ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމަށް އިންތިހާބުތަކުގައި ވާދަކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ސުވާލު ކުރުމަށް ''އާސްކް ސްޕީކާ''ގެ ނަމުގައި ރޭ ހުޅުވާލި ފުރުސަތުގައި ރައީސް ޔާމީނަށް އިންތިހާބުތަކުގައި ވާދަކުރެވެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވަންތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އެއްވެސް އިރެއްގައި ރައީސް ޔާމީނަށް ދެރައެއް ނޭދޭ ކަމަށެވެ.
"އަޅުގަނޑުގެ އުންމީދަކީ ދިވެހިރާއްޖޭގެ ކޮންމެ އިންތިހާބެއްގައިވެސް ހުރިހާ ސިޔާސީ ވެރިންނަށް ބައިވެރިވެވޭނެ ގޮތަކަށް ކުރިއަށް ދިއުން. އަދި އަޅުގަނޑު ނުދެކެން ރިޔާސީ އިންތިހާބެއް ރާއްޖޭގައި އޮންނާނެ ކަމަކަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އިދިކޮޅު މައި ސިޔާސީ ލީޑަރުގެ ގޮތުގައި ހުންނެވި ރައީސް ޔާމީނަށް އިންތިހާބުތަކުގައި ވާދަކުރެއްވެން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް، ރިޔާސީ އިންތިހާބެއް ނޯވެދާނެ ފަދަ މޭރުމަކުން އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތުގައި ރައީސް ޔާމީންގެ އެހީތެރިކަންވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު ދެކެނީ ރައީސް ޔާމީން އަޅުގަނޑާ އެކުގައި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމުގައި މަސައްކަތް ކުރައްވާނެ ކަމަށް އަދި އެ ފެންނަ ނުފެންނަ ވޯޓެއް ނަގާ އިރެއްގައި އަޅުގަނޑު ދެކެނީ ޕީޕީއެމް އާއި އެމްޑީޕީއާ އެކުގައި ތިބެގެން މި ފެންނަ ނުފެންނަ ވޯޓަށް އަޅުގަނޑުމެނަށް ދެވޭނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު