ޔޫރޯ 2020 ގެ ކުއާޓާ ފައިނަލުގައި ބޮޑު ތަފާތަކުން ޔޫކްރެއިން ބަލިކޮށް، އިންގްލެންޑުން 1996 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
މިރޭ އިޓަލީގެ ރޯމްގައި ކުޅުނު މެޗު އިންގްލެންޑުން 4-0 ގެ ނަތީޖާއަކުން މޮޅުވެފައިވާ އިރު، އެއީ އިންގްލެންޑްގެ ޔޫރޯ ތާރީހުގައިވެސް އެޓީމުން ހޯދި އެންމެ ބޮޑު މޮޅެވެ.
މިރޭގެ މެޗުގެ ކުރިން އިންގްލެންޑުން ޔޫރޯ މެޗަކުން ހަތަރު ގޯލުގެ ތަފާތަކުން މޮޅުވެފައެއް ނެތެވެ. އެ ތަފާތާ އެންމެ ގާތް ކޮށްފައި ވަނީވެސް އެޓީމުން 1996 ވަނަ އަހަރު ނެދަލޭންޑްސް ކައިރިން 4-1 ގެ ނަތީޖާއަކުން މޮޅުވެފައި އޮތް އޮތުމާއި، 2004 ވަނަ އަހަރު 3-0 ގެ ނަތީޖާއަކުން ސްވިޒަލޭންޑް ބަލިކޮށްފައި އޮތް އޮތުމެވެ.
މިރޭގެ މެޗަކީ ޔޫކްރެއިންގެ ތާރީހުގައިވެސް ފުރަތަމަ ކުއާޓާ ފައިނަލް މެޗެވެ. އެޓީމުން ދަނީ ގައުމީ ފުޓުބޯޅަ ތާރީހުގެ ތެރެއިން ޖާގަ ހޯދަމުންނެވެ. އިންގްލެންޑަށް އޮތް އެންމެ ބޮޑު ޗެލެންޖަކަށް ވީވެސް ޔޫކްރެއިންގެ ގައުމީ ރޫހެވެ. އެގައުމަށް ވަނީ ގައުމީ ކަމެއްގެ އިހުސާސް އައިސްފައެވެ. ޔޫކްރެއިންއިން މިހާތަނަށް އައި އިރު، ހިތްވަރު ކުރަމުން ދިޔައީ ގައުމީ ޖޯޝުގައެވެ.
އަނެއްކޮޅުން މެޗަށް ނުކުތް އިންގްލެންޑުން މިފަހަރުގެ މުބާރާތަށް ނުކުތީ ފުރަތަމަ ފަހަރަށް ޔޫރޯ ހޯދުމަުގެ ވަރުގަދަ އަޒުމުގައެވެ. ޒުވާން ސްކޮޑަކާއެކު އެޓީމުން ކުއާޓާއަށް ގޮސްފައި ވަނީ ބަލިނުވެ، ކޮޅަށް ގޯލެއްވެސް ނުވައްދައެވެ. ގަދަ 16 ގައި އިންގްލެންޑުން ވަނީ ވަރުގަދަ ޖަރުމަނު 2-0 އިން ބަލިކޮށްފައެވެ. އެޓީމުން އަމާޒު ހިފާފައި ހުރީ 1996 ވަނަ އަހަރަށްފަހު ފުރަތަމަ ސެމީ ފައިނަލް ކުޅުމަށެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ސެމީއަށްވެސް އިންގްލެންޑް ގޮސްފައިވާއިރު، ޔޫރޯގެ ސެމީގައި ކުޅެވުން ވެގެންދާނީ ކޯޗު ގެރެތު ސައުތުގޭޓަށް ކާމިޔާބީއަކަށެވެ.
މެޗު ވަރުގަދަކޮށް ފެށީ ފެވަރިޓުން ކަމަށްވާ އިންގްލެންޑުންނެވެ. އެޓީމުން މެޗުގެ ފަސް މިނެޓުވެސް ނުވަނީސް ލީޑު ނެގިއެވެ. މުބާރާތުގައި އިންގްލެންޑަށް އެންމެ މުހިއްމު ކުޅުމެއް ދައްކަމުން އަންނަ ރަހީމް ސްޓާލިން ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް ލީޑު ނަގައިދިނީ ހެރީ ކޭންއެވެ. ކުއާޓާގައި ޖަރުމަނު ކޮޅަށްވެސް ކެޕްޓަން ކޭން ގޯލު ޖަހައިފައިވާ އިރު، މިރޭގެ ގޯލަކީ މުބާރާތުގައި އޭނާ ޖެހި ދެވަނަ ގޯލެވެ.
މިރޭގެ މެޗަށްވެސް އިންގްލެންޑުން ވަނީ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްފައެވެ. ފޯމޭޝަނަށްވެސް ބަދަލު ގެނެސް ޖޯޑަން ސަންޗޯ ފުރަތަމަ 11 ގައި ހިމަނާފައިވާ އިރު، މިރޭގެ މެޗަށް މޭސަން މައުންޓްވެސް ވަނީ އެނބުރި ފުރަތަމަ 11 އަށް އައިސްފައެވެ.
އިންގްލެންޑުން ފުރަތަމަ ކޮޅުގައި ގޯލެއް ޖެހި ނަމަވެސް ފުރަތަމަ ހާފުގައި ޔޫކްރެއިންވެސް ވަނީ ހިތްވަރު އެލުވާނުލައި މަސައްކަތް ކޮށްފައެވެ. އިންގްލެންޑުން ގޯލަށްފަހު ވަރަށް ބޮޑަށް ފަހަތަށް ޖެހި ޕެކް ކޮށްލިކަން ފާހަގަވެގެން ދިޔަ އިރު، ކައިލް ވޯކާއަށް ހެދުނު ގޯހަކުން ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޔޫކްރެއިންގެ ފޯވަޑް ޔަރެމްޗުކް ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފައެވެ. އަދި ފުރަތަމަ ހާފުގައި ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައަކުން ޝަޕަރެންކޯ ފޮނުވާލި ހަމަލާ، އިންގްލެންޑްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
އިންގްލެންޑުން ވަނީ ފުރަތަމަ ހާފުގައިވެސް ލީޑު ފުޅާކުރުމަށް އިތުރު ދެ ފުރުސަތެއް ތަނަަވަސްކޮށްފައެވެ. ލޫކް ޝޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސަންޗޯ ފޮނުވާލި ހަމަލާ، ޔޫކްރޭނުގެ ކީޕަރު ބުޝްޗާން މަތަކޮށްފައިވާ އިރު، ޑެކްލަން ރައިސް މެދުތެރެއިން ފޮނުވާލި ބާރު ހަމަލާވެސް ޕަންޗުކޮށް ބޭރުކޮށްލީ ބުސްޗާނެވެ.
ދެވަނަ ހާފު އިންގްލެންޑުން ފެށީ ވަރުގަދަކޮށެވެ. އެޓީމުން ހާފުގެ ކުރީކޮޅުގައި ފުލުފުލުގައި ދެ ގޯލު ޖަހައި ޔޫކްރެއިންގެ ހިތްވަރު ބަލިކޮށްލިއެވެ. ޝޯ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް ދެވަނަ ގޯލު މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ކާމިޔާބު ކޮށްދީފައިވާ އިރު، އޭގެ ފަސްވަރަކަށް މިނެޓް ފަހުން ކޭން އޭނާގެ ދެވަނަ ގޯލާއެކު އިންގްލެންޑަށް ތިން ގޯލުގެ ލީޑެއް ނަގައިދިނެވެ. އެ ގޯލަށްވެސް އެސިސްޓް ކޮށްދިނީ ޝޯއެވެ.
އިންގްލެންޑުން ތިން ގޯލު ޖަހައި، އެޓީމުގެ ފުރިހަމަ ކޮންފިޑެންސްގައި ކުޅެން ފެށިއެވެ. ކޭންގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ވޮލީއެއް ބުސްޗާން މަތަކުރި އިރު، އިންގްލެންޑުން މާ ގިނައިރެއް ނުވެ ހަތަރުވަނަ ގޯލުވެސް ޖެހިއެވެ. މައުންޓް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިންގްލެންޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ޖޯޑަން ހެންޑަސަންއެވެ. އެއީ އިންގްލެންޑަށް ހެންޑަސަން ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
އެ ގޯލާއެކު އިންގްލެންޑުން ވަރަށް ބޮޑަށް ފަހަތަށް ޖެހި މަޑުޖެހިލިއެވެ. ޔޫކްރެއިންއިން ކުރިއަށް ޖެހެން ފުރުސަތު ދީ ޑިފެންސިވް ގޭމަކަށް އިންގްލެންޑް ކުޅުން ބަދަލުކޮށްލައިފައިވާ އިރު، ޔޫކްރެއިން ދިޔައީ މެޗުގައި ގޯލެއް ޖެހުމާ ގާތަށް ޖެހެމުންނެވެ. އޭރިއާ ބޭރުން މަކަރެންކޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އިންގްލެންޑްގެ ކީޕަރު ޕިކްފޯޑްއާ ދިމާއަށެވެ. އަދި އޭގެ ފަހުން ޔާމަލެންކޯ ފޮނުވާލި ހަމަލާވެސް ކާމިޔާބެއް ނުވިއެވެ.
އިންގްލެންޑުން ރޯމްގައި ހޯދި ތާރީހީ މޮޅާއެކު އެޓީމުން ސެމީ ޔަގީން ކޮށްފައިވާ އިރު، ސެމީގައި އިންގްލެންޑް ކުޅެން ޖެހޭނީ ޑެންމާކާ ދެކޮޅަށެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020