ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި އިޓަލީއާއި ސްޕެއިން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ދެ ބާރުގެ ކުރިމަތިލުމެއް. ސްޕެއިން ސެމީއަށް ގޮސްފައި ވަނީ އެންމެފަހުން ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ސްވިޒަލޭންޑް ބަލިކޮށްގެން. މިހާތަނަށް މުބާރާތުގައި ސްޕެއިން ބަލިވެފައެއް ނުވޭ. އެޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ވީ އެއްވަރު. ފަހު މެޗުން ބޮޑު ތަފާތަކުން ސްލޮވޭކިއާ ބަލިކޮށް، ގަދަ 16 ގައި ސްޕެއިން ވަނީ ކްރޮއޭޝިއާ ބަލިކޮށްފައި. އަނެއްކޮޅުން އިޓަލީ ވަނީ މިހާތަނަށް މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައި. އެޓީމުން ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް މޮޅުވެ، ގަދަ 16 ގައި ވަނީ އޮސްޓްރިއާ ބަލިކޮށްފައި. އިޓަލީ ސެމީއަށް ދިޔައީ ކުއާޓާގައި ބެލްޖިއަމް ބަލިކޮށްގެން.

ދެޓީމު މިރޭގެ މެޗަށް ނުކުންނާނީ ވެމްބްލީ ސްޓޭޑިއަމްއަށް.

އިޓަލީއާއި ސްޕެއިން ވަނީ މީގެ ކުރިން ބޮޑެތި މުބާރާތްތަކުގައި 10 މެޗެއް ކުޅެފައި. އެ މެޗުތަކުގެ ތާރީހަށް ބަލާއިރު، އިޓަލީން އައީ 2008 ވަނަ އަހަރާ ހަމައަށް ސްޕެއިންގެ މައްޗަށް ކުރި ހޯދަމުން. އިޓަލީގެ އެ ޑޮމިނޭޝަނަށްފަހު، އިޓަލީގެ މައްޗަށް ސްޕެއިނުން ފުރަތަމަ ކުރި ހޯދީ 2008 ވަނަ އަހަރު ޔޫރޯގެ ކުއާޓާ ފައިނަލުގައި. އޭގެ ފަހުން އިޓަލީއާއި ސްޕެއިން 2012 ވަނަ އަހަރު ޔޫރޯ ފައިނަލުގައި ކުޅެ، ސްޕެއިން މޮޅުވީ 4-0 ގެ ނަތީޖާއަކުން.

އެންމެފަހުން ބޮޑު މުބާރާތެއްގައި އިޓަލީއާއި ސްޕެއިން ވާދަކުރީ 2016 ވަނަ އަހަރު ޔޫރޯގައި. ސްޕެއިނުން ޖެހިޖެހިގެން ދެ ޔޫރޯ ކާމިޔާބު ކުރުމަށްފަހު ފްރާންސްގައި އޮތް ޔޫރޯއަށް އެ އަހަރު ދިޔައީ ޖެހިޖެހިގެން ތިން ތަށި ހަމަކުރަން ނަމަވެސް އިޓަލީން ވަނީ އެޓީމު ކަޓުވާލާފައި.

  • އިޓަލީ - މާކޯ ވެރާޓީ
  • މާކޯ ވެރާޓީ
  • އުމުރު: 28 އަހަރު
  • ކްލަބު: ޕީއެސްޖީ
  • 2012 ވަނަ އަހަރުން ފެށިގެން ޕީއެސްޖީއަށް ކުޅެމުން އަންނަ ވެރާޓީ ވަނީ 2020 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޕީއެސްޖީ ގެންގޮސްދިނުމުގައި އިސް ދައުރެއް އަދާކޮށްފައި.
  • ޕީއެސްޖީއަށް ވެރާޓީ ވަނީ 346 މެޗު ކުޅެދީފައި.
  • އިޓަލީއަށް 2012 އިން ފެށިގެން ކުޅެމުން އަންނަ ވެރާޓީ ވަނީ 2014ގެ ވޯލްޑް ކަޕުގައި ކުޅެފައި.
  • މިފަހަރުގެ ޔޫރޯއަށް އިޓަލީ ކޮލިފައި ކޮށްދިނުމަށް ވެސް ވެރާޓީ އިސް ދައުރެއް އަދާކުރި.
  • ސްޕެއިން - ސާޖިއޯ ބުސްކަޓްސް
  • ސާޖިއޯ ބުސްކަޓްސް
  • އުމުރު: 32 އަހަރު
  • ކްލަބު: ބާސެލޯނާ
  • ރެއާލް މެޑްރިޑްގެ ޑިފެންޑަރު ސާޖިއޯ ރާމޯސްގެ ލީޑާޝިޕް ނެތްތަން ފޫބައްދަން މިފަހަރު ގައުމީ ޓީމުގެ ބޭންޑް އަޅައިގެން ނުކުތީ ތަޖުރިބާކާރު މިޑްފީލްޑަރު ސާޖިއޯ ބުސްކަޓްސް.
  • ބާސެލޯނާގެ ޔޫތު ސިސްޓަމްގެ ތެރެއިން ސްޕެއިން ފުޓުބޯޅައިގެ ތެރެއަށް ފައްކާވެގެން އައި ބުސްކަޓްސް ވަނީ މިހާތަނަށް އެ ކްލަބަށް 415 މެޗު ކުޅެދީފައި.
  • ބާސާއާއެކު ތިން ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމުގެ އިތުރުން ބުސްކަޓްސް ވަނީ އެ ކްލަބާއެކު އެތައް ކާމިޔާބީތަކެއް ހޯދައިފައި.
  • ގައުމީ ޓީމަށް 122 މެޗު އޭނާ ކުޅެދީފައިވާ އިރު، ބުސްކަޓްސް ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް، އަދި 2012 ވަނަ އަހަރުގެ ޔޫރޯ ސްޕެއިނަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައި.
  • ހޯލްޑިން މިޑްފީލްޑަރެއްގެ ގޮތުގައި ބޮޑަށް ފާހަގަވި ނަމަވެސް ބުސްކަޓްސްއަކީ ކުދި ޕާސްތައް ޖެހުމުގައިވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެއް.