ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމާ ގުޅޭގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރު ނެގުމަކީ ބޭނުންތެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"އާސްކް ސްޕީކާ" ގެ ތިންވަނަ ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއެއް އޮންނާނެ ކަމަށާއި އެ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށެވެ.
ނަމަވެސް ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށާއި ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށާއި އަންނަ އަހަރު ނިޒާމުގެ ވޯޓެއް ނަގަން ފެންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ހިންގުން ރަނގަޅުވެގެންދާނީ ބަރުލަމާނީ ނިޒާމެއްގައި. އެ ބަދަލު ގެނައުމަށްޓަކައި 2022 ވަނަ އަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުން އެއީ ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ބޮޑުވަޒީރާއެކު މަޖިލީހުގެ ތެރެއިން ސަރުކާރު ހިންގުމުން ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި ތަރައްގީގެ ދުވެލިވެސް ބާރުވެގެންދާނެ ކަމަށެވެ. އެ ބަދަލު ގެނައުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށާއި އެ ބަދަލު ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި ބަދަލަށް ޕީޕީއެމުންވެސް ތާއީދު ކުރާނެ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ކަމަށް ކުރިން ވިދާޅުވެފައި ކަމަށެވެ. އެހެންކަމުން އެމްޑީޕީ އާއި ޕީޕީއެމް ގުޅިގެން މި ބަދަލު ގެނައުމަށް ވޯޓު ނަގައި ބަރުލަމާނީއަށް ބަދަލު ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކޮށް، ބޮޑުވަޒީރުކަން އެމަނިކުފާނަށް ދިނުމަށް އެދިވަޑައިގެންފައެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު