ރާއްޖޭގެ 11 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ސަރުކާރުން މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
މި 11 ރަށުގައި މަގު ހެދުމުގެ މަޝްރޫއުގެ ޖުމުލަ އަގަކީ 912.15 މިލިއަން ރުފިޔާއެވެ. މި މަޝްރޫއުގެ ދަށުން އަށް ރަށެއްގެ މަގުތަކުގައި ތާރު އެޅުމަށް ހަމަޖެހިފައިވާ އިރު، އަނެއް ތިން ރަށުގެ މަގުތައް ހަދާނީ ސިމެންތި ޓްރީޓެޑް ބޭސް (ސީޓީބީ)އަކާއެކު ވެލި އަޅައިގެންނެވެ.
ތާރު އަޅައިގެން މަގު ހެދުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ރ. އިންނަމާދޫގެ 2.60 ކިލޯމީޓަރުގެ ހަތް މަގާއި، އއ. ފެރިދޫގެ 2.11 ކިލޯމީޓަރުގެ ތިން މަގާއި، ށ. ބިލެތްފަހިގެ 2.46 ކިލޯމީޓަރުގެ ހަތަރު މަގުގެ އިތުރުން ރ. ރަސްގެތީމްގެ 2.12 ކިލޯމީޓަރުގެ ހަ މަގެވެ. މީގެ އިތުރުން ބ. ދަރަވަންދޫގެ 2.55 ކިލޯމީޓަރުގެ ހަތަރު މަގާއި، ނ. މަގޫދޫގެ 2.11 ކިލޯމީޓަރުގެ ހަތަރު މަގާއި، ފ. ފީއަލިގެ 2.46 ކިލޯމީޓަރުގެ 10 މަގު އަދި ށ. މާއުނގޫދޫގެ 3.25 ކިލޯމީޓަރުގެ ހަތް މަގުގައިވެސް ތާރު އެޅުމުގެ މަސައްކަތްކުރާނެއެވެ.
ސީޓީބީއަކާއެކު ވެލި އަޅައިގެން މަގު ހެދުމަށް ހަމަޖެހިފައިވަނީ ތިން ރަށެއްގައެވެ. އެއީ ބ. ކެންދޫގެ 2.23 ކިލޯމީޓަރުގެ ހަ މަގާއި، އއ. މަތިވެރިގެ 2.35 ކިލޯމީޓަރުގެ 10 މަގު އަދި ކ. ދިއްފުށިގެ 2.36 ކިލޯމީޓަރުގެ ފަސް މަގެވެ.
އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި މަޝްރޫއުގެ މަސައްކަތް ނިމުމުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މަގުތަކެއް އެ ރަށްތަކުގެ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. އަދި ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވެ ޗަކަވުމުގެ ސަބަބުން ދަތުރުފަތުރުކުރާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ކުރިމަތިވާ ދަތިތަކަށް ބޮޑު ހައްލެއް ލިބި، އެ ރަށްތަކުގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް މުހިންމު ކުރިއެރުމެއް ލިބޭނެ ކަމަށް ދެކޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ކޮމެންޓް