ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތައް ލިބުނު ފަރާތްތަކަށް ލިޓަސް ކޮންސްޓްރަކްޝަނުން ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.
"ހިތްގައިމު ދިރިއުޅުން" ނަމުގައި ތައާރަފު ކުރި މި ޕެކޭޖަކީ ފްލެޓުތައް ލިބުނު ފަރާތްތަކަށް އެ ފްލެޓްތަކުގެ ފިނިޝިންގެ ހުރިހާ މަސައްކަތެއް އެކުލެވޭ ޕެކޭޖެކެވެ.
ލިޓަސް އިން ބުނީ މި ޕެކޭޖަކީ ފުލެޓްގެ މަސައްކަތް މިހާރު ނިމިފައިވާ ހިސާބުން ފެށިގެން ދިރިއުޅެވޭނެ ފެންވަރަށް ތަން އެއްކޮށް ނިންމަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެކުލެވިގެންވާ ޕެކޭޖެއް ކަމަށެވެ. މި ޕެކޭޖަށް ފައިސާ ދެއްކުމަށް އިންސްޓޯލްމަންޓް ޕްލޭނެއް ހިމެނޭ ކަމަށާއި މި ޕްލޭނުގެ ދަށުން 48 މަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ލިޓަސްގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން އާސިފް ރަޝީދު ވިދާޅުވީ މި ޕެކޭޖް ތައާރަފުކުރުމުގެ އަމާޒަކީ ވީހާވެސް ލުއި ގޮތެއްގައި ފިނިޝިން ނިންމާލައި ހިތްހަމަ ޖެހިގެން ފުލެޓަށް ބަދަލުވާނެ ފުރުސަތެއް ހޯދައިދިނުން ކަމަށެވެ. އަދި މި ޕެކޭޖް ތައާރަފުކޮށްފައި ވަނީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތީން ކަމަށްވެސް ވިދާޅުވިއެވެ.
"މި ޕެކޭޖް ތައާރަފްކުރުމުގެ އަމާޒަކަށްވީ ވީހާވެސް ލުއި ގޮތެއްގައި ވީހާވެސް ރަގަޅަށް ފިނިޝިން ނިންމާލައި ހިތްހަމަޖެހިލައިގެން އަމިއްލަ ފުލެޓަށް ބަދަލުވާނެ ތަނަވަސް ފުރުސަތެއް ހޯދައިދިނުން. ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން މިކަހަލަ ޕެކޭޖެއް ފަރުމާކުރެވި މިއަދު ވުޖޫދަށް މިއައީ،" އާސިފް ރަޝީދު ވިދާޅުވިއެވެ.
ލިޓަސްއިން ބުނީ މި ޕެކޭޖުގެ ދަށުން ސްލޮޓްތައް ދޭނީ އެގްރީމެންޓް ކުރަން ލިބޭ ތަރުތީބުން ކަމަށެވެ. އަދި މި މިޕެކޭޖަށް ހުށަހަޅަން ޖެހޭ ލިޔުންތަކާއި ޕްރޮސެސް ލުއިގޮތަކަށް ނިންމާލެވޭނެ ކަމަށްވެސް ބުންޏެވެ. މި ޕެކޭޖާ ގުޅޭ އިތުރު މައުލޫމާތު 7978339 އަށް ގުޅައިގެން ސާފުކުރެވޭނެއެވެ.
ޗައިނާ ސަރުކާރުގެ އެންމެ ބާރު ގަދަ އެއް ކުންފުނި ކަމަށްވާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރު ހަދައިފައިވާއިރު، އެތަނުގައި ޖުމްލަ 7000 ހައުސިން ޔުނިޓް ހިމެނެއެވެ.
ނަމަވެސް 400 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ހެދި އެތަން ހަވާލުކުރާނީ ތަޅުމުގައި ތަށިމުށި ނުޖަހައި ކޮޓަރިތަކާއި ފާހާނާތަކުގައި ދޮރު ހަރުނުކޮށް އަދި ކުލަ ވެސް ނުލައެވެ. އެހެންކަމުން އެކަންކަން ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ނިންމާފައި ވަނީ ތިން މަސް ދުވަސް ދިނުމަށެވެ. އެ މުއްދަތުގައި ފްލެޓުތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ހިޔާ ފްލެޓަށް ފައިސާ ދައްކަން މަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާއެވެ. އަދި ފްލެޓުތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ ނަގާނެއެވެ. އަދި ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު