތައްތަކެއް ސާބިތު ކޮށްދިނުމަށެވެ. އެންމެފަހުން އޮތް ޔޫރޯއާއި ވޯލްޑް ކަޕަކީވެސް ސްޕެއިންއާއި އިޓަލީއަށްވެސް އެންމެ ކާމިޔާބު މުބާރާތްތަކެއް ނޫނެވެ. އިޓަލީން 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ކޮލިފައިވެފައި ނުވާއިރު، ސްޕެއިން އެ މުބާރާތުގެ ގަދަ 16 އިން ކެޓީ ރަޝިއާ އަތުންނެވެ. 2012 ވަނަ އަހަރު ޔޫރޯގެ ފައިނަލުގައި ވާދަކުރި އިޓަލީއާއި ސްޕެއިން މި މުބާރާތަށް ނުކުތީ ހާލަތު ބަދަލު ކުރުމަށް ކަމަށްވުމުން ދެޓީމަށްވެސް އެއްވަރަކަށް ފައިނަލް މުހިއްމެވެ.
އެންމެފަހުން ބޮޑު މުބާރާތެއްގައި އިޓަލީއާއި ސްޕެއިން ވާދަކުރީ 2016 ވަނަ އަހަރު ޔޫރޯގައެވެ. ސްޕެއިނުން ޖެހިޖެހިގެން ދެ ޔޫރޯ ކާމިޔާބު ކުރުމަށްފަހު ފްރާންސްގައި އޮތް ޔޫރޯއަށް އެ އަހަރު ދިޔައީ ޖެހިޖެހިގެން ތިން ތަށި ހަމަކުރަން ނަމަވެސް އިޓަލީން ވަނީ ގަދަ 16 އިން އެޓީމު ކަޓުވާލައިފައެވެ.
އިޓަލީން މިހާތަނަށް މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ މިރޭގެ މެޗަށް ނުކުމެފައިވާ އިރު، އެޓީމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރި ވިންގް ބެކް ލިއޭނާޑޯ ސްޕިނަޒޯލާއަށް ބެލްޖިއަމް މެޗުގައި ލިބުނު އަނިޔާގެ ސަބަބުން މިރޭގެ މެޗަށް އެތަން ފޫބައްދަން ނުކުމެފައި ވަނީ އެމަސަންއެވެ. އަނެއްކޮޅުން ސްޕެއިންްއަށް މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ސަރާބިއާވެސް މިރޭ އަނިޔާގެ ސަބަބުން ފަށައިފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި ސްޕެއިންގެ ފުރަތަމަ 11 އަށް ނުކުތީ ޑެނިއެލް އޮލްމޯއެވެ. އަދި އާންމުކޮށް ފުރަތަމަ 11 އިން ފެންނަ އަލްވާރޯ މޮރާޓާގެ ބަދަލުގައި މެޗަށް ނުކުތީ އޮޔާޒަބާލްއެވެ.
މެޗުގެ ފުރަތަމަ ފަސް ވަރަކަށް މިނެޓުގައި ސްޕެއިންގެ ކުޅުން ހުއްޓުވައި، އިޓަލީގެ ޓެކްޓިކްސް ކާމިޔާބުކުރި ނަމަވެސް އިރުކޮޅެއް ތެރޭ ސްޕެއިނުން ކޮންޓްރޯލް ހޯދިއެވެ. ސްޕެއިން ފެނުނީ ޕާސްތައް ގިނަކޮށް، ނުރައްކާތެރި ހަމަލާތަކަށްވެސް ފަހި ކުރިތަނެވެ. މެޗުގެ ކުރީކޮޅުގައި ޕެޑްރީގެ ރީތި ބޯޅައަކުން ސްޕެއިންގެ އޮޔާޒަބާލްއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާއަށް އިޓަލީގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅަ ރަނގަޅަށް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.
ސްޕެއިނުން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 20 ވަނަ މިނެޓުގައި އިޓަލީން އެޓީމުގެ ފުރަތަމަ ފުރުސަތު ތަނަވަސްކުރިއެވެ. އަރިމަތިން ކުރިއަށް ޖެހި އެމަސަން ކުރިއަށް އެރި ބޯޅައަށް ސްޕެއިން ގޯލްކީޕަރު ސިމޮންވެސް ނުކުތުމުން އެމަސަން ބޯޅަ ހޯދައި، އިމޯބިލޭއަށް ޕާސްކޮށްލި ނަމަވެސް ސްޕެއިން ޑިފެންޑަރުން ވަނީ އެ ބޯޅަ ފޮނުވާލުމަށް ހުރަސް އަޅައިފައެވެ. އޭގެ ފަހުންވެސް ކޮންޓްރޯލްކޮށް މޮޅަށް ކުޅުނީ ސްޕެއިންއެވެ. އިރުކޮޅެއް ތެރޭގައި އިޓަލީގެ ގޯލްކީޕަރަށް ނުރައްކާވެސް ކުރިއެވެ. އޭރިއާ ތެރެއިން އޮލްމޯ ތިރިތިރީން ބާރަށް ފޮނުވާލި ބޯޅައަށް ތިރިވެ އިޓަލީ ސަލާމަތްކޮށްދިނީ ޑޮނަރޫމާއެވެ.
ހާފު ނިމެން ދަނިކޮށް އެމަސަން އަރިމަތިން އަރައި ފޮނުވާލި ހަމަލާ ގޯލު ދަނޑިއަށް އަމާޒުވި ނަމަވެސް ދެވަނަ ހާފަށް އިޓަލީ ރަނގަޅު ކުރަން ޖެހުނު އެތައް ކަމެއް އޮތެވެ. ފުރަތަމަ ހާފު ކޮންޓްރޯލްކޮށް، މުޅި މެދުތެރެ ޑޮމިނޭޓްކޮށް ސްޕެއިނުން ކުޅުނުއިރު، ސްޕެއިން ފެނުނީ ނުރައްކާ ކޮށެވެ.
ދެވަނަ ހާފަށް އިޓަލީ ނުކުތީ އެޓީމުގެ ކުޅުމަށް ތައްޔާރުވެގެންނެވެ. ސްޕެއިންގެ ކުޅުމަށް ބަލައި، އިޓަލީއަށް އެންމެ ކާމިޔާބުކޮށް ފުރަތަމަ ހާފުގައި ފެނުނު ކައުންޓާ އެޓޭކިން ފުޓުބޯޅަ ފައްކާ ކުރުމަށް ނުކުމެ، ދެވަނަ ހާފުގެ ކުރީކޮޅުގައި އެޓީމުން ލީޑުވެސް ނެގިއެވެ. ކައުންޓާގައި ކުރިއަށް ޖެހި އިންސީނިއާ ދިން ބޯޅައަކުން ސްޕެއިންގެ ޑިފެންސަށް އުނދަގޫވެސް ފުރުސަތު ފަހިވީ ޗިއޭސާއަށެވެ. ހިތްގައިމު ބޯޅައެއް އޭނާ ކާވް ކޮށްލީ ގޯލުގެ ކަނަށެވެ.
ގޯލަށްފަހުވެސް ސްޕެއިން ހިތްވަރު ބަލިނުވާކަން އެނގުނެވެ. އެޓީމުން ދިޔައީ ނަތީޖާ ހަމަހަމަކުރުމަށް ނުރައްކާވެސް ކުރަމުންނެވެ. މޮރާޓާ އާއި މޮރޭނޯވެސް ދަނޑު މައްޗަށް ނުކުމެ ސްޕެއިނުން އެޓޭކް ވަރުގަދަކޮށްފައިވާ އިރު، އޮޔާޒަބާލަށް ލިބުނު ހުސް ފުރުސަތާއި އޮލްމޯގެ ހަމަލާވެސް ގޯލަށް އަމާޒުކުރެވޭ ގޮތެއް ނުވިއެވެ. އަނެއްކޮޅުން އިޓަލީ ދިޔައީ ކައުންޓާގައި ނުރައްކާ ކުރަމުންނެވެ. ބެރާޑީގެ ދެ ހަމަލާއެއް ސްޕެއިން ގޯލްކީޕަރު ސިމޮން މަތަކުރި އިރު، ސްޕެއިން ކުޅެމުންދިޔަ ކުޅުމުގެ ފޮނިމީރުކަން އެޓީމަށް ލިބުނީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ. އޮލްމޯއާއެކު ވަން ޓޫ ޕާހެއް ޖަހައި ސްޕެއިންއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބެންޗުން އެރި މޮރާޓާއެވެ.
އެ ގޯލާއެކު މެޗު އިތުރު ވަގުތަށް ގޮސްފައިވާ އިރު، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ފެނުނީ ސްޕެއިނުން ނުރައްކާ ކުރިތަނެވެ. އޮލްމޯ ފޮނުވާލި ހިލޭ ޖެހުން އިޓަލީގެ ކީޕަރު ޑޮނަރޫމާ މަތަކުރި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން މޮރާޓާ ފޮނުވާލި ހަމަލާ، އިޓަލީގެ ކެޕްޓަން ކިއޭލީނީ ވަނީ ބްލޮކްކޮށްފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ލޮރެންޓޭ ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން އިޓަލީގެ ކީޕަރު ޑޮނަރޫމާ ދިފާއުކުރި އިރު، ރީބައުންސް ބޯޅައިން ލޮރެންޓޭ ފޮނުވާލި ހަމަލާ ބްލޮކް ކުރީ ބޮނޫޗީއެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ސްޕެއިން ފެނުނީ މާ ބޮޑަށްވެސް ނުރައްކާ ކޮށެވެ. ދެވަނަ ހާފުގައި ސްޕެއިން ހިފެހެއްޓުމަށް އިޓަލީއަށް ވަރަށް ބޮޑަށް އުނދަގޫވާނެ ކަމަށްވެސް ބެލެވުނެވެ. އިތުރު ވަގުތުގެ ދެވަނަ ހާފުގައި އިޓަލީން ކުޅުން ރަނގަޅު ކޮށްލިއެވެ. ބެރާޑީގެ ބާރު ހަމަލާއެއް ސްޕެއިން ޑިފެންޑަރު ބްލޮކް ކޮށްލި އިރު، ޕެނަލްޓީ އޭރިއާ ތެރެއިން ސްޕެއިންގެ ގޯލުގެ ތެރެއަށް ބެރާޑީ ފޮނުވާލި ބޯޅައެއް ގޯލަށް ވަން ނަމަވެސް، ލައިންސްމަން ވަނީ އޮފްސައިޑަށް ދިދަ ނަގައިފައެވެ.
ފުރަތަމަ އިޓަލީން ޕެނަލްޓީ ޖަހަން ގޮސް ލޮކަޓެލީ ޖެހި ޕެނަލްޓީ ސްޕެއިން ގޯލްކީޕަރު ސިމޮން މަތަކުރި އިރު، ސްޕެއިނުން ފުރަތަމަ ޕެނަލްޓީ ޖަހަން ދިޔަ އޮލްމޯ ޖެހި ޕެނަލްޓީ ދިޔައީ މާ މަތިން ބޭރަށެވެ. އޭގެ ފަހުން ސްޕެއިންގެ މޮރާޓާ ޕެނަލްޓީ ނާކާމިޔާބު ކޮށްލުމުން އިޓަލީއަށް މެޗު ކާމިޔާބުކޮށްދިން ޕެނަލްޓީ ޖެހީ ޖޯޖީނިއޯއެވެ.
2018 ވަނަ އަހަރުން ފެށިގެން ބަލިނުވެ އޮތް އިޓަލީން ވަނީ އެންމެ ފަހުން ކުޅުނު 33 މެޗުންވެސް ބަލިނުވުމުގެ ސިލްސިލާއެއް ދަމަހައްޓައިފައެވެ. އެ ސިލްސިލާއާއެކު އިޓަލީން ދަނީ މިހާރު ޓީމުގެ ރެކޯޑު ފުޅާކުރަމުންނެވެ. ޔޫރޯ ގަދަ 16 ގައި އޮސްޓްރިއާ ބަލިކުރުމާއެކު އެޓީމު ވަނީ 1930 ވަނަ އަހަރު އެގައުމުގެ ގައުމީ ޓީމުން ކޯޗު ވިޓޯރިއޯ ޕޯޒޯއާއެކު ހަދާފައިވާ ރެކޯޑު މުގުރާލައިފައެވެ. ޕޯޒޯގެ ޓީމުން ބަލިނުވެ ހިފެހެއްޓީ 30 މެޗުގެ ސިލްސިލާއެވެ.
މީގެ ކުރިން އިޓަލީން ޔޫރޯގެ ފައިނަލް ތިން ފަހަރު ކުޅެފައިވެއެވެ. ފުރަތަމަ 1968 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ފައިނަލް އިޓަލީން ކާމިޔާބު ކުރި ނަމަވެސް އޭގެ ފަހުން 2000 ވަނަ އަހަރު ކުޅުނު ފައިނަލާއި 2012 ވަނަ އަހަރު ޔޫކްރެއިންގައި ކުޅުނު ފައިނަލުން އިޓަލީ ވަނީ ބަލިވެފައެވެ. އިޓަލީން ވެމްބްލީގައި އޮންނަ ފައިނަލުގައި ކުޅޭނެ ޓީމު އެނގޭނީ މާދަމާ ރޭ އޮންނަ ސެމީގައި އިންގްލެންޑާއި ޑެންމާކު ކުޅޭ މެޗުންނެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020