ވިޔަފާރި މަޝްރޫއުތަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ހިމަނައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އިގުތިސާދީ ކޮމިޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި އެ ބިލުގައި، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ފަހަތަށް، އާމްދަނީން ޓެކްސް ދެއްކުމަށް ދެވޭ ހާއްސަ އިސްތިސްނާ ކަނޑައަޅައި 1-12ގެ ގޮތުގައި މާއްދާއެއް އިތުރު ކުރަން ވަނީ ހިމަނައިފައެވެ.
އެ މާއްދާގައި ބުނެފައި ވަނީ އެ ގާނޫނުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި، ވަކި ވިޔަފާރު މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ. އެގޮތަށް އިސްތިސްނާ ކުރެވޭ މަޝްރޫއުތަކާއި ދާއިރާތައް ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށްވެސް ބުނެފައިވެއެވެ.
އެ މާއްދާގައި އިތުރަށް ބުނެފައިވަނީ، އިސްތިސްނާ ދިނުމަށް ކަނޑައެޅޭ މަޝްރޫއުތައް ނުވަތަ ދާއިރާތައް ކަނޑައެޅުމަށްފަހު އެކަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މުއްދަތަކަށް ކަމަށެވެ. އަދި އިސްތިސްނާ ދިނުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަންވެސް އެ މާއްދާގައި ވަނީ ކަނޑައަޅައިފައެވެ.
އެ ބިލުގެ މަސައްކަތް ކޮމިޓީގައި ކުރިއަށްދިޔަ އިރު، އެ މާއްދާއިން ރައީސުލްޖުމްހޫރިްޔާއަށް ލިބިދިނުމަަށް ހިމަނާފައިވާ އިސްތިސްނާ ހާލަތާ މެދު އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ކޯލިޝަނުން ބުނީ، އެއީ ރައީސުލްޖުމްހޫރިއްޔާއަށް ދޭންޖެހޭ ބާރެއް ނޫން ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ރައްޔިތުންނަށް ސީދާ ފައިދާވާނެ ބޮޑެތި ބިޔަ މަޝްރޫއުތަކަށް ޓެކްސްގެ ލުއި ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ރައީސް ބޭނުންފުޅުވާ ފަރާތްތަކަށް ޓެކްސް މައާފު ކޮށްދިނުމުގެ ބާރު ގާނޫނުގައި ކަނޑައަޅަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް އެ އިހުތިޔާރު ދޭން ހުށަހެޅީ، މިހާރު އަމަލު ކުރަމުންދާ ގާނޫނުގައި އެބައި ނެތުމުން އުނދަގޫތަކެއް ކުރިމަތިވާތީ ކަމަށެވެ.
ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ އާމްދަނީއަކުން ނުވަތަ އާމްދަނީގެ ވަކި މިންވަރަކުންނާއި، ވަކި މުއްދަތެއް ކަނޑައަޅައިގެން އާމްދަނީން ނަގާ ޓެކްސް އާއި ވިތް ހޯލްޑިން ޓެކްސް ދެއްކުމުން އިސްތިސްނާ ކުރުމުގެ އިހުތިޔާރަކީ މީގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ އިހުތިޔާރެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަަމަވެސް މިފަހަރުގެ ބިލުން ގާނޫނަށް އެ އިސްލާހު ގެންނަން ހިމަނަން ޖެހުނީ، އެންމެ ފަހުން އިސްލާހުކޮށް އަމަލު ކުރަން ފެށި އިންކަމް ޓެކްސްގެ ގާނޫނުގައި އެގޮތަށް ކަނޑައަޅާފައިނުވާތީ އުދަނގޫތަކާ ކުރިމަތިލާން ޖެހޭތީ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި އެ އިސްތިސްނާއަކީ ކުރީގެ އެގްރީމެންޓުތަކުންވެސް ދީފައި ހުރި އިސްތިސްނާތަކެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރައީސަށް އެ ބާރު ދިނުމުުގެ އިތުުރުން ރީ އިންޝުއަރެންސްގެ މެކޭނިޒަމްގައި ފާހަގަކުރެވޭ ކަންތައްތައް އިސްލާހުކުރުމަށްވެސް ބިލުގައި ހުށަހަޅާފައިވާނެ ކަމަށެވެ. އެެގޮތުން ރީ އިންޝުއަރެންސުން ވިތް ހޯލްޑިން ޓެކްސް ނެގުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މާއްދާ އުވާލުމަށް އެ އިސްލާހުގައި ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.