ގާނޫނުއަސާސީން ލިބިދޭ ނޫސްވެރިކަމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.

އެމްޖޭއޭ އިން މިގޮތަށް ގޮވާލާފައިވާ އިރު، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ދާދި ފަހުން ފޮނުވި ސިޓީއެއްގެ މައްސަލަ ރާއްޖޭގެ މީޑިއާގައްޔާއި ސޯޝިއަލް މީޑިއާގައި ވަނީ ހޫނުވެފައެވެ.

އެ ސިޓީގައި އިންޑިއާގެ ހައިކޮމިޝަނުން ބުނެފައި ވަނީ ރާއްޖޭގައި ތިއްބަވާ އެގައުމުގެ ޑިޕްލޮމޭޓުންނާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ރާއްޖޭގެ މީޑިއާގައި ފަތުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން އެފަދަ އޮފިޝަލުންނަށް ނުރުހުން ރައްދުވެ ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ތަކުރާރުކޮށް ފަތުރަމުންދާ ކަމަށާއި މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމަށްވެސް ބުރޫ އަރައިފާނެ ކަމެއް ކަމުން އެފަދަ މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް ވަނީ އެދިފައެވެ.

އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރި މި މައްސަލަ ބަލައިދިނުން އެދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިހާރު ވަނީ އެމްއެމްސީ އަދި ފުލުހުގައިވެސް އެދިފައެވެ.

އެކަމާ ގުޅިގެން އެމްޖޭއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާ ހައިކޮމިޝަނުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުން މެދުވެރިކޮށް ''ދިޔަރެސް'' ނޫހުގެ މައްސަލައެއް ބަލައިދިނުމަށް މީޑިއާ ކައުންސިލުގައި އެދިފައިވާތީ އެކަމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"މި ޖަމިއްޔާ އިން ގަބޫލުކުރާ ގޮތުގައި ނޫހެއްގައި ޝާއިއު ކުރާ ކޮންޓެންޓަކާ ގުޅޭ މައްސަލައެއް ބަލައިދޭން އިންޑިއާ ހައިކޮމިޝަނުން އެދޭނަމަ އެކަން ކުރަން ޖެހޭނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް. ނަމަވެސް މި ޖަމިއްޔާއަށް މައުލޫމާތު ލިބިފައިވާ ގޮތުން މިނިސްޓްރީން އެފަދަ އެއްވެސް މައްސަލައެއް ބަލައިދިނުމަށް މީޑިއާ ކައުންސިލަށް ހުށަހަޅާފައެއް ނުވޭ. އޭގެ ބަދަލުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެމްއެމްސީއަށް ސިޓީއެއް ފޮނުވައި، އެ މައްސަލަ ބަލައިދޭން އެދިފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފަ،" އެމްޖޭއޭއިން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ މިއީ މީޑިއާގެ އެތިކަލް މައްސަލަ ބެލުމުގައި އަމަލުކުރާ އެންމެހާ ބެސްޓް ޕްރެކްޓިސްތަކާ ހިލާފުކަމެއް ކަމަށާއި އެމްއެމްސީ އޯވަސީ ކުރުމުގެ މެންޑޭޓް އޮންނަ ކޮމިޓީން މީޑިއާއެއްގެ މައްސަލަ ބަލައިދޭން އެ ކައުންސިލުގައި އެދުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.

"މި ޖަމިއްޔާއިން އެންމެހާ ފަރާތްތަކަށް ގޮވާލަނީ މީޑިއާގެ އެތިކަލް މައްސަލަތައް އޮންނަ އުސޫލުގެ ތެރެއިން ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް. އަދި ގާނޫނުއަސާސީން ލިބިދޭ ނޫސްވެރިކަމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލަން،" އެމްޖޭއޭއިން ބުންޏެވެ.

އެމްޖޭއޭ އިން ވަނީ މީޑިއާތަކުންވެސް ކޮންޓެންޓް ޝާއިއުކުރުމުގައި ޒިންމާދާރުވެ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑު އެންމެ މަތީ ދަރަޖައެއްގައި ހިފެހެއްޓުމަށްވެސް ނޫސްވެރިންނަށް ގޮވާލައިފައެވެ.