ވިޔަފާރި މަޝްރޫއުތަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ހިމަނައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީ (ކޮމިޓީ އޮފް ދަ ހޯލް ހައުސް) އިންވެސް ފާސްކޮށްފިއެވެ.

މީގެ ކުރިން އެ ބިލު ހަމަ އެގޮތަށް އިގުތިސާދީ ކޮމިޓީންވެސް ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެ ކޮމިޓީން ބިލު ފާސް ކުރުމަށްފަހު ފޮނުނީ މުޅި މަޖިލީހުގެ ކޮމިޓީއަށެވެ.

މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި އެ ބިލަށް ބަހުސް ކުރުމަށްފަހު ބިލު ފާސްކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި އެބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ، ހާޒިރުވެ ތިއްބެވި 33 މެންބަރުންގެ ތެރެއިން 27 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯތު ދެއްވީ އެންމެ މެންބަރެކެވެ.

އެ ބިލު ދެން ފޮނުވާނީ މަޖިލިސް ތަޅުމަށެވެ. މުޅި ބިލު އޮތް ގޮތަށް ފާސްކުރުމާ މެދު ދެން ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި އެ ބިލުގައި، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ފަހަތަށް، އާމްދަނީން ޓެކްސް ދެއްކުމަށް ދެވޭ ހާއްސަ އިސްތިސްނާ ކަނޑައަޅައި 1-12ގެ ގޮތުގައި މާއްދާއެއް އިތުރު ކުރަން ވަނީ ހުށަހަޅައިފައެވެ.

އެ މާއްދާގައި ބުނެފައި ވަނީ އެ ގާނޫނުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި، ވަކި ވިޔަފާރު މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ. އެގޮތަށް އިސްތިސްނާ ކުރެވޭ މަޝްރޫއުތަކާއި ދާއިރާތައް ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށްވެސް ބުނެފައިވެއެވެ.

އެ މާއްދާގައި އިތުރަށް ބުނެފައި ވަނީ، އިސްތިސްނާ ދިނުމަށް ކަނޑައެޅޭ މަޝްރޫއުތައް ނުވަތަ ދާއިރާތައް ކަނޑައެޅުމަށްފަހު އެކަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މުއްދަތަކަށް ކަމަށެވެ. އަދި އިސްތިސްނާ ދިނުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަންވެސް އެ މާއްދާގައި ވަނީ ކަނޑައަޅައިފައެވެ.

އެ ބިލުގެ މަސައްކަތް އިހުތިސާދީ ކޮމިޓީގައި ކުރިއަށް ދިޔައިރޔވެސް އަދި، މިއަދު މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށްދިޔަ އިރުސް، އެ މާއްދާއިން ރައީސުލްޖުމްހޫރިްޔާއަށް ލިބިދިނުމަަށް ހިމަނާފައިވާ އިސްތިސްނާ ހާލަތާ މެދު އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ކޯލިޝަނުން ބުނީ، އެއީ ރައީސުލްޖުމްހޫރިއްޔާއަށް ދޭންޖެހޭ ބާރެއް ނޫން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ރައްޔިތުންނަށް ސީދާ ފައިދާވާނެ ބޮޑެތި ބިޔަ މަޝްރޫއުތަކަށް ޓެކްސްގެ ލުއި ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ރައީސް ބޭނުންފުޅުވާ ފަރާތްތަކަށް ޓެކްސް މައާފު ކޮށްދިނުމުގެ ބާރު ގާނޫނުގައި ކަނޑައަޅަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ވަނީ އެކަމާމެދު ކަންބިޑުވުން ފާޅު ކުރައްވައިފައެވެ.

މިއަދުގެ ކޮމިޓީގައި ވާހަކަ ދައްކަަވަމުން ޝިޔާމް ވިދާޅުވީ، ބިލުން ރައީސުލް ޖުމްހޫރިއްޔާއަށް ދިނުމަށް ކަނޑައަޅާފައިވާ އިހުތިޔާރަކީ ނުރައްކާތެރި އިހުތިޔާރެއް ކަމަށެވެ. އަދި އެ އިހުތިޔާރަކީ، ދައުލަތަށް ޓެކްސް ދައްކަންޖެހިފައިއޮތް ފަރާތެއްގެ ޓެކްސް މާފު ކޮށްދިނުން ނުވަތަކަ އެފަރާތަކަށް ލުއި ދިނުމުގެ ބާރު ލިބިދޭގޮތަށް ދޭން ކަނޑައަޅާފައިވާ އިހުތިޔާރެއްތޯ އޮޅުން ފިލުއްވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.