މަރާލާފައި އޮއްވައި ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާދަމާ ރާއްޖެއިން ބޭރަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ މީހުން ދިރި ނޫޅޭ ސަރަހައްދު މޫދު ތެރެއިންނެވެ. ފެނުނުއިރު އޮތީ ފޮއްޓަކަށް ލައިފައެވެ. އަދި ހަށިގަނޑުގައި ޒަހަމްތަކެއް ހުއްޓެވެ. އެހެންކަމުން ފުލުހުން ވަނީ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފައެވެ.
ފުލުހުން މިރޭ ބުނީ 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާދަމާ ރާއްޖެއިން ބޭރަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ. ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ހަމަޖެހިފައިވަނީ އިންޑިއާއަށް ކަމަށްވެސް ބުންޏެވެ.
އެ ކުއްޖާގެ ހަށިގަނޑު ފެނުނު މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި މީހަކަށް ބަލައިލަން ކެތްނުވާ ވަރަށް ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް ހުއްޓެވެ. ކަރުގައި ވަށް އެއްޗެއް ބައްދާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ބެލެވޭ ގޮތުގައި އެ ކުއްޖާ މަރާލީ ކަރުގައި އެއްޗެއް ބައްދައި ނޭވާ ހާސްކޮށްގެނެވެ.
މި މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފައިވާއިރު އެމީހުންނަށް ވަނީ މާރާމާރީ އާއި، ގަސްދުގައި މީހަކު މެރުމުގެ ތުހުމަތާއި ޖިންސީ ގޯނާގެ ތުހުމަތު ކޮށްފަ އެވެ. އޭގެ ތޭރެއިން 17 އަހަރުގެ ފިރިހެން ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު