މީހުން ދިރިއުޅޭ ސަރަހައްދުތަކާ ކައިރީގައި އިންޖީނުގެ ހުރުމުން ގެއްލުން ލިބޭ ފަރާތްތައް ކޯޓަށް ގޮސްގެން އެކަމުގެ ބަދަލު ސަރުކާރުގެ ފަރާތުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮނޑޭ) ގޮވާލައްވައިފިއެވެ.
ބޮންޑޭ އެކަމަށް ގޮވާލެއްވީ، މާލޭގައި ހުންނަ ސްޓެލްކޯ އިންޖީނުގެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ނުވަތަ ސްޓެލްކޯ އިންޖީނުގެ މާލެއިން އެހެން ތަނަކަށް ބަދަލުކޮށް، މާލެއަކީ ކާބަން އެމިޝަން ފްރީ ސިޓީއަކަަށް ހެދުމަށް ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ، އެތައް ޒަމާނެއްވީ އިރުވެސް، މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގެތައް އެ ސަރަހައްދުތަކުން ބަދަލުނުކޮށް ސަރުކާރުން އިހުމާލު ވެފައިވާ ކަމަށެވެ. އަދި ސަރުކާރުން އިހުމާލު ވެއްޖެއްޔާ އެކަމުގެ ބަދަލު ހޯދަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ލިބޭ ގެއްލުމުގެ ބަދަލަކީ ހޯދަން އެންމެ ރަނގަޅު ބަދަލު ކަމަށާއި އިހުމާލެއް ވެވިފައިވާކަން ސަރުކާރަށް ވިސްނޭނީ އެކަމުގެ ބަދަލު ސަރުކާރުން ހޯދައިގެން ކަމަށެވެ.
އެހެންކަމުން އިންޖީނުގެތަކުން ގެއްލުން ލިބިފައިވާ ފަރާތްތައް މައްސަލަތައް ކޯޓަށް ހުށަހަޅައިގެން އެމީހުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ސަރުކާރުން ހޯދުމަށް ބޮންޑޭ ގޮވާލެއްވިއެވެ. އަދި ސަރުކާރަށް އެއްޗެއް ވިސްނޭނީ އޭރުން ކަމަށް ވިދާޅުވިއެވެ.
ބޮންޑޭގެ އެވާހަކަތަކަށް ތާއީދުކޮށް މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވީ، މާލޭގައި ހުރި ސްޓެލްކޯ އިންޖީނުގެ ހުރި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކުގެ ލިސްޓަށް ބަލައިލާ އިރު، މައިގްރޭން މައްސަލަތަކާއި އެންޒައިޓީ އާއި ބޯ އެނބުރުމާއި މޭ ނުބައި ކުރުމާއި ނޭވާލުމަށް އުނދަގޫވުމާއި ނިދަން އުނދަގޫވުމާއި ލޯ ހިރުވުމާއި ހިތަށް ދިމާވާ މައްސަލަތަކާއި ކަންފަތައް އަޑު ނީވުމާއި ބުލަޑް ޕްރެޝަރާއި ސައިނަސްގެ މައްސަލަތައް ހިމެނޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު