ޚަބަރު

އެއާޕޯޓް ސާވިސް ޗާޖު ނެގުން ހުއްޓާލައި ޑިޕާޗާ ޓެކްސްއަށް ބަދަލުތަކެއް ގެންނަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ރާއްޖޭގެ އެއާޕޯޓުތަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ އެއާޕޯޓް ސާވިސް ޗާޖު ނެގުން އަންނަ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް ހުއްޓާލައި އާ ޓެކުހެއްގެ ގޮތުގައި ޑިޕާޗާ ޓެކްސް ނަގަން ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލެކެވެ. މި ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ ޖަލްސާއަށް ހާޒިރުވެ ވަޑައިގެންނެވި 46 މެންބަރުންގެ ތެރެއުން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު ފާސްކުރަން ބޭނުން ނުވާ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

އެ ބިލުގައި ބުނެފައި ވަނީ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން ނަގަމުން އަންނަ 25 ޑޮލަރުގެ އެއާޕޯޓް ސާވިސް ޗާޖް ނަގާނީ އަންނަ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް ކަމަށެވެ.

އަލަށް ތައާރަފު ކުރުމަށް އެ ބިލުގައި ހިމަނާފައިވާ ޑިޕާޗާ ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށްވެސް ބުނެފައިވެއެވެ.

ޑިޕާޗާ ޓެކްސް ނެގުމުގައި ފްލައިޓުން ދަތުރު ކުރާ ކެޓަގަރީއަށް ބަލައި ޓެކްސް ނަގާ އަދަދަށް ބަދަލު ގެނެސްފައިވެއެވެ. އެބަދަލުގައި އިކޮނޮމިކް ކްލާހުގައި ދަތުރު ކުރާ ދިވެހީންގެ އަތުން މިހާރުވެސް ނަގަމުން އަންނަ އެއާޕޯޓް ސާވިސް ޗާޖާ އެއްވަރަށް ޑިޕާޗާ ޓެކްސް ނަގަން ހިމަނާފައިވީ ނަމަވެސް އެހެން ބައިތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން އިކޮނޮމިކް ކުލާހުގައި ދަތުރު ކުރާ ދިވެހިން އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 30 ޑޮލަރު، އަދި ބިޒްނަސް ކްލާހުން ދަތުރު ކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު އަދި ފަސްޓް ކުލާހުން ދަތުރު ކުރާ މީހުންގެ އަތުން 90 ޑޮލަރު ނެގުމަށް ނިންމާފައިވާ އިރު، ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 120 ޑޮލަރުން ނެގުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

ނަމަވެސް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދީން، ޑިޕާޗާ ޓެކްސް ނެގުމުން އިސްތިސްނާވާނެ ކަމަށް ބުނެފައިވެއެވެ.

މިހާރު ނަގަމުން އަންނަ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމަށްވެސް ބައެއް ބަދަލުތައް ގެނައުމަށް އިސްލާހުގައި ވަނީ ހިމަނައިފައެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ މިހާރު ނަގަމުން އަންނަނީ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރެވެ.

ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ޑިޕާޗާ ޓެކްސްއާ އެއްގޮތަށް އަދަދުތަކަށް ބަދަލު ގެނައުމަށް ވަނީ ހިމަނައިފައެވެ.

އެގޮތުން އެއާާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަމުން ގެންދާނީ އިކޮނޮމިކް ކުލާހުގައި ދަތުރު ކުރާ ދިވެހިން އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 30 ޑޮލަރެވެ. ބިޒްނަސް ކުލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނަގަން ނިންމާފައިވާ އިރު، ފަސްޓް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން ނަގާނީ 90 ޑޮލަރެވެ. އަދި ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 120 ޑޮލަރުގެ ނެގުމަށް ވަނީ ހިމަނައިފައެވެ.