އިޓަލީއާއި ސްޕެއިންގެ ފުޓުބޯޅަ ވާދަވެރިކަމަށް އިތުރު ބޮޅެއް މިރޭ އިތުރު ވެގެން ދާނެއެވެ. ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ދެ ބާރު މިރޭ ޔޫރޯ 2020 ގެ ސެމީއަށް ވެމްބްލީ ސްޓޭޑިއަމްއަށް ނުކުންނާނެއެވެ. އިޓަލީއާއި ސްޕެއިން ވަނީ މީގެ ކުރިން ބޮޑެތި މުބާރާތްތަކުގައި 10 މެޗެއް ކުޅެފައެވެ. އެ މެޗުތަކުގެ ތާރީހަށް ބަލާއިރު، އިޓަލީން އައީ 2008 ވަނަ އަހަރާ ހަމައަށް ސްޕެއިންގެ މައްޗަށް ކުރި ހޯދަމުންނެވެ. އިޓަލީގެ އެ ޑޮމިނޭޝަނަށްފަހު، އިޓަލީގެ މައްޗަށް ސްޕެއިންއިން ފުރަތަމަ ކުރި ހޯދީ 2008 ވަނަ އަހަރު ޔޫރޯގެ ކުއާޓާ ފައިނަލުގައެވެ. އޭގެ ފަހުން އިޓަލީއާއި ސްޕެއިން 2012 ވަނަ އަހަރު ޔޫރޯ ފައިނަލުގައި ކުޅެ، ސްޕެއިން މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.
ސްޕެއިންގެ ރަން ޖީލުން 2012 ވަނަ އަހަރު ޔޫރޯ ފައިނަލުގައި އިޓަލީ ލަދު ގަންނަވާލި ނަމަވެސް 2016 ވަނަ އަހަރު ޔޫރޯ ގަދަ 16 ގައި އިޓަލީން ވަނީ ސްޕެއިން ކައިރިން ބަދަލު ހިފައި، ސްޕެއިން ބަލިކޮށްފައެވެ. މެޗު 2-0 އިން އިޓަލީ ކާމިޔާބު ކުރީ މިހާރުގެ ކެޕްޓަން ޖޯޖިއޯ ކިއެލީނީއާއި ގްރަޒިއާނޯ ޕެލޭގެ ގޯލުންނެވެ. އެއީ ބޮޑު މުބާރާތެއްގައި މި ދެޓީމު ކުޅުނު އެންމެފަހު މެޗުވެސް މެއެވެ.
ފޯރިގަދަ މެޗުތަކެއް ދެޓީމުގެ ދެމެދުގައި ކުޅެވިފައިވާ އިރު، އޭގެ ތެރެއިން މުހިއްމު ބައެއް މެޗުތަކަށް ބަލައިލުން މުހިއްމެވެ.
އިޓަލީ 1-1 ސްޕެއިން (ފުރަތަމަ މެޗުގެ އިތުރު ވަގުތަށްފަހު)
އިޓަލީ 1-0 ސްޕެއިން (ރިޕްލޭ)
އެ މެޗަކީ އިޓަލީއާއި ސްޕެއިން ދުނިޔޭގެ ވަރުގަދަ މުބާރާތެއްގައި ވާދަކުރި ފުރަތަމަ މެޗެވެ. ލުއިސް ރުގޭރޯ ސްޕެއިންގެ ގޯލު ޖަހައިދިން އިރު، އިޓަލީއަށް ފުރަތަމަ މެޗުގައި ގޯލު ޖަހައިދިނީ ޖިއޮވާނީ ފެރާރީއެވެ. އިތުރު ވަގުތަށް ދިޔަ މެޗު 1-1 އިން ނިމުމުން އޭރުގެ އުސޫލުތައް އޮންނަ ގޮތުން ނަތީޖާ ނެރެން ދެން ޖެހިގެން އައި ދުވަހު ކުޅެން ޖެހުނީ އިތުރު މެޗެކެވެ. ސްޕެއިންއިން މެޗަށް ހަތް ބަދަލާއެކު ނުކުންނަން ޖެހުނު އިރު، އެ މެޗުން އިޓަލީ މޮޅުވީ ގުއެސެޕޭ މެއާޒާގެ ގޯލުންނެވެ.
އިޓަލީ 1-0 ސްޕެއިން
އެ މެޗަކީ ޓެކްޓިކަލް މެޗެކެވެ. ފްރޭންކްފާޓްގައި ކުޅުނު މެޗުގެ ހާއްސަ ކަމަކަށްވީ އުމުރުން 19 އަހަރު ޑިފެންޑަރު ޕައުލޯ މަލްޑީނީއެވެ. އޭސީ މިލާނަށް އޭރު ކުޅެމުންދިޔަ ޒުވާން ޑިފެންޑަރު ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައި ސްޕެއިންގެ ވަރުގަދަ ވިންގާ މިޝޭލް ހިފަހައްޓައިފައެވެ. އަދި އެ މެޗުގައި ޖެހި ގޯލުގައިވެސް މަލްޑީނީގެ ދައުރު ބޮޑެވެ.
އަރިމަތިން ކާލޯ އެންސެލޯޓީ ދިން ޕާސް ޖިއާންލޫކާ ވިއާލީއަށް ގޯލަށް ޖަހަން ފަހިވީ މަލްޑީނީގެ އުކުޅަކުން ސްޕެއިން ޑިފެންޑަރަށް އޮޅުވާލުމުންނެވެ.
ބޮސްޓަންގައި ކުޅުނު އެ މެޗަކީ ސްޕެއިންއާއި އިޓަލީގެ ވާދަވެރިކަން ފުރިހަމައަށް ފެނިގެން ދިޔަ މެޗެކެވެ. ޑީނޯ ބާޖިއޯ ދުރުން ޖެހި ގޯލުން އިޓަލީ ލީޑު ނަގައިފައި އޮއްވައި، ދެވަނަ ހާފުގައި މެޗު ވަނީ ހޫނު ވެގެން ގޮސްފައެވެ. އިޓަލީގެ މައުރޯ ޓަސޮޓީ އުޅަނބޮށިން ޖަހައި މިހާރު ސްޕެއިން ކޯޗުކަމުގައި ހުރި ލުއިސް އެންރީކާގެ ނޭފަތް ފަޅާލިއެވެ. އެ މަންޒަރު އޭރު ދަނޑުމަތީގައި ތިބި ރެފްރީންނަށް މާ ސާފުކޮށް ނުފެނުނު ނަމަވެސް މެޗުގައި ދެއްކި ރަތް ކާޑާއެކު، އެ ފައުލް ފަހުން ބަލައި އިޓަލީގެ ޓަސޮޓީއަށް ވަނީ އަށް މެޗުގެ ސަސްޕެންޝަނެއް އައިސްފައެވެ.
މެޗުގައި ޖޯސޭ ލުއިސް ކަމިނޭރޯ ސްޕެއިންއަށް ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް ފަހު ވަގުތުގައި ރޮބާޓޯ ބާޖިއޯގެ ގޯލުން އިޓަލީން އަނެއްކާވެސް ސްޕެއިން ބަލިކުރިއެވެ.
އިޓަލީ 0-0 ސްޕެއިން (އިތުރު ވަގުތަށްފަހު)
އިޓަލީ 2-4 ސްޕެއިން (ޕެނަލްޓީ ނަތީޖާ)
މެޗަށް ނުކުތްއިރު ސްޕެއިންއިން ނުކުތީ ތާރީހު ބަދަލު ކުރުމަށެވެ. ސްޕެއިން ފުޓުބޯޅައިގެ ރަން ދުވަސްތަކެއްގައި އެގައުމުގައި އޮތްއިރު، އޭރު އޮތީ ބޮޑު މުބާރާތެއްގައި އިޓަލީ އަތުން މޮޅު ނުވެވި 74 އަހަރު ވެފައެވެ. މެޗަށް ނުކުތްއިރުވެސް ރޫހު ވަރުގަދަކޮށް ސްޕެއިން އޮތުމުން އެޓީމުގެ ކޯޗު ލުއިސް އަރަގޯނޭސް ވަނީ މެޗުގެ ކުރިން ޓީމު ރަނގަޅަށް މެންޓަލީ ތައްޔާރު ކޮށްފައެވެ.
މެޗު އެއްވަރުވެ ޕެނަލްޓީއަށް ގޮސްފައިވާ އިރު، މެޗުގެ ހީރޯއަކަށްވީ ސްޕެއިންގެ ގޯލްކީޕަރު އީކާ ކަސިލާސްއެވެ. އޭނާ ވަނީ ޕެނަލްޓީ ޝޫޓް އައުޓްގައި އިޓަލީގެ ޑެނިއަލް ޑި ރޮސީއާއި އެންޓޯނިއޯ ޑި ނަޓާލޭ ޖެހި ޕެނަލްޓީތައް މަތަކޮށްފައެވެ. ފެބްރިގާސްގެ ފަހު ޕެނަލްޓީއަކާއެކު ސްޕެއިންއިން އެ މެޗުން މޮޅުވެ ސެމީއަށް ގޮސް، އެފަހަރު މުބާރާތްވެސް ނެގިއެވެ.
އިޓަލީ 0-4 ސްޕެއިން
މުބާރަތުގެ ފައިނަލާ ހަމައަށް ސްޕެއިން ދިޔައީ އެންމެ ފޯމް ރަނގަޅުކޮށް ނޫން ނަމަވެސް އޭރު ސްޕެއިންއަކީ މުޅި ދުނިޔޭގައިވެސް އޮތް އެންމެ ވަރުގަދަ ޓީމެވެ. ޔޫކްރެއިންގެ ކިއޭވްގައި ކުޅުނު ފައިނަލް މެޗުގައި އިޓަލީ ލަދު ގަންނަވާލައި ސްޕެއިން ވަނީ ޔޫރޯ ތަށި ދިފާއު ކޮށްފައެވެ. ސްޕެއިން 2012 ވަނަ އަހަރު ޔޫރޯއަށް ދިޔައީ 2010 ވަނަ އަހަރު ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްގެންނެވެ.
ސްޕެއިންއަށް އެ ފައިނަލުގައި ގޯލުތައް ޖަހައިދިނީ ޑޭވިޑް ސިލްވާއާއި، ޖޯޑީ އަލްބާގެ އިތުރުން ފެނާންޑޯ ޓޮރޭސްއާއި ހުއާން މަޓާއެވެ. އެ ފައިނަލަކީ ސްޕެއިންގެ ރަން ޖީލުގެ ނިމުން ފެށުނު ފައިނަލް ކަމަށްވެސް ބުނެވިދާނެއެވެ.
އިޓަލީ 2-0 ސްޕެއިން
ސްޕެއިންގައި އޮތް ރަން ޖީލު ނިމުމުގެ ކޮޅުމައްޗަށް މިދިޔަ އަހަރު ޔޫރޯގެ ގަދަ 16 ގައި އިޓަލީން ނުކުތީ 2012 ވަނަ އަހަރު ފައިނަލްގެ ބަދަލު ހިފުމަށެވެ. ސްޕެއިންއިން ޖެހިޖެހިގެން ދެ ޔޫރޯ ކާމިޔާބު ކުރުމަށްފަހު ފްރާންސްގައި އޮތް ޔޫރޯއަށް ދިޔައީ ޖެހިޖެހިގެން ތިން ތަށި ހަމަކުރަން ނަމަވެސް އިޓަލީން ވަނީ އެޓީމު ކަޓުވައިލައިފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ކިއެލީނީ ޖެހި ގޯލުން އިޓަލީން ލީޑު ނަގައިފައިވާ އިރު، ދެވަނަ ގޯލު ޖަހައި ނަތީޖާ ޔަގީން ކޮށްދިނީ ޕެލޭއެވެ. މެޗުގައި ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ މޮޅު ކުޅުމެއް ދެއްކި ނަމަވެސް އިޓަލީ ފެނުނީ މާ ވަރުގަދަ ކޮށެވެ.
ތާރީހީ އެތައް މެޗެއްގެ ކުރިމަތިލުންތަކަށްފަހު ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި މިރޭ މެންދަމު 12:00 ގައި އަނެއްކާވެސް ސްޕެއިންއާއި އިޓަލީ ކުރިމަތިލާނެއެވެ. ޔަގީނުންވެސް ބެލުންތެރިން ފޫހިނުވާނެއެވެ. އިންތިޒާރު ކޮށްލަމާ ހިނގާށެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020